ތިޖޫރީން ވައްކަންކުރަން އުޅުނު ދެމީހަކު ބަންދުކޮށްފި

ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު އަތުލައިގެންފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ދެމީހުންވެސް އަތުލައިގަނެ މިހާރުވަނީ ބަންދުކޮށްފައެވެ. އެމީހުން ބަންދުކުރީ ރޭ މެންދަމުން އަލިވެ 3:10 އެހައިކަންހާއިރުއެވެ. ފުލުހުންނަށް އެ މައުލޫމާތު ލިބުމުން އެ އޮފީހަށް ދިޔައެވެ. ފުލުހުން ދިޔައިރު އެ މީހުން މަސައްކަތް ކުރަމުންދިޔައީ ތިޖޫރި ހަލާކު ކުރުމަށެވެ.

"އެމީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ ހުޅުމާލޭ ޕޮލިސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ރޭ 03:10 ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން އެއޮފީހަށް ދިޔައިރު، ތިޖޫރި ހަލާކުކޮށްލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަދި އެ ދެމީހުން އެވަގުތު ތިބި ތަނުން ތިޖޫރި ހަލާކުކޮށްލުމަށްޓަކައި ބޭނުންކުރަމުންދިޔަ ބައެއް އާލާތްތައްވެސް ފެނިފައިވެއެވެ،" ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ ބަލަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.