އިގްތިސާދު އެކުލަވާލާނީ ރަށްވެހި ތަރައްގީއަށް ބަލައިގެން:ރައީސް

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ އަރބަން ޕްލޭނިންގއާއި، އިގްތިސާދީ ތަސްއްވުރު އެކުލަވާލާނީ "ރަށްވެހި ތަރައްގީ" ގެ މައްޗަށް ބިނާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ފާއިތުވެދިޔަ ހަތަރު އަހަރު ހިންގަވާފައިވާ ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ އުސްއަލިތައް ހިމަނައިގެން އެކުލަވާލާފައިވާ ޚާއްސަ ފޮތް، އިފްތިތާހު ކޮށްދެއްވުމަށް ފަހު އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީ މިހާރު ގޮސްފައިހުރި މިންވަރަށް ބަލާއިރު، އެސަރަޙައްދުތަކުގައި މިހާރު ކުރަން ޖެހޭ ކަންކަމަކީ އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމު ކުރެއްވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މިސަރުކާރުން ކޮށްދެއްވާފައިވާ މަސައްކަތްތައް މިފޮތުން ހާމަވެގެންދާނެ ކަމަށާއި، މި މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއި، ކުރިއެރުމާއި، މަސްލަހަތަށް އަދި ދިވެހިރާއްޖެއަކީ އަމާން، ފާގަތި، އުފާވެރި ތަނެއްގެ ގޮތުގައި ދެމިއޮތުމަށްކުރާ މަސައްކަތްތަކެއް ކަމަށެވެ. ރައްޔިތުންނަށް އެންމެ ދަތިވެފައި ހުރި ކަންކަން ޙައްލުކޮށްދިނުމަށް މިސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އެމަސައްކަތްތަކުގެ ނަތީޖާތައް މިއަދު އިފްތިތާޙް ކުރެވުނު ފޮތުން ފެނިގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރަށްވެހި ތަރައްގީ" ގެ އެންމެ މުހިންމު ބޭނުމަކަށް ވެގެންދަނީ ތަފާސް ހިސާބުން، މަދުރަސާތަކުގެ ކިޔަވާ ކުދިންނަށް، ރިސަރޗްކުރާ ކުދިންނަށް، އަދި ޚާއްސަކޮށް ސިޔާސީ ބޭފުޅުންނަށް މުހިންމު އެތައް މަޢުލޫމާތެއް ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަށްވެހި ތަރައްޤީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލެއްވި ފޮތަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެނިފައި ނުވާފަދަ ބޮޑެތި ބިޔަ މަޝްރޫތަކެއްގެ ތެރެއިއިން ރައީސް ޔާމީންގެ ޒަޢާމަތުގައި، މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވާ ތަރައްގީއެއް ދިވެހިރާއްޖެއަށް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ފޮތެކެވެ.

ދިރާސާކުރާ ފަރާތްތަކަށާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދެކެފައިވާ ބަދަލުތަކާގުޅޭ ވަރަށް ތަފްސީލީ މަޢުލޫމާތުތަކެއް އެ ފޮތުން ލިބޭނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.