ނައިިޖީރިޔާގެ ބެނޫ ސްޓޭޓްގެ ވެރިރަށް މަކުރްދީގައި ނަސާރާއިންގެ ބަޔަކު ނުކުމެ ހޯސާ ގަބީލާގެ މުސްލިމުންގެ 11 މީހަކު މަރާލައިފިއެެވެ. އިއްޔެ (ބުދަ ދުވަހު) މި އަމަލު ހިންގާފައިވަނީ އޭގެ ކުރީދުވަހު (އަންގާރަ ދުވަހު) މުސްލިމުންގެ ބަޔަކު ނުކުމެ ފައްޅިއެެއްގައި އަޅުކަންކުރަން ތިބި ނަސާރާއިންގެ 18 މީހަކު މަރާލާފައި ވަނިކޮށެެވެ.
"މި ހަމަނުޖެހުމުގައި އަހަރުމެންގެ ރައްޔިތުންގެ ތެރެއިން 11 މީހަކު މިވަނީ އަހަރުމެންނަށް ގެއްލިގެން ގޮަސްފައި. ޒަަޚަމްވެފައިވާ 5 މީހަކު ހޮސްޕިޓަލްތަަކަށް ގެންދެވިފައިވޭ." ބެނޫ ސްޓޭޓްގެ އިސްލާމިކް އެފެއާޒްގެ މުސްތަޝާރު ރިލުވާނޫ އާދަމޫ ވިދާޅުވެފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވީ ހަމަލާތައް ދެވިފައި ވަނީ ރަށުގެ އެކި ހިސާބުތަކުގައި ކަމަށާއި، ހަމަލާދެވުނު ބައެއް މީހުން "އަންދާލާފައި" ވާތީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
މަކުރްދީގައި މުސްލިމުންނަށް މިހަމަލާ ދެވިފައި މިވަނީ އަންގާރަ ދުވަހު ހެނދުނު ބެނޫ ސްޓޭޓްގެ މްބާލޯމް އަވަށަށް 30 ވަރަކަށް މީހުންގެ ޖަމާއަތަކުން ބަޑި ހިފައިގެން ވަދެ އެއަވަށުގެ ސެއިންޓް އިންގާޓިއަސް ކެތޮލިކް ފައްޅީގައި އަޅުކަންކުރަން ތިބި ބަޔަން ހަމަލާދީ 2 ފާދިރީއަކާއި އިތުރު 16 މީހުން މަރާލާފައި ވަނިކޮށެވެ. މި އަމަލު ހިންގާފައިވަނީ ރަށްބޭރުގައި ދިރިއުޅޭ ފުލާނީ ގަބީލާގެ ގެރިބަކަރި ހުއިހައްޕާ މީހުން ކަމަށް ނަސާރާއިން ތުހުމަތުކުރެއެވެ. ފުލުހުން ބުނީ އެއަވަށުގައި 50 ގެއަށްވުރެ ގިނައިން އަންދާލާފައިވާ ކަމުގައެވެ.
މްބާލޯމް އަވަށުގައި ހިނގި ކަންތަކަށް ފަހު އިއްޔެ، މަކުރްދީގެ މަގުތަކަށް ނަސާރާ ޒުވާނުން ނުކުމެ އިހްތިޖާޖު ކުރުމުގެ ތެރޭގައި ހޯސާ ގަބީލާގެ މުސްލިމް ވިޔަފާރިވެރިންގެ ތަންތަނަށް ހަމަލާދިނީއެވެ.
ނައިޖީރިއާއަކި އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އެގައުމުގެ 186 މިލިއަން މީހުންގެ ތެރެއިން %47 މީހުންނަކީ މުސްލިމުންނެވެ. %43 މީހުންނަކީ ނަސާރާއިންނެވެ. އަނެއް %10 މީހުންނަކީ ތަފާތު އެހެން ދީންތަކުގެ މީހުންނެވެ.
ބިމާއި، ދަނޑުތަކުގެ މިިލްކުވެރިކަން ފަދަ މައްސަލަތަކުގައި ނައިޖީރިޔާގައި އަބަދުވެސް މުސްލިމުންނާ، ނަސާރާއިންނާ ދެމެދު ހަމަނުޖެހުން ހިނގައެވެ. 2016 އަހަރު ނައިޖީރީޔާގައި ހިނގި ދީނީ ހަމަނުޖެހުންތަކުގައި 2500 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.