ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ޖުލައިގައި ހުޅުވާލާނަން: އީސީ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، އަންނަ ޖުލައިމަހު އެފުރުސަތު ހުޅުވައިލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރު އަހުމަދު ޝަރީފް އާދަމް އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފުރުސަތު ޖުލައި މަހު ހުޅުވަން ނިންމާފައި ވިޔަސް ތާރީޚެއް އަދި ފައިނަލް ވެފައިނުވާ ކަމަށެވެ.

"ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ހުޅުވާލާނީ ޖުލައިމަހު. އެކަމަކު އަދި ތާރީޚު ކަނޑައެޅިފައެއްނެތް،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ފަސްވަރަކަށް މަހަށް ވެފައި ވިޔަސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވައި ކެމްޕޭން ފަށްޓަވައިފައިވަނީ ހަމައެކަނި ރައީސް ޔާމީނެވެ. އިތުރު ބޭފުޅަކު ޝައުގުވެރިކަންވެސް ފާޅުކުރައްވައިފައިވެސް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިއުލާން ކުރެއްވިއެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީއަށް ބަދަލުވެ ވަޑައި ގެންނެވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށައިފައެވެ. އެ ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި އިލެކްޝަންސްގެ ޓީމެއް މިހާރުވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. މި ދެސިޓީގައި އެމަސައްކަތް ފެށުމަށްޓަކައި އެޓީމުން ވަނީ ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރާ ވެސް ބައްދަލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.