އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް ހުޅުވާލުމާއެކު އިދިކޮޅު ފަރާތްތަކުން ގުޅިގެން ނެރޭ އެއް ކެންޑިޑޭޓްގެ ނަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
އިދިކޮޅު ހަރަކާތްތައް އެންމެ ބޮޑަށް ކުރިޔަށް ގެންދާ މ. ކްނޫޒްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވީ އިދިކޮޅުން އެއް ކެންޑިޑޭޓް ނެރޭނެ ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުގައި ބަލި ކުރައްވާނެ ކެންޑިޑޭޓަށްވެސް ވެގެންދާނެ ކަމަށެވެ.
އިބޫ ވިދާޅުވީ އެކަށްޓަކައި އިދިކޮޅު ފަރާތްތައް ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީން މިހާރުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިލެކްޝަން ކޮމިޝަނަށް ކެންޑިޑޭޓްގެ ފޯމު އިދިކޮޅުން ވައްދާނެ ކަމަށެވެ. ނަމަވެސް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކު މިވަގުތު ނިންމިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އިބޫ ސާފު ކޮށެއް ނުދެއްވައެވެ.
އިބޫ ވިދާޅުވީ މިވަގުތު އެ ކޮމިޓީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާނެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ އަސާސީ ސިފަތަކެއް ކަރުދާހެއްގައި އެކުލަވާލުން ކަމަށެވެ. އަދި އެ ކަރުދާހުގައިވާ މައުލޫމާތު އާންމުންނާވެސް ޙިއްސާ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވަން ކެމްޕޭން ކުރައްވާ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގައި ތާއީދު ނެތް ކަމަށާއި އެހެންވެ އިންތިޚާބ އިދިކޮޅުން ކާމިޔާބު ކުރާނެ ކަމަށެވެ. ނަމަވެސް އިދިކޮޅުން ނުކުންނާނެ ކެންޑިޑޭޓަކީ އަދި ރަނިންމޭޓަކީ އިދިކޮޅު ކޮންޕާޓީއަކުން ނުކުންނަވާ ބޭފުޅެއްކަމެއް އަދި ނުނިންމެއެވެ. އިދިކޮޅު ކޯލިޝަނުގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުގެ މެމްބަރުންނެވެ.
ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް އިންތިޚާބުގައި ވާދަކުރައްވާނެކަން ކަށަވަރު ވެފައިވާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީން ގެންދަވަނީ މިހާރުވެސް ކެމްޕޭން ކުރައްވަމުންނެވެ.