ހުޅުމީދޫ ބޮޑުމަގު ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އައްޑޫސިޓީ ހުޅުމީދޫގެ ބޮޑުމަގުގައި ތާރަ އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ މުހައްމަދު ޖަމްޝީދު ވިދާޅުވެއްޖެއެވެ.

"ހުޅުމީދޫ ބޮޑުމަގުގައި ތާރައަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް ބޭނުންވާ ސާވޭ ކުރިއަށް އެބަދޭ. އެހެން ކަމުން އެމަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ކުރިއަށް އެބަދޭ،" ޖަމްޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިހާރުވެސް މާލެއާއި ބައެއް ރަށްރަށުގެ އެތައް މަގުތަކެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަކަށް އެމަސައްކަތްތައް ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމްޝީދު ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. "މިސަރުކާރަކީ ވަކި ކުލައަކަށް ބަލައިގެން ޚިދުމަތްދޭ ސަރުކާރެއްނޫން. ރައީސް ޔާމީން މިހާރުވެސް އިރުޝާދު ދެއްވަނީ މިފަދަ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމެވުމަށް. މިސަރުކާރުކާރުން މަސައްކަތް ކުރައްވާނީ އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށް ތަރައްގީ ގެނެސް ދެއްވުމަކީ ރައީސް ޔާމިން އެންމެ އިސްކަން ދެއްވާ އެއްކަންތައް. ހުޅުމީދޫގެ ބޮޑު މަގު ތާރަ އަޅައިގެން ހެދުމަކީ އޭގެ ތެރެއިން ކުޑަމިންވަރެއް،" ޖަމްޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.