މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގާނޫނު ބާތިލެއް ނުކުރެވޭނެ- ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވި ޕާޓީ ބަދަލު ކުރައްވައިގެން، ނުވަތަ ޕާޓީން ވަކި ކޮށްގެން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އޮތް "އެންޓި ޑިފެކްޝަން ގާނޫނު" ބާތިލް ކޮށްދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

"އެންޓި ޑިފެކްޝަން ގާނޫނު" ބާތިލް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެ ކޯޓުން މިއަދު ޙުކުމް އިއްވަމުން މިއަދު ބުނެފައި ވަނީ އެ ބިލަކީ މުހިންމު ބިލެއް ކަމަށާއި، ސަބަބަކީ މާލީގޮތުން ތަނަވަސް ފަރާތްތަކަކުން މަޖިލިސް ކޮންޓްރޯލް ކުރުމަކީ ގާނޫނާ ޚިލާފުވެސް ކަމެއް ކަމަށްވާތީ ކަމަށެވެ. އަދި އެ ބިލަކީ ހަރުދަނާ ޑިމޮކްރަސީއެއް ގާއިމް ކުރުމަށްވެސް މުހިންމު ބިލެއް ކަމަށެވެ.

މި ބިލު ބާތިލް ކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސެންގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

މި ބިލް މަޖިލީހުން ފާސްކުރުމާއެކު އިދިކޮޅު ފަރާތްތަކުން މިކަމަށް ފާޑުކިޔުން އަމާޒު ވެގެން ދިޔަނަމަވެސް ސަރުކާރައް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ މިބިލު ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.