އިދިކޮޅު ޕާޓީތަކުން ނެރެނީ އެއްކެންޑިޑޭޓް – އެކަމަކު ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަން؟

އިންތިޚާބީ އަހަރުގެ މިހައިތަނަށް އައި އިރުވެސް ރިޔާސީ އިންތިޚާބަށް އިދިކޮޅުން ކުރިމަތިލައްވާނޭ ބޭފުޅަކު އެނގޭކަށް ނެތެވެ. މި ވާހަކަތައް ޢާއްމުންގެ ތެރޭގައި ދެކެވެން ފެށުމާއެކު، ނުވަތަ ނޫސްވެރިން ސުވާލުތައް ކުރިމަތި ކުރަން ފެށުމާއެކު އިދިކޮޅުން ހަދާފައިވާ ކޯލިޝަނުން ދައްކަނީ އެއް ވާހަކައެކެވެ. އެއީ ޕާޓީތައް ގުޅިގެން ރައީސް ޔާމީން ބަލި ކުރެވޭ ވަރުގެ އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކައެވެ. މި ވާހަކަތަކެއް ހަމަ މިހެން ދައްކާތާ އެތައް މަހެއް ވެއްޖެއެވެ.

މި އަހަރުގެ ތެރޭގައި ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނޭ ކަމަށާއި، އެ ބޭފުޅަކު މިހާރު ހުންނެވީ ތައްޔާރު ވެފައި ކަމަށް ވިދާޅުވި ދުވަސް ނޫން އަނެއް ދުވަހު އިނުވު އަޑަކީ ޖުމްހޫރީ ޕާޓީން އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރާ ވާހަކައެވެ. އޭގެ ދެ ދުވަހެއް ފަހުން އިވުނީ އެމްޑީޕީން އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރާ ކަމަށް ވާހަކަ ދެއްކި އަޑެވެ. ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭތީ، ކޯލިޝަނުގެ މެނިފެސްޓޯ ތައްޔާރު ކުރަނީއޭ ކިޔާ އަޑެއް ނީވުނެވެ.

އެހެންވީމާ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެން ދައްކާ ވާހަކަޔާއި ޕާޓީތަކުން ކަންތައް ކުރަމުންދާ ގޮތަކާ ދިމައެއް ނުވެއެވެ. ކިޔާ ލަވައެއް ރާގަކަށް ނުފެތެއެވެ. އެކަމަކު މިހާރުވެސް ހަމަ އެ ވާހަކަތައް އެ ގޮތަށް އެބަ ދެކެވެއެވެ. އިދިކޮޅު ކޯލިޝަނުގެ ބަދަހި ގުޅުމުގެ ވާހަކަ ޕާޓީތަކުގެ ފަރާތުން މީޑިއާ އާ ވާހަކަފުޅު ދައްކަވާ ބޭފުޅުން ދައްކަވައެވެ.

މިހައި ތަނަށް ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު އިދިކޮޅުން ފެންނަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ބުނާ ރައީސް ނަޝީދެވެ. ރައީސް ނަޝީދަށް ފުރުސަތު އޮތީ ކިހައި ވަރަކަށްކަން ނޭނގޭ ހަމަ އެކަކުވެސް މި ރާއްޖޭގައި ހުންނާނޭ ހެންނެއް ހިއެއް ނުވެއެވެ. އެމްޑީޕީން އެ ވާހަކަތައް ދައްކަވާ ބޭފުޅުންނަށްވެސް އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދަކީ ތިން އަހަރެއްހައި ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އެ މަނިކުފާނުގެ ރިޔާސީދައުރު ހަމަ ނުކުރައްވައި ރައީސް ކަމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބަކީވެސް ބަޔަކު ހަނދާން ނެތޭހައި ދުވަސްވީ ސަބަބެއް ނޫނެވެ.

ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރު ކުރައްވައިގެން ގެންގުޅުއްވުމާއި، އަދި އިތުރު އެތައް ސަބަބަކާ ހުރެ ރައްޔިތުންގެ ޕްރެޝަރު ބޮޑު ވެގެން، ދިމާވީ ހާލަތްތަކަކާ ހުރެ އިސްތިއުފާ ދެއްވި ބޭފުޅެއްކަން ވަރަށް ސާފެވެ. އެ ސަބަބަތަކާ މެދު ޝައްކު އުފެއްދުމުން، ކަންތައްތައް ހިނގި ގޮތް ތަހުގީގުކޮށް، ނިންމާފައިވާކަންވެސް އެންމެންނަށް އެނގެއެވެ.

ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރު ކުރައްވައިގެން ގެންގުޅުއްވި މައްސަލަ ޝަރީޢަތަށް ސާބިތުވެ، ރައީސް ނަޝީދު 13 އަހަރު ދުވަހަށް ޖަލަށް ލާން ވަނީ ރާއްޖޭގެ ޝަރުއީ ކޯޓުން ހުކުމް ކޮށްފައެވެ. އެމައްސަލައިގެ ޝަރުއީ ހުރިހައި މަރުހަލާއެއް ވަނީ ނިމިފައެވެ. ފަނޑިޔާރު ހައްޔަރު ކުރުމާ ގުޅިގެން އަލިފުދާލާއި، އީޔޫއާއި ދެންވެސް ހުރިއްޔާ ހުރި ހުރިހައި ތަނަކުން އެކަން ކުށްވެރި ކުރިއެވެ. އެއީ ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުންޏެވެ. ވަގުތުން ފަނޑިޔާރު ދޫކޮށްލަން އަމުރު ކުރިއެވެ. އެއިން އެއްވެސް ގޮވައިލުމަކަށް ނުވަތަ އަމުރަކަށް ރައީސް ނަޝީދު ނުބެއްލެވިއެވެ. ނަޝީދަށް ކުރި ހުކުމަކީވެސް މިއިން އެއްވެސް ޖަމްއިއްޔާއަކަށް ނޭނގޭ ހުކުމެއް ނޫނެވެ.

ކަން މިހެން އޮތް އިރުވެސް ރާއްޖޭގައި އަދި ދުނިޔޭގެ މަސްރަހުގައި ކަންތައް ހިނގަނީ ކިހިނެއްތޯއެވެ؟

ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކުގައިވެސް އަދި ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައިވެސް ކިޔަނީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ކުރިމަތި ލެއްވެން ވާނެ ވާހަކައެވެ. އެހެން ބޭފުޅެއްގެ ވާހަކައެއް ނުދެކެވެއެވެ. ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނޭ ކަމަށް ބާރު ލައްވާފައި އެބަ ވިދާޅުވެއެވެ.

ހަމަ މި ވާހަކަތައް ރާއްޖެއިން ބޭރުން އެބަ އިވެއެވެ. ރާއްޖެއިން ބޭރުގައި ތިއްބެވި އެމްޑީޕީ ބޭފުޅުންނާއި، ރައީސް ނަޝީދުގެ މަސައްކަތްޕުޅު ހުރީ ސީދާ އެމަނިކުފާނަށް ކުރިމަތި ލެއްވޭ ގޮތް ހެއްދެވުމުގެ މައްޗަށެވެ. އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭ ވާހަކައެއް ބޭރަކުން އަޑެއް ނީވެއެވެ. ކޯޓުގެ ހުކުމަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ދޫކުރުމުގެ ވާހަކަދައްކަން މާ ފަސޭހަ ވާނެއެވެ. އެކަމަކު ދައްކަނީ އެމަނިކުފާނުގެ ވާހަކައެއް ނޫނެވެ. ރައީސް ނަޝީދުގެ ވާހަކައެވެ.

އެމްޑީޕީއަށް އަބަދުވެސް "ޔަގީންވާ" އެއް ކަމަކީ ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމެވެ. މި ކަމަށް އެހީތެރިކަން ހޯދަނީ އަލިފުދާލުގެ ބައެއް ކޮމިޓީތަކާއި، އީޔޫ ފަދަ ޖަމާޢަތްތަކުންނެވެ. އެ ޖަމާއަތްތަކުން ނެރޭ ބަޔާން ތަކުގައި ހުންނަނީ ހަމަ އެމްޑީޕީން ދައްކާ ވާހަކައެވެ. ރައީސް ނަޝީދެވެ. ރައީސް ނަޝީދެވެ. އެހެން އެއްވެސް ބޭފުޅެއްގެ ވާހަކައެއް ނެތެވެ. އެންމެ ފަހުން އަލިފުދާލުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނެރުނު ބަޔާނުގައިވެސް އޮތީ ހަމައެކަނި ރައީސް ނަޝީދުގެ ވާހަކައެވެ. އެހެން އެއްވެސް "ކެންޑިޑޭޓެއްގެ" ވާހަކައެއް ނެތެވެ.

ކުރުކޮށް ދަންނަވާނަމަ އީޔޫއާއި އަލިފުދާލުގެ ގުނަވަންތަކުން ނަންކިޔާފައި އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ފެންނަ ހަމައެކަނި ބޭފުޅަކީ ނަޝީދެވެ. އެބޭފުޅުންނަށް އިދިކޮޅުން ޝަރުޠު ހަމަވާ ރިޔާސީ ކެންޑިޑޭޓަކަށް ފެންނަނީވެސް ނަޝީދު އެކަންޏެވެ. ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ކުރިމަތި ނުލެވިދާނެތީ މިދެންނެވި ޖަމާއަތްތަކުން ކަންބޮޑެއް ނުވެއެވެ. އެވާހަކައެއް ނުވެސް ދައްކައެވެ.

ކޯލިޝަނުން ނެރޭނީ އެއް ކެންޑިޑޭޓެކޭ ކިޔައިގެން ދައްކާ ވާހަކަތައް ދިމާނުވާ ސަބަބަކީ މިއީއެވެ. އެމްޑީޕީގެ އިސް ވެރިންނާއި، ސްޕޯކްސްޕާސަނުން ދެ ފަހަރު ދައްކަވަނީ ދެ ވާހަކައެކެވެ. އެއް ފަހަރު ވިދާޅު ވަނީ ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނޭ ވާހަކައެވެ. އަނެއް ފަހަރު ވިދާޅު ވަނީ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު އޮންނާނޭ ކަމަށެވެ.

އެހެންވީމާ ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކީ ރައީސް ނަޝީދުކަމަށް އެމްޑީޕީން ނިންމާފައިވާކަން ދެނެގަންނާން އުނދަގޫފުޅުތޯއެވެ؟ މިއީ ތުއްތު ކުއްޖަކަށްވެސް އެނގޭ ވަރުގެ ތިލަ ވާހަކައަކަށް ނުވޭތޯއެވެ؟

އީޔޫއާއި އަލިފުދާލުގެ ވަކި ގުނަވަން ތަކަކަށް ނުވަތަ ވަކި ބަޔަކަށް މިގޮތަށް ފެނުނަސް މި ސަރުކާރުގެ އިސް ބޭފުޅުންނަށާއި ވެރިކަން ކުރާ މައި ޕާޓީގެ އިސް ބޭބޭފުޅުންނަށް އެކަން އެގޮތަކަށް ފެނިވަޑައެއް ނުގަންނަވައެވެ. ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މި ސަރުކާރުގެ ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެފައިވަނީ އިނގިރޭސިންގެ ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ދެކުމަކީ ބިލާހެއްފަދަ ހުވަފެނެއް ދެކުން ކަމަށެވެ. އަދި އެހުވަފެން ނުބެލުމަށް އަޒުލީން ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ރާއްޖޭގެ ޤާނޫނު އަސާސީން ވާދަކުރުމަށް ފުރުސަތު ނުލިބޭ ކެންޑިޑޭޓަކަށް އެފުރުސަތު ނުވެސް ނެތްކަން އިދިކޮޅު ފަރާތްތަކަށް ނުވަތަ އެމްޑީޕީއަށް އެނގޭނެކަމުގައިވެސް މިނިސްޓަރ އަޒުލީން ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ މުހަންމަދު ޝައިނީ ވިދާޅުވަމުން ގެންދަވާ ވާހަކަ ތަކުރާރު ކުރައްވަމުން ވިދާޅުވެފައިވަނީ މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން ނޯންނާނެކަމަށެވެ. މިނިސްޓަރ ޝައިނީވެސް ވިދާޅުވެފައި ވަނީ ނަޝީދުގެ ނަން މިފަހަރުގެ ވޯޓު ކަރުދާސް ކޮޅުގައި އޮންނަންޖެހޭނެ ގޮތެއް ނުވަތަ ހަމައެއް، ރާއްޖޭގެ ޤާނޫނު އަސާސީއާއި އޭގެ ދަށުން ހެދިފައިވާ ޤާނޫނު ތަކާއި ޤަވާޢިދުތަކުގައި ނެތް ކަމަށެވެ.

ވެރިކަންކުރާ މައި ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކުވެސް ވިދާޅުވެފައިވަނީ ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ރާއްޖޭގެ ގާނޫނުތައް ތަން ނުދޭ ކަމަށެވެ. ނިހާން ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަކުރެއްވޭނަމަ ރާއްޖޭގައި ޤާނޫނީ ހުކޫމަތެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ކުރީގެ ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވެރިކަމުގައި ފަނޑިޔާރަކު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް، އެކަހެރި ކޮށްގެން ގެންގުޅުއްވާފައިވާ މައްސަލަ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަޝީދު އެތައް ފަހަރެއްގެ މަތީން އިޢުތިރަފުވެ ވަޑައިގެންފައިވާ މިކަމަކީ އަލިފުދާލަށް ވެސް އީޔޫއަށްވެސް ނޭނގޭ ކަމެއްނޫނެވެ. އަދި ނަޝީދު މިހިންގެވި އަމަލަކީ ކުށެއް ނޫންކަމަކަށްވެސް އެއިން އެއްވެސް ފަރާތަކުން މިހާތަނަށް ބުނެފައެއް ނުވެއެވެ. ކަން މިހެން އޮތްއިރު އަދި ރާއްޖޭގެ ޤާނޫނުތައް ހުއްދަ ނުކުރާ ކަމެއް ކުރުމަށް އެފަދަ ޖަމާއަތްތަކަކުން ގޮވާލަމުން ދިއުމަކީ މިއަދު މުޅިން ތަފާތު ސުވާލުތަކެއް އުފައްދަންޖެހޭ ކަމެކެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި މި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކުގެ މައްޗަށް ނުވަތަ އެޤާނޫނު ތަކުގެ ބޭރުން ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމަށް ނުވަތަ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެވޭނެ މީހުންނާއި ވާދަކުރާނެ މީހުންނާއި ވާދަކުރެވެން ޖެހޭނެ މީހުން ބޭރުގެ ޖަމާއަތްތަކަކުން ނުވަތަ ޤައުމު ތަކަކުން ކަނޑައަޅާ ހިސާބަށް ކަންކަން ދިއުމަކީ ވަރަށް ހައްސާސް މައްސަލައެކެވެ.

މިއީ އަދި އެބުނާ އެއްކެންޑިޑޭޓަކު ނެރުމުގެ ވާހަކައަށްވުރެ ވެސް މާގިނަ ސުވާލު އުފެދޭ، މިކަމުގެ އަޑީގައި ފޮރުވިފައި ވާ މާގިނަ ކަންތައްތަކެއް ހިމެނޭ ކަމެކެވެ. ކަމުގެ ހަގީގަތާއިމެދު ވިސްނާ ފިކުރު ހިންގަންޖެހޭ ކަމެކެވެ.

1 ޚިޔާލު

  1. މި ރާއްޖޭގައި ދީނީ މިނިވަންކަން ތަޢާރަފުރަން އޮތް ހަމައެކަނި އުއްމީދަކީ ނަޝީދުކަމަށްވާތީ އެހެންނަމެއް އިޔޫއަކަށް އދ އަކަށް ނުފެންނާނެކަން ކަށަވަރެވެ. އެއް ކެންޑިޑޭޓަކީ އެއީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.