80އިގެ ހިޓް ޓްރެކް 'ޕޭސާ ޔޭ ޕޭސާ' އަލުން އުފައްދަނީ

ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އިންދްރާ ކުމާރްގެ ފިލްމު 'ޓޯޓަލް ދަމާލް' އަކީ  ދަހިވެތި ކަމާއި ފައިސާގެ ފަހަތުން ދުވާ މީހުންގެ ވާހަކައިގެ މައްޗަށް އުފައްދާ ހެއްވާ ފިލްމެކެވެ. ފިލްމުގެ ތީމާ ގުޅުވުމުގެ ގޮތުން 1980ވަނަ އަހަރު ރިލީޡްވި ހިޓް ފިލްމެއް ކަމގައިވާ ސުބާޝް ގާއި ގެ 'ކަރްޒް' ގައި ހިމެނޭ ލަވައެއް އިންދްރާގެ ފިލްމުގައި އަލުން ހިމަނަން އެނާ ނިންމައިފިއެވެ.

ވީޑިއޯ ޖާނަލިސޤޓެއް ކަމަށްވާ ވިރާލް ބަޔާނީގެ ރިޕޯޓްކޮށްފައިވާ ގޮތުގައި 80ގެ މި ހިޓް ލަވައަށް އަޖޭ ދޭވްގަން، މަދޫރީ ޑީކްސިޓް، ރިތޭޝް ދޭޝްމުކް، އަނިލް ކަޕޫރް، އަރްޝަދް ވާރްސީ، ޖާވީދް ޖެފްރީ، ސަންޖޭ މިޝްރާ އަދި ޕިޓޯބާޝް ފައި ހަމަ ކުރާނެއެވެ.

ލަވައިން ފެނިގެންދާނެ ތަރީން ވަނީ މުމްބާއީގެ ސްޓޫޑިއޯއެއްގެ ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިފައެވެ. ޝާހީ ނޫކުލައިގެ ހެދުމުގައި ތަރީން ތިބިއިރު 2،000 ރުޕީސްގެ ނޫޓްތައް އެމީހުންގެ ގަޔަށް އޮއްސާލާ މަންޒަރު ފެނެއެވެ. އަނިލް ކަޕޫރް ގެ އިންސްޓެގްރާމްގައި އޭނާ ބުނެފައިވާ ގޮތުގައި ޒުވާން އެކްޓަރުންނާ އެކު ފައިހަމަކޮށްލަން ފުރުސަތު ލިބުމުން އާދަޔާ ޚިލާފު އުފަލެއް އޭނާއަށް ލިބުނެވެ. މަދޫރީ ބުނެފައިވާ ގޮތުގައި 'ޕޭސާ ޔޭ ޕޭސާ' އަކީ އޭނާ އަށް އެންމެ ކަމުދާ އެއް ލަވައެވެ. 'ޓޯޓަލް ދަމާލް' ގައި އިންދްރާ ކުމާރް އެލަވަ ހިމަނަން ވިސްނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ފިލްމު ސެޓުގައި ހުރި އެންމެ މޮޅު ނެށުންތެރިއަކީ އޭނާތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ހިނިގަނޑެއް ޖަހާލާފައި މަދޫރީ ބުނިކަމަށްވެއެވެ. "ޖާވީދް އާއި އަރްޝަދް ވެސް އަބތިބި. އެހެންވީމަ އަހަންނަކަށް ނުބުނެވޭނެ އަހަންނަކީ އެންމެ މޮޅު މީހާ އޭ. އެކަމަކު އަހަންނަކީ ފިލްމުގައި އުޅޭ އެންމެ މޮޅު އަންހެން ނެށުންތެރިޔާ އޭ ބުނެވިދާނެ". އޭނާ އަކީ ފިލްމުގައި އުޅޭ ހަމައެކަނި އަންހެން ތަރިއެވެ.

ބަޖެޓާއި ކާސްޓްގެ ގޮތުން ބަލާއިރު 'ޓޯޓަލް ދަމާލް' އަކީ އިންދްރާ ކުމާރް ގެ އެންމެ ބޮޑު ފިލްމެވެ. 80ގެ ލަވައެއް ފިލްމުގައި ހިމަނަން ގަސްދު ކުރީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އިންދްރާ ކުމާރް ބުނެފައިވަނީ އެލަވައަކީ މިދުވަސްވަރަށްވެސް ފެތޭ ލަވައަކަށް ވާތީ ކަމަށެވެ.

ޓޯޓަލް ދަމާލް އަކީ ފޮކްސް ސްޓޫޑިއޯ އިން ހުށަހަޅައި އަޖޭ ދޭވްގަން ފިލްމްސް އާއި، އިނދްރާ ކުމާރް އާއި، އަޝޯކް ތަކޭރީ އާއި، ސްރީ އަދިކާރީ ބްރަދަރސް އާއި، އާނަންދް ޕަންޑިތް އަދި ފޮކްސް ސްޓާރ އިން އުފައްދާ ފިލްމެކެވެ. ފިލްމް ކޯ ޕްރޮޑިއުސް ކުރަނީ ޖަޔަންތީ ލާލް ގާދާ އާއި ސަންގީތާ އާހިރް އެވެ. ފިލްމް ސިނަމާތަކަށް އަންނާނީ 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.