ރައީސް އަބްދުﷲ ޔާމީން ވަރުގެ ވަރުގަދަ ސިޔާސީ ބޭފުޅަކު މިވަގުތު މުޅި ރާއްޖޭގައިވެސް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބާނީއަކީވެސް ރައީސް ޔާމީން ކަމަށާއި ދެން އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުވެސް ބޮޑުތަފާތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވައި ދެވަނަ ދައުރަކަށް ރައީސް ކަމަށް ހޮވިވަޑައިގަންނަވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ސިންގަޕޫރުގެ ވާހަކަ އާއި ޓޯކިޔޯގެ ވާހަކަވެސް ދެކެވިއްޖެ ކަމަށާއި ރައީސް ޔާމީންގެ ދެވަނަ ދައުރު ނިމޭއިރު ނިއުޔޯކު ފެންވަރަށް ނިސްބަތުން ރާއްޖެ ތަރައްގީ ވެގެންދިޔުމުގެ ފުރުޞަތުވެސް އެބައޮތް ކަމަށެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ އެންމެ އަމާން އޮމާން، އަދި އެންމެ އިންސާފުވެރި އިންތިޚާބަށް ވެގެންދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުންވެސް ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކުރައްވާނަމަ ކެމްޕޭން ކުރެއްވުމުގެ ފުރުޞަތު މިނިވަންކަމާއެކު އޮންނާނެ ކަމަށެވެ.
ނަމަވެސް ކެމްޕޭން ކުރެއްވުމުގެ ގޮތުން މަގުތައް މައްޗަށް ނުކުމެ ހަމަނުޖެހުން ހިންގަން ދިވެހި ފުލުހުންނާއި ސިފައިން ފުރުޞަތު ނުދޭނެ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.