އުދަ އެރުމަށްފަހު ފުވައްމުލައް އާންމު ހާލަތަކަށް

ފުވައްމުލަކު ސިޓީއަށް އުދަ އެރުން މިވަގުތަށް ހުއްޓިފައިވާ ކަމަށް އެ ސިޓީގައި މިވަގުތު ހުންނެވި ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުއްސަލާމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އުދައެރުން މިވަގުތަށް މަޑުޖެހިލައިފައި ވިޔަސް އަދިވެސް އުދަ އަރައިފާނެ ކަމަށް ޓީމްތައް ފާރައަށް ތިބޭކަމަށެވެ. "ދިޔަ ބޮޑުވާ ގަޑިތަކުގައި އަދިވެސް އުދައަރައިފާނެތީ އަޅުގަނޑުމެންގެ ޓީމްތައް އަބަދުވެސް މިތިބެނީ ތައްޔާރަށް. އެހެންނަމަވެސް އަދި އުދައެއް ނާރާ.،" އޭނާ ވިދާޅުވިއެވެ.

ސަލާމް ވިދާޅުވި އުދައަރައިފާނެ ކަމަށް ލަފާކުރެވޭ ސަރަހައްދު ތަކުގައި މިހާރުވަނީ ޖަންބޯ ބަސްތާތައް ޖަހައިފައި ކަމަށެވެ. އަދި އެ ސަރަހައްދުތަކަށްވަނީ ފެންހިއްކާ ޕަންޕުތައްވެސް ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގެ ހާލަތު މިހާރުވަނީ އިރާދަކުރެއްވީތީ އާންމު ހާލަތަށް ބަދަލުވެފައި. މަގުތަކުގައި އުފެދިފައިވާ ފެންހިއްކައި މަގުތައް މިހާރުވަނީ ސާފުކޮށްފައި،" އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ ހައުސިން މިނިސްޓްރީގެ ޓީމުތަކާއި، އެމްއެންޑީއެފާއި، ފުލުހުންނާއި، ޝިއެރާ ކުންފުނީގެ މީހުންނާއި، ސިޓީ ކައުންސިލް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެފައިވަނީ މިފަހަރު އެރަށަށް އުދައެރި ވަރަށް މީގެކުރިން ދުވަހަކުވެސް އަރައި ނުވާ ކަމަށް ދުވަސްވީ އެރަށުގެ މީހުންވެސް ބުނަމުންދާ ކަމަށެވެ.

އެރަށް މިފަހަރު އުދަ އަރައިފައިވަނީ އާދަޔާ ޚިލާފު ގޮތަކަށް ކަމަށާއި، ކަނޑުގައި ނަގައިފައިވާ ރާޅުތަކުގެ އުސްމިންވެސް ދިހައެއް ނުވަތަ ފަނަރަ ފޫޓު ހުންނާނެ ކަމަށް އަންދާޒާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.