ސަރުކާރާ ދެކޮޅަށް މުއައްސަސާތައް ނުކުތުމުގެ ކުރިން އިދިކޮޅަށް އެތަންތަން ރަނގަޅު ނުވާނެ: ހޯމްމިނިސްޓަރ

ދައުލަތުގެ މުއައްސަސާތައް ސަރުކާރާ ދެކޮޅަށް ނުކުތުމަށް ދާނދެން އިދިކޮޅު ފަރާތްތަކަށް އެތަންތަން ރަނގަޅު ނުވާނެ ކަމަށް ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެގޮތަށް ބޭނުންވިޔަސް އެކަމެއް އެގޮތަށްވެސް  އެމަގަށް ނުހިނގާނެ ކަމަށެވެ. ދައުލަތުގެ މުއައްސަސާތައް މިހާރު ބައްޓަން ކުރައްވައިފައިވާ ގޮތަށް ބަލާއިރު އެއީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުއައްސަސާތަކަށް ވަޒީރުންނާއި އިސްވެރިން ލައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެހެންވީމާ އެފަދަ މުއައްސަސާތަކުގެ "ޓެކްނިކަލް" އެންމެ އިސްވެރިއަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ. އެހެން ކަމުން އެމަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ދެ މުއައްސަސާއަށް ބާރު ފޯރުވެވޭނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ގާނޫނާ ޚިލާފަށް ނުވަތަ އުސޫލުން ބޭރުގެ އެއްވެސް އަމުރެއްގެ "ޒައްރެއްގެ މިންވަރު" ވެސް މުއައްސަސާތަކުގެ މައްޗަށް ކުރައްވައިފައި ނުވާނެ ކަމަށް އަޒުލީން ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ގާނޫނީ އިޖުރާތެއް ފުރިހަމަނުކޮށް މީހަކުވެސް ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް އޮތްކަމަށްވާނަމަ އެކަމެއް ކޯޓު މަރުހަލާތެރެއިން އޮންނާނީ ރޫޅާލާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ފަރާތްތަކުން ދެކެނީ ރައީސް ހުންނަވަންވީ އެއްވެސް ބާރެއްނެތި ގިނިކަންޏާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އުފާފާގަތި ކަމާއި މިހުރިހާ ކަމެއްގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަޅުވާފައި ބަހެއްޓެވުމަށްފަހު އިދިކޮޅުން ގޮވަނީ އެމަނިކުފާނާ ދެކޮޅަށް ނުކުންނެވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ގޮވެލިފަތި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަކީވެސް ދުވަސްވީ މުއައްސަސާއެއް ކަމަށާއި އިދިކޮޅުން ކިތަންމެ ވަރަކަށް ގޮވިޔަސް އެމީހުން ބޭނުވާހާ ގޮތަކަށް އެމުއައްސަސާ ހިންގުމުގެ ފުރުސަތު ފުލުހުން ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޒުލީން ވިދާޅިވީ ކޮމާންޑަރ އިން ޗީފްގެ މަގާމުގައި ރައީސް ޔާމީން ހުންނަވައިގެން ސިފައިންނާއި ފުލުހުންގެ މުއައްސަސާތައް ހިނގާހާ ޕްރޮފެޝަނަލް ކޮށް ދިވެހިރާއްޖޭގެ އެއްވެސް ވެރިއަކަށް އެދެތަން އަދި ހިންގިފައިނުވާ ކަމަށެވެ.

"ސިފައިންނާއި ފުލުހުންނަށް ފުރިހަމަ ގޮތެއްގައި މިނިވަންކަމާއި ބާރުވެރިކަން ދެއްވައި އެބޭފުޅުންނަށް އެތައް ގޮތަކުން އެބޭފުޅުންނަށް ހިޔާވަހިކަން ހޯއްދައިވައި ދެއްވައި އެބޭފުޅުންނަށް ރައްކާތެރިކަން ހޯއްދަވައި ދެއްވައި އެބޭފުޅުންނަށް ވަސީލަތްތައް ފޯރުކޮށްދެއްވި ވެރިއަކު މިގައުމު ދެކިފައެއްނުވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަން މިހެން ހުއްޓަސް އިދިކޮޅު ފަރާތްތަކުން ސިފައިންނާއި ފުލުހުންނާ ދިމާއަށް ގޮވަމުން ގެންދަނީ ވަގަށް ކަމަށާއި އެބޭފުޅުންނަކީ ޣައިރު ގާނޫނަށް ތަބާވާ ބޭފުޅުން ކަމަށް ރެއާދުވާލު އިދިކޮޅު ފަރާތްތަކުން ގެންދަވަނީ ގޮވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހުރިހާ އެއްޗެއް ކިއުމަށްފަހު އިދިކޮޅުން މިހާރު ސިފައިންނާއި ފުލުހުންނަށް ގޮވަމުން ގެންދަވަނީ މިގައުމު ހަމައަކަށް އަޅުވައި ދެއްވުމަށް ކަމަށްވެސް އަޒުލީން ވިދާޅުވިއެވެ. "ފެބުރުއަރީ އެކެއްގައިވެސް މިގައުމު ސަލާމަތް ކޮށްދެއްވީ އެބޭފުޅުންނެއްނޫންތޯ، އެބެފުޅުންގެ އިޚުލާސްތެރި މަސައްކަތުން ނޫންތޯ. މަދުބަޔަކު ގާނޫނާ ޚިލާފުވެގެން ފައިސާގެ ހުތުރުއަމަލަށް ތަބާވެގެން އަޑިއަޑިން ޖަރީމާ ހިންގިހިންގުން ނިއުޅާލައި އެކީ އެކައްޗަކަށް ރަނގަޅު ކުރެވުނީ ސިފައިންނާއި ފުލުހުންގެ އިޚުލާސްތެރިކަމުން ނޫންތޯ،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.