މައްކާގައި މީހަކު އޭނާގެ ތިން އަންހެން ދަރިން މަރާލައިފި

މައްކާގެ އައްރައުޟާ އަވަށް

އިއްޔެ (އާދީއްތަ ދުވަހު) ފަތިހު މައްކާގައި ދިރިއުޅޭ މީހުން ހޭލީ، މުޅި މައްކާ ސިއްސުވާލި ޚަބަަރަކާ އެކުގައެވެ. އެއީ މައްކާގައި ސައޫދީއަކު އޭނާގެ ކުޑަ ތިން އަންެހެން ކުދިންނަށް ވަޅިން ހަމަލާދީ ރަހުމުކުޑަ ގޮތަކަށް މަރާލި ޚަބަރެވެ. އެ ތިންކުދިންގެ އުމުރަކީ 6 އަހަރާއި، 4 އަހަރާއި 2 އަހަރެވެ.
މިިިިިިކަން ހިނގާފައިވަނީ މައްކާގެ ހަރަމްފުޅާ އެންމެ 2 ކިލޯމީޓަރު ދުރުގައި އޮންނަ އައްރައުޟާ އަވަށުގައެވެ. އޭނާ ވަޅިން ހަމަލާދީ ފަހަރަކު ކުއްޖަކު ގަތުލުކުރަމުން ދިޔައިރު، ކުދިންެގެ މަންމަ ކައިރީގައި ހުރެ އެކަން ހުއްޓާލަން އެދި ރޮއި ހޭރެމުން ދިޔަކަމަށް ވެއެވެ.
ހާދިސާ ހިނގި ތަނަށް ދިޔަ މީހުންނާ ހަވާލާދީ ސައޫދީ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އޭނާ އެކުދިިން މަރާފައިވަނީ އޭނާ ދިރިއުޅޭ ގެެއާ 600 ވަރަކަށް ފޫޓު ދުރުގައެވެ.
މައްކާ ފުލުހުންގެ ފަރާތުން ޚަބަރުފަރުތާ ވަސީލަތްތަކަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައެވެ. އަދި އޭނާއާބެހޭ ފުރަތަމަ ހޯދުންތަކުން އެނގުނު ގޮތުގައި، ތިން ދަރިން މަރާލި ބައްޕައަކީ އުމުރުން 33 އަހަަރުގެ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ.
ސައޫދީ އަރަބިއްޔާގައި މަދުން ނަމަވެސް ބަަފައިން ދަރިން މެރުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އަދި ބައްޕަ ދަރިއަކު މެރުމުން ޤިޞާޞް ހިފުމާމެދު އިލްމުވެރިންގެ މެދުގައި ޚިލާފުހުރުމުން، ސައޫދީ ކޯޓުތަކުންވެސް މިކަމުގައި ދެގޮތަށް ހުކުމް އައިސްފައި އެބަހުއްޓެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ގަސްތުގައި މީހަކު މަރާލުމަކީ ބޮޑު ފާފައެކެވެ. އެހެންކަމުން ބައްޕައަށްވެސް ދަރިއަކު މަރާލުމުގެ ހުއްދަ އިސްލާމް ދީނުގައި ދީފައި ނުވެއެވެ. އެހެންކަމުން ދަރިން މަރާލި މައްސަލަކީ ޙައްޤު އަދަބު ލިބެންޖެހޭނެ ކަމެކެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.