މިއީ ދިވެހި ދަރިއަކަށްވީތީ ދައްކަން ތަންކޮޅެއް އުނދަގޫ ވާހަކައެކެވެ. މިއީ ދިވެއްސަކަށް ވީތީ ގަބޫލުކުރަން ދަތި، އަޑުއަހާލަން ވެސް ތަންކޮޅެއް އުނދަގޫ ވާހަކައެކެވެ. ނަމަވެސް މިއީ ހަމަ ހަޤީގަތެވެ. ވެރިކަމަށްޓަކާ ނުވަތަ ވެރިކަން ހޯދުމަށްޓަކާ ހަމަ ކޮށްފަ ނުކުރާނެ ކަމެއް ނެތެވެ. ޤައުމު ވިއްކާލައި، ރައްޔިތުން ބަނޑަށް ޖައްސައިގެން ވެސް ވެރިކަން ހޯދަން ބޭނުންވަނީއެވެ. ދިވެހީންގެ ދީނާއި އަޤީދާ ވިއްކާލައިގެންވިޔަސް ވެރިކަން ބޭނުންވަނީއެވެ.
އެކެއް ފެބްރުއަރީގައި ވެރިކަން ހޯދުމަށް ބަޔަކު ކުރި ބަޣާވާތުގެ ތަހުޤީގުތަކުގެ ތެރެއިން ފުލުހުން ދާދިފަހުން އާންމުކުރި މަޢުލޫމާތު ތަކުން ލިބުނު ފިލާވަޅުތަކާއި ތަޖުރިބާތަކަކީ ވަރަށްވެސް ބިރުވެރި، އެހާމަ ހިތްދަތި ފިލާވަޅު ތަކެކެވެ. ދިވެހި ވެރިކަން ހޯދާން ބަޔަކު ހިންގި މުޑުދާރު ދަށު ދަރަޖައިގެ ޢަމަލުތަކުގެ ތެރޭގައި ބޭރު، އަވަށްޓެރި ޤައުމެއްގެ އެހީ ހޯދައިގެން ދިވެހީންނަށް ކާޑުގެ ބާވަތްތައް ނުލިބޭ ގޮތަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ދިވެހީން ބަޑަށްޖައްސަން ވެސް ވަނީ ޚިޔާލުކޮށް ރާވާފައެވެ. ޤައުމުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ހިލައާއި ހިލަވެލިކޮޅާއި ދަނގަނޑުކޮޅާއި ސިމެންތިކޮޅު އެތެރެކުރިޔަނުދީ އަތްއަޅައި ފިއްތާލައިގެން ވެސް ދަތިކުރަން ވަނީ ރާވާފައެވެ. ބޭސްފަރުވާއަށާއި ތަޢުލީމު އުނގެނުން ފަދަ މުހިންމު މުހުތާދުތަކަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ނުދީ ފިއްތާލައިގެން ދިވެހީން ހާލުގައި ޖައްސާންވެސް ވަނީ ރާވާފައެވެ. މިދެންނެވި އަވަށްޓެރި ޤައުމުގެ ސަރުކާރު މެދުވެރިކޮށް ބޭރުގެ ބޮޑެތި ބާރުތަކުން ޤައުމުގެ ހިންގުމާއި ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނުވަންވެސް ވަނީ ރާވާފައެވެ. މިދެންނެވި ހަޑި މުޑުދާރު އަމަލު ހިންގުމުގެ ނުވަތަ ރޭވުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަކީ މި ޤައުމުގައި ތިރީސް އަހަރު ވެރިކަން ކުރެއްވި އާއިލާއެއްގެ ބޭފުޅުން ކޮޅަކަށްވީތީ އަދި ވަކިން ޚާއްޞަކޮށް މި ހުތުރު މުޑުދާރު އަމަލުތައް ރޭވުމުގައި ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ޢިއްޒަތްތެރި ބޭފުޅަކު ހިމެނިވަޑައިގެންނެވުމަކީ އަދި މާ ލަދުވެތިވާން ޖެހޭ ކަމެކެވެ.
އެބޭފުޅުންގެ މިކަންކަމުގެ ނަތީޖާ މިހާރުވެސް މިވަނީ ވަރަށް ހިތިކޮށް ފެންނާން ފަށާފައެވެ. އެބޭފުޅުންގެ މިރޭވުންތަކުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން އަބަދުވެސް މިޤައުމުގެ ހުންގާނު ހުޅަނގުގެ ބާރުގަދަ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސް އެވެރީންގެ ލާދީނީ ފިކުރުގެ ނުވަތަ ލާދީނީ މިނިވަން ޚިޔާލުގެ ހިމާޔަތުގެ ވަކިތަކުގެ ތެރެއަށް ޤައުމު ލައިދިނުމަށް މަސައްކަތް ކުރާ، އެކަމަށް އަބަދުމެ ނިޔަތްގަނެގެން އެމަސައްކަތް ކުރަމުން ގެންދާ ފަރާތްތަކަށް ކާމިޔާބު ތަކެއް ލިބިވަޑައިގެންނެވުމަކީ ކޮޅުނެތްކޮޅުގެ ހިތާމަހުރި ކަމެކެވެ. އެއީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ އަދި ބޭރުގެ ބާރުތަކުގެ ފިއްތުން ނިހާޔަތަށް އިތުރުވެގެންދާނެ ކަމެކެވެ.
މިކަންކަމުގެ ސަބަބުން، މިޤައުމުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދޭން ނުވަތަ ފުރުސަތުދޭން ބޭނުންވާ ލީޑަރުން މިޤައުމުގައި އެބަތިބިކަން މިދެންނެވި ބޭރުގެ ބާރުތަކަށް ކަށަވަރުވަނީއެވެ. އެވެރީން ބޭނުންވާ ގޮތަށް މިޤައުމުގެ ކަންކަން ބައްޓަން ކުރުމަށްޓަކާ، ޤައުމުގައި ކަންކަން ހިނގަންޖެހޭ، ޤައުމު ހިންގަންޖެހޭ ގޮތް ލިޔެފައި އޮންނަ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި މިވާހަކަ ލިޔެ މިގޮތަށް އަމަލު ކުރުމަށް މިދެންނެވި ލީޑަރުން ރުހި ގަބޫލުވާނެކަން އެވެރީންނަށް ޔަގީންވެ އެކަން މަޖުބޫރުކުރަން މަސައްކަތް ވެސް ފެށީއެވެ.
ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތަދޭން މިދެންނެވި ބޭރުގެ ބާރުގަދަ ފަރާތްތައް ނުރުހެއޭ ނުވަތަ އެމީހުން އެކަމާއި ދެކޮޅަށް މަސައްކަތް ކުރަމުން ދެއޭ ދެންނެވުމުން ބައެއް ފަރާތްތަކަށް އެކަން ގަބޫލުކުރަން އުނދަގޫވިޔަސް އެކަން ވަރަށް ގާތުން ތަޖުރިބާކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން އެތަޖުރިބާވެސް ހިއްސާކޮށްލާނަމެވެ.
2005 އަދި 2006 ވަނަ އަހަރަކީ ރާއްޖެއަށް އެވެރިން ބޭނުންވާ ގޮތަށް ޑިމޮކްރެސީއާއި އެމީހުން ބޭނުންވާ ގޮތަށް އިންސާނީ ޙައްޤުތައް ގެނައުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް އިނގިރޭސިން އިސްވެ އޮވެ ކުރަމުން ގެންދިޔަ ދުވަސްވަރެކެވެ. ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރާއި ސަފީރުގެ ޚާއްޞަ މަންދޫބުން ވަރަށް ގިނައިން އެދުވަސްވަރު ރާއްޖެ ވަޑައިގެން އުޅުއްވިއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިންނާ ވަރަށް ގިނަގިނައިން އެބޭފުޅުން ބައްދަލު ކުރައްވަމުން ގެންދެވިއެވެ.
2006 ވަނަ އަހަރުގެ ތެރޭގައި ނެރެންފެށި "ހާމަ" ނޫހުގެ އެޑިޓަރެއްގެ ގޮތުގައި އެނޫސް ހިންގަން އަޅުގަނޑު މަސައްކަތް ކުރި ދުވަސްވަރު މިދެންނެވި އިނގިރޭސި ސަފީރުގެ އޮފީހުގައި ހުންނަ ރާއްޖެއާބެހޭ ޑެސްކްގައި މަސައްކަތް ކުރައްވާ ސިޔާސީ އިސް މުޝީރަކާއި އަޅުގަނޑާއި ބައްދަލުވިއެވެ. މި ބައްދަލުވުމުގައި ނޫހުގައި އިނގިރޭސި ޚަބަރުތައް ލިޔުއްވާ ބޭފުޅާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އަޅުގަނޑުމެން ކުރިމަތި ކުރި އެއްސުވާލަކީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ޑިމޮކްރެސީ ގެނަސް ރާއްޖޭގައި އެވެރިން އެބޭނުންވާ ޙައްޤުތައް ކަށަވަރުކޮށްދީ އިސްލާހީ މަސައްކަތްތަކެއްކޮށް މުޅި ސަރުކާރު ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް އެހާ ޝައުޤުވެރިކަމެއް ހުރި ސަބަބެއް އޮޅުން ފިލުވުމަށެވެ. މިސުވާލަށް މިދެންނެވި މުޝީރު ދެއްވީ ވަރަށް އާދަޔާ ޚިލާފު ހައިރާން ކުރަނިވި ޖަވާބެކެވެ.
އެވެރީން ރާއްޖޭގައި އެކިޔާ ޒަމާނީ ޑިމޮކްރެސީ ގާއިމުކޮށް އެމީހުން ބޭނުންވާ ގޮތަށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ ސަރުކާރު ހިންގުމަށް ބަދަލުގެންނަން ބޭނުންވަނީ ރާއްޖެއަކީ ކުޑަ ބައިމަދު މީސްކޮޅު މަދު ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީއެވެ. އެމީހުން މި ޤައުމުގައި މިކުރާ ތަޖުރިބާގެ އަލީގައި ބޮޑެތި އިސްލާމީ ޤައުމުތަކަށް ނުވަތަ މެދުއިރުމަތީގެ ޤައުމުތަކަށް މިތާނގައި އިންދައިގެން ރުވާ ޑިމޮކްރެސީގެ ގަހުގެ ކުރި ގެންގޮސް ފެންދީގެން ހައްދަން ފަސޭހަވާނެތީއެވެ. މެދުއިރުމަތީގައި އެވެރިން ގެންނަން އުޅޭ "ޑިމޮކްރެސީގެ ބަހާރު މޫސުމް" ގެންނަން ކުރާ ތަޖުރިބާ ކުޑަ ޤައުމެއްގައި ކޮށްލަން ފަސޭހަވާނެތީއެވެ.
އެހެންވީމާ މިހާރު އެވެރީންގެ ފަރާތުން މިފެންނަ ކަންކަމަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަންކަމެއްނޫނެވެ. މިއީ މާ ދުރާލާ ރޭވިގެން، ދިވެހީންގެ ބައެއްގެ ސިކުނޑިތައް އެކަމަށް ހާނުވައިގެން ބަޔަކު އެކަމަށް ތައްޔާރުކޮށްގެން ފަށާފައިވާ މަސައްކަތެއްކަން އެނގެއެވެ. މިހެން މިކަންކަން ހިނގަމުން ދަނިކޮށް އެމީހުންގެ މި މަސައްކަތަށް އިތުރު ހިތްވަރަކާއި ބާރެއް މިއަދު ލިބުނީ ކުރީން މިކަމާއި ދެކޮޅު ހަދަމުން ގެންދިޔަ ބަޔަކު އެމީހުންގެ މިމަސައްކަތުގައި އަމިއްލައަށް އިސްނަގައިގެން ބައިވެރި ވީމައެވެ. ކުރީން އެވެރިން އުފެއްދި މީހުން މިހާރު ތިބީ ތަންކޮޅެއް ދުރުގައެވެ. މިއަދު އެވެރީން ބޭނުންވާ ބަދަލުތަކަށް އެދިވަޑައިގެން ދަޢުވަތު އެދެއްވަނީ ކުރީން "ޚުދުމުޚުތާރު އަނިޔާވެރިންގެ" ގޮތުގައި އެވެރީން ސިއްކަ ޖަހާފައި ތިބި ބޭފުޅުންނެވެ.
ފުލުހުންގެ ތަހުޤީގުތަކުން ހާމަވާ ގޮތުގައި 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން 2015 ވަނަ އަހަރުން ފެށިގެން މިމަސައްކަތް ފައްޓަވައިފިއެވެ. ކޮންމެ ފަދަ ޤުރުބާނީއެއް ވެވަޑައިގެން ވިޔަސް އަމިއްލަ ބޭފުޅަކު ދިވެހި ވެރިކަމުގެ ކޮއިލުގެ ތެރޭގައި ވަޑުވާން ހިތުނިޔަތްގަނެ މަސައްކަތް ފައްޓަވައިފިއެވެ. މިހާރު މިފެންނަމުން ދަނީ އެކަމުގެ ހިތި ނަތީޖާތަކެވެ.
މިދެންނެވި ކަންކަމަށް ފުންކޮށް ވިސްނާ ފިކުރު ހިންގާލާއިރު ލިބެނީ ހަމަ އެއް ނަތީޖާއެކެވެ. އިންތިޚާބެއް ބާއްވައިގެން ވޯޓުލައިގެން ވެރިކަން ހޯދުމުގެ ބަދަލުގައި ކޮންމެ ގޮތެއް ހަދައިގެން ކޮންމެ ފަދަ ނުބައި ހުތުރު އަމަލެއް ހިންގައިގެންވެސް މިހާރު ރާއްޖޭގައި ހިނގަމުންދާ ޤާނޫނީ ވެރިކަން ވައްޓާލަން ބޭނުންވާ ކަމެވެ. މިމަސައްކަތުގައި ދިވެހީންގެ ދީނީ އަޤީދާއާއި ކުޅެލާންވެސް ހަމަ ވަރިހަމައެވެ. ޤާނޫނު އަސާސީގައި އޮތް "މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށް" ބުނެފައި އޮތްތަން ބަދަލުކޮށް ދިވެއްސަކަށް ވުމުގައި ދީނެއް، މިއްލަތެއް ނެތްކަމަށް ލިޔާންވެސް ހަމަ "އޯކޭ" އެވެ. އެވެރީން ބޭނުންވާ ގޮތަށް ބޭނުން ގޮތަކަށް އުޅެ، ބޭނުން ގޮތަކަށް ހެދުން އަޅާ، ބޭނުން އެއްޗެއް ބޮއި، ބޭނުން ގޮތަކަށް ކައިވެނިކޮށް ގުޅުން ހިންގައި، ޑިސްކޯއަށް ޖައްސާލައި، ބާރއަށް ވަދެލައިގެން އުފާ ހާސިލުކޮށްލުމުގެ މިނިވަންކަން މިދެންނެވި ބޭފުޅުންގެ ނަޒަރުގައި ދިވެހީންނަށް ކަމުދެއެވެ. މިޤައުމުގައި ކޮންމެހެން އިސްލާމީ ވެރިކަމެއް ނެތަސް ވަރިހަމައެވެ. ބާޠިލު ދީން ތަކަށް މިޤައުމުގައި ޖާގަ ދީގެންވެސް ހުޅަނގުގެ ބާރުގަދަ ޤައުމުތަކުގެ އެހީއާއި މަދަދާއެކު މިހާރުގެ ވެރިކަން ނިމުމަކަށް ގެނަސްގެން ވެރިކަން ހޯދަން ބޭނުމެވެ.
މިހާރު އުފެދޭ އެންމެ މުހިންމު ސުވާލަކީ މިގޮތަށް ދިވެހި ޤައުމަށް އިސްލާހީ ބަދަލު ގެންނަން ދިވެހީން ރުހި ގަބޫލު ވެދާނެކަމާއި މެދު އުފެދޭ ސުވާލެއް ނޫނެވެ. މިހާތަނުން އުފެދޭ އެންމެ މުހިންމު ސުވާލަކީ މިހުރިހާ ކަމަކަށް ރުހި ގަބޫލުވެގެން، މިއަދު އޮތް ޤާނޫނީ ސަރުކާރު ވައްޓާލައިގެން ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫން ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ ވެރިކަން އެވެރީން އެބޭފުޅުންނަށް ވެދުމަކަށް އަރުވަފާނެ ކަމާއިމެދު އުފެދޭ ސުވާލެވެ.