ދިވެހި ސިފައިންގެ 126 ވަނަ އަހަރީދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ "ސިފައިންގެ 21 ވަނަ ފޮޓޯ މަޢުރަޒު" ހއ. މޮޅަދޫގައި މިއަދު ބާއްވައިފިއެވެ.
އެ މައުރަޒު މޮޅަދޫގައި ބޭއްވެވީ ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހީމްގެ އުފަން ރަށަށްވީތީއެވެ. މޮޅަދޫ ސްކޫލުގައި ބޭއްވި މި މައުރަޒު ހުޅުވައިދެއްވީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ދައްތަ ފާއިޒާ އިބްރާހީމް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެރަސްމިއްޔާތުގައިވަނީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމުގެ ގައުމީ ޖިހާދު ފާހަގަ ކުރައްވައި އޭނާއަށް ހަނދާނީ ފިލައެއް އަރުވައިފައެވެ. އެ ފިލައާ ހަވާލުވީ ވެސް އޭނާގެ ދައްތަ ފާއިޒާއެވެ. އެ އާއިލާ އާ އެމްއެންޑީއެފްގެ ފަރާތުން ފިލާ ހަވާލުކޮށްދެއްވީ ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާއީލް ޝަރީފެވެ.
މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުރަށް، ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް ހިމެނެއެވެ. ފޮޓޯ މައުރަޒު ބާއްވާފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ.
މި ފޮޓޯ މައުރަޒު ބޭއްވުމުގައި ހއ.މޮޅަދޫ ކައުންސިލްގެ މެމްބަރުންނާއި ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.