ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެއްޖެއެވެ.
މި ވިއްސާރައިގައި އައްޑޫސިޓީގެ ހުރިހާއަވަށެއްގައިވެސް ވަނީ ފެންބޮޑުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ސަދަން އޭރިއާގެ ސިފައިން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ފޭދޫ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ރޭފަތިހުން ފެށިގެން އައްޑޫސިޓީއަށް އަންނަނީ ވާރޭވެހެމުންނެވެ. ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި އެއްޗެހި ދުއްވުމާއި ހިނގައި ބިނގައި އުޅުމަށްވެސް ވަނީ ދަތިވެފައެވެ. ބައެއް ގޯތިތަކުގެތެރޭގައިވެސް ވަނީ ފެންބޮޑުވެފައެވެ. އެހެންނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި އަދިވެސް ދެކުނުގެ އަތޮޅު ތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. މިރޭގެ 8:00 އާ ހަމައަށް މޫސުމާ ބެހޭ އޮފީހުންވަނީ ގއ. އިން ފެށިގެން ސ. އާ ހަމައަށް ވައިޓް އެލާޓުވެސް ނެރެފައެވެ.