ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަލީ ޒަފަރް އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފި

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ޒަފަރް ލަވަ ކިޔުންތެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ އޭނާ ޓްވިޓަރ ގައި އެވާހަކަ އާއްމު ކުރުމާ ގުޅިގެން އިތުރު ބަޔަކު މިއަދު ވަނީ އަލީގެ ބޮލުގައި ތުހުމަތު އަޅުވައިފައެވެ.

ޓްވިޓަރ ގައި އިއްޔެ އަލީ ޒަފަރު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެވާހަކަ އާއްމު ކުރީ ޕާކިސްތާނުގެ ލަވަ ކިޔުންތެރިއެއް ކަމުގައިވާ މީޝާ ޝާފީ އެވެ. ޝާފީ ގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާ އަކީ އަބަދުވެސް އަންހެން ކުދީންނާއި ޒުވާނުންގެ ހައްގުގައި އަޑު އުފުލައި އަދި އެމީހުން ބާރުވެރި ކުރުވަން ހިތްވަރު ދޭ މީހެކެވެ. އެހެން ކަމުން މިއަދު އޭނާގެ ނަފުސު އޭނާގެ އެތެރޭގައި ހިނގަމުންދާ އުދާސްތައް އިތުރަށް ސިއްރުކޮށްގެން ހުރުމަށް ޖާގަ ނުދޭތީ އެވާހަކަ ހާމަ ކުރަން މަޖުބޫރުވީ އެވެ.

ޝާފީ ބުނެފައިވާ ގޮތުގައި  ޒުވާން އަންހެން ފަންނާނަކު އެފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހިދާނެތީ އޭނާ ވަރަށް ކަންބޮޑުވެއެވެ. އެހެންކަމުން މިއުޒިކް ސިނާއަތުގައި އޭނާގެ ހިތި ތަޖުރިބާ ހިއްސާ ކުރީ އެވެ. އަލީ ޒަފަރް ގެ ފަރާތުން އެކި ގޮތްގޮތަށް ޝާފީ އަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. މާ ބޮޑު ތަފްސީލެއް ދީފައި ނުވި ކަމުގައިވިޔަސް ޖިސްމާނީ ގޮތުންވެސް އެކި ވަރުގެ ފުރައްސާރަ އާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ބުނެފައިވެއެވެ. ޝާފީ ބުނެފައިވަނީ ޝާފީ އަށް އެފަދަ ތަޖުރިބާ އެއް ކުރާން ޖެހުނު އިރު އޭނާ އަކީ ބާރުވެރި އަންހެނެކެވެ. ދެ ކުދީންގެ މަންމަ އެކެވެ. އެހެން ކަމުން އެެއްވެސް ޒުވާން އަންހެން ކުއްޖަކު މިފަދަ ކަމެއް ތަޖުރިބާ ކުރަން ނުޖެހޭނެ ކަމަށާއި އަދި ހިމޭނުން ނުވަތަ އެކަން ސިއްރުކޮށްގެން ތިބެން ނުޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ ޕޯސްޓްގައި މީޓޫ ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ. މި ހޭޝްޓެގަކީ މަސައްކަތުގެ ސިނާއަތުގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަަ ހުއްޓުވުމަށް ދާދި ފަހުން ފަށަައިގެން އުޅޭ ހަރަކާތެކެވެ. މި ހޭޝްޓެގް ބޭނުންކޮށްގެން ހޮލީވުޑްގެ ގިނަ ތަރީންތަކެއް ވަނީ ނުފޫޒުގަދަ މަގާމުތަކުގައި ތިބޭ ފިރިހެނުންގެ ފަރާތުން ލިބިފަައިވާ ޖިންސީ ފުރައްސާރައިގެ ވާހަކަ ހިއްސާ ކުރަން ފަށާފައެވެ.

ޝާފީގެ ޕޯސްޓް އާ ގުޅިގެން ރޭގެ ވަގުތެއްގައި އަލީ ޒަފަރު ވަނި ޓްވީޓް ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މީޓޫ މޫވްމަންޓަކީ އޭނާ ފުރިހަމައަށް ތާއީދުކުރާ ހަރަކާތެކެވެ. އޭނާ އަކީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ބައްޕަ އެއް ކަމަށާއި އަދި މަންމަ އެއްގެ ފިރިހެން ދަރިއެއް ކަމަށާއި އަދި މީހެއްގެ ފިރިއެއް ކަމަށާއި، އިންސާނިއްޔަތާއި ޚިލާފަށް ހިނގާ ކަންކަމާ ދެކޮޅަށް އަބަދުވެސް ތެދުވާ މީހެއް ކަމަށެވެ. އަލީ ވަނީ ޝާފީގެ ތުހުމަަށް އިންކާރު ކޮށްފައެވެ. އަދި އަބުރު ނަގައިލުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް ވަރަށް ސާބިތު ކަމާ އެކު މިފަހަރުވެސް ތެދުވާނެ ކަމަށް އަލީ ބުނެފައިވެއެވެ. އަލީ ބުނެފައިވާ ގޮތުގައި ޝާފީ އޭނާގެ ބޮލުގައި އަޅުވައިފައިވާ ސީރިއަސް ތުހުމަތު ތަކާ މެދު އޭނާ ގޮތެއް ނިންމާނީ މީސްމީޑިއާ އަކު ނޫނެވެ. އެކަމަށް ހެދިފައިވާ ގާނޫނު ތަކުގެ ތެރެއިން ކޯޓް ގައެވެ.

އަލީ މިހެން ބުނެފައިވަނިކޮށް އިތުރު ދެ މީހަކު މިއަދު ވަނީ ޝާފީ އަށް ތާއީދުކޮށް އަލީ އެމީހުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށްބުނެ ޓްވީޓް ކޮށްފައެވެ. އޭގެ ތެރެއިން އެކަކު ބުނެފައިވާ ގޮތުގައި އޭނާ އަކީ އަލީގެ އާއިލާ އާއި ގުޅުން އޮންނަ މީހެކެވެ. އެހެން ކަމުން އެކަން ސިއްރު ކުރީ އާއިލާ އަށް ކުރާ އިހްތިރާމެއްގެ ސަބަބުންނެވެ. އަނެއް މީހާ ބުނެފައިވާ ގޮތުގައި އޭނާ އަކީ އަލީ އަށް ތާއީދު ކުރާ މީހެކެވެ. އޭނާ ގައިގައި އަލީ އަތް ލައިފައިވަނީ އަލީ އާ އެކު ސެލްފީ އެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށް އޭނާ ބުނެފައިވެއެވެ.  

އުމުރުން 37އަހަރުގެ އަލީ އަކީ ޕާކިސްތާނަށް އުފަން މިއުޒީޝަނެކެވެ. ލަވަ ކިޔުންތެރިއެއްގެ އިތުރުން އޭނާ އަކީ މިއުޒިކް ކޮމްޕޯޒަރެކެވެ. އަދި މޮޑެލް އެކެވެ. އޭނާ އަކީ ހިންދީ ސިނަމާގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. އޭނާ އަށް މަގްބޫލުކަން ލިބެން ފެށި އޭނާގެ ފުރަތަމަ އަލްބަމް ހުގަ ޕާނީ ގައި ހިމެނުން 'ޗަނޯ' އިންނެވެ. އޭނާގެ އަލްބަމްގެ ފަސް މިލިއަން ކޮޕީ ވަނީ ވިކިފައެވެ. އެއަށްފަހު އޭނާ ވަނީ 2010ވަނަ އަހަރު ބޮލީވުޑް ގެ ހެއްވާ ފިލްމެއް ކަމަށްވާ 'ތެރެ ބިން ލާދިން' ގެ ލީޑް ރޯލް ކުޅެފައެވެ. އެ ފިލްމުން އޭނާގެ މަގްބޫލުކަން އިތުރުވިއެވެ. އޭގެ ފަހުން 'މެރެ ބްރަދަރ ކި ދުލްހަން' އާއި 'ޗަޝްމެ ބައްޑޫރް' އާއި 'ޑިއަރ ޒިންދަގީ' ގައި ވެސް އަލީ މުހިއްމު ރޯލުތަކެއް ކުޅުނެވެ. އަދި 2013ވަނަ އަހަރު އިނގިރޭސިވިލާތުގެ ނޫހަކުން ކިއުންތެރީންގެ މެދުގައި ނެގި ވޯޓުން 'ސެކްސިއެސްޓް އޭޝިއަން މޭން އޮން ދަ ޕްލެނެޓް' އަށް ވެސް އޭނާ ހޮވިފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.