ހިލޭ ފިރިހެނަކާ ސަލާން ނުކުރީތީ ފަރަންސޭސި ރައްޔިތުކަން ނުދިން

ފަރަންސޭސި ރައްޔިތުންނަށް ވާން އެދުނު ބަޔަކަށް ރައްޔިތުކަން ދިނުމުގެ ރަސްމިއްޔާތެއްގައި ހިލޭ ފިރިހެނުންނާ ސަލާން ކުރާން ދެކޮޅު ހެދި އަންހެނަކަށް ރައްޔިތުކަން ނުދިނީ ރަނގަޅަށް ކަމަށް ފަރަންސޭސި ވިލާތުގެ އެންމެ މަތީ އިދާރީ ކޯޓުން ނިންމައިފިއެވެ. މި އަންހެން މީހާއަށް ރައްޔިތުކަން ނުދޭން ނިންމާފައި ވަނީ 2016 ވަނަ އަހަރުއެވެ.

ފަރަންސޭސި ވިލާތުގެ އިރުދެކުނުގެ ރަށެއް ކަމުގައިވާ އިޒޭޣް ގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޝަރަފުވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާ ސަލާން ުރާން އެ އަންހެންމީހާ ދެކޮޅު ހެދީ އޭނާގެ ދީނުގައި އެކަމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައެވެ. ޝަރަފުވެރިންގެ އިތުރަށް އެތަނަށް ގޮސް ތިބި ބައެއް ސިޔާސީ މީހުންނާ ސަލާން ކުރާންވެސް އޭނާ ދެކޮޅު ހެދިއެވެ.

ފަރަންސޭސި ސަރުކާރުން ބުނެފައި ވަނީ އެއީ އޭނާ "ފަރަންސޭސި ވެށްޓަށާއި، އާދަކާދައަށް ހޭނެން ބޭނުން ނުވާ" ކަމުގެ އަލާމަތެއް ކަމުގައެވެ. މަދަނީ ގާނޫނުތައް ބުނާ ގޮތުން މިއީ ރައްޔިތުކަން ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިދޭ ކަމެކެވެ.

މި އަންހެންމީހާ އަކީ އަލްޖަޒާއިރުގެ މީހެކެވެ. އޭނާ ފަރަންސސިއަކާ އިނީ 2010 ވަނަ އަހަރުއެވެ. 2016 ވަނަ އަހަރު އޭނާއަށް ރައްޔިތުކަން ދިނުމާ ސަރުކާރުން ދެކޮޅު ހެދުމުން އޭނާ 2017 ވަނަ އަހަރު އެ މައްސަލަ އިސްތިއުނާފު ކުރީއެވެ. އޭނާ ދެކޭ ގޮތުގައި އެއީ ސަރުކާރުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރުމުގެ ގޮތުން ކުރި ކަމެކެވެ. އެހެންނަމަވެސް މިފަދަ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ކޯޓު، ކައުންސިލް އޮފް ސްޓޭޓުން އިއްޔެ ނިންމާފައި ވަނީ ސަރުކާރުން ގާނޫނާ ފުށުއަރާ ކަމެއް ނުކުރާ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.