ނިއުކުލިއާ އެއްބަސްވުމުން ވަކިނުވުމަށް ޔޫރަޕިއަން ޕާލަމަންޓު މެންބަރުން އެމެރިކާރަށް ގޮވާލައިފި

އީރާނާއެކު ނިއުކުލިޔާ އެެއްބަސްވުމެއް އެކުލަވާލުމަށް 2015 ވަނަ އަހަރު ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން

2015 ވަނަ އަހަރު އީރާނާއެކު އެމެރިކާ، ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުން ވެފައިވާ ނިއުކުލިއާ ހަތިޔާރު ކޮންްޓްރޯލްކުރުމާ ބެހޭ އެއްބަސްވުމުން ވަކިނުވުމަށް އެދިވަޑައިގެން އެހަތަރުގައުމު ޔޫރަޕިއަން ޕާލަމެންޓުގައި ތަމްސީލުކުރައްވާ 500 އެއްހާ މެންބަރުން އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕަށް ލިއުއްވައިފިއެވެ.
"ނާޒުކު ހާލަތެއްގައި އޮތް ސަރަހައްެދެއްގައި ނިއުކުލިޔާ ހަތިޔާރު ފެތުރުން ހުއްޓުވުމަކީ އެމެރިކާއާއި ޔޫރަޕުގެ މަސްލަހަތު އޭގައި ހިމެނޭކަމެއް. އަދި އެޓްލާންޓިކު ކަނޑު ހުރަސްކޮށް އޮންނަ ގުޅުންތައް ދުނިޔޭގެ ސިޔާސީ މަސްރަހުގައި އިތުބާރުހުރި ބާރެއްގެ ގޮތުގައި ދެމެހެއްޓުމަށް މުހިއްމު ކަމެއް." އެ މެންބަރުން ވިދާޅުވެފައި ވެއެވެ. އެެއީ ކައިރި މުސްތަގުބަލެއްގައި އީރާނު ނިއުކުލިއަށް ބާރަކަށްވުން ހުއްޓުވި "ޑިޕްލޮމެޓިކް ބޮޑު ކުރިއެރުމެއް" ހޯދައިދިން އެއްބަސްވުމެއް ކަމުގައި ސިފަކުރައްވަމުން އެ މެންބަރުން ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގެ ސަބަބުން "ކުރިން ދުވަހަކުވެސް ބެލިފައި ނުވާ ވަރަށް ކައިރިން އީރާނުގެ ނިއުކުލިއާ ޕްރޮގްރާމު ބެލުމުގެ ފުރަސަތު އަހަރުމެންނަށް ލިބިގެންދިޔަ. ޔުުރޭނިއަމް ފައްކާކުރުމަށް އެމީހުން ބޭނުންކުރި ގިނަތަންތަން ރޫޅާލެވުނު. އަދި ނިއުކުލިއާ ވާދަވެރިިކަމެއްގެ ބިރު އެތައް ތަން ކުޑަ ކުޑަކުރެވުނު" ކަމުގައެވެ. އަދި މިހުރިހާ ކަމެއް ހާސިލުކުރެވުނީ "އެެެންމެ ލޭ ތިއްކެއްވެސް އޮހޮރާ ނުލައި" ކަމުގައެވެ.
އެމެރިކާ އެ އެއްބަސްވުމުން ވަކިވުމުގެ ސަބަބުން އެއްބަސްވުން އުވިއްޖެނަމަ، އެކަމުން މެދުއިރުމަތީގައްޔާއި އެއަށް ވުރެ ދުރުގައި ގެއްލުން ބޮޑު ހަމަނުޖެހުމެއް އުފެދިގެން ދާނެކަމަށްވެސް އެ މެންބަރުން ލިއުއްވާފައި ވެއެވެ.
ރައީސު ޓްރަޕްމް ސިފަކުރައްވާ ގޮތުގައި ބަރަކް އޮބާމާގެ ވެރިކަމުގައި އިރާނާއެކު އެ އެއްބަސްވުމުގައި ސޮއިކުރުމަކީ އީރާނަށް އަމާންދިނުން ފަދަ ކަމެކެވެ. އަދި އީރާނުގެ ނިއުކުލިއާ ޕްރޮގްރާމު މަޑުޖައްސާލުމުގެ ބަދަލުގައި، އީރާނާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަައް އުވާލުމުން އެމެރިކާއަށް ލިބޭ ފައިދާއެއް ނެތެވެ. އޭނާ ވަނީ މޭ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ އެއްބަސްވުމުގައި ހުރި ދެކޮޅުނުޖެހޭ ކަންކަން ރަނގަޅުކުރުމަށް ޔޫރަޕުގެ ވެރިންނަށް ގޮވައިލައްވާފައެވެ.
ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތުން މިހާރު ދަނީ އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ. އެމެރިކާ އެއްބަސްވުމުން ވަކިނުވެ އޮވޭތޯ ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ.
މި ފެށޭ ހަފުތާގައި ރައީސު ޓްރަމްޕާ މަޝްވަރާކުރެއްވުމަށް ފަރަންސޭސި ރައީސު އިމާނުއެލް މެކްރޯނާއި، ޖަނުމަނުވިލާތުގެ ޗާންސެލާ އެންޖެލާ މާކެލް ވޮޝިންޓަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.