އަންނަ ރޯދަމަހު މުދަލުގެ އަގު ބޮޑުވާނެ ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ ރޯދަމަހު މުދަލުގެ އަގުބޮޑުވާނެ މައިގަނޑު ސަބަބަކީ މުދާ އުފުލުން ރޭގަނޑަށް ބަދަލުކޮށް މަޖޫރީންގެ އުޖޫރަ ސަރުކާރުން ކޮންޓްރޯލް ކުރުމުން ކަމަށެވެ.
"މަޖޫރީންގެ އުޖޫރަ ސަރުކާރުން ކޮންޓްރޯލްކުރުމުން މަޖޫރީން އެތިބެނީ އަދިވެސް ހިތްހަމަޖެހިގެނެއްނޫން. އެމީހުންނަށް އެހެން ގޮތެއްނެތިގެން އެތިބީ. އެ މީހުން ސަރުކާރުގެ ނިންމުމަށް ދެކޮޅު ހަދައިގެން ވަޒީފާ ގެއްލެން ބޭނުމެއްނުވޭ. އެހެންވެ އެތިބެނީ. އެމީހުން އެމްޓީޔޫއަށް ޝަކުވާވެސްވަނީ ހުށަހަޅައިފައި،" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުވާލު ކުރަމުން އައިސް މަސައްކަތް ރޭގަނޑަށް ބަދަލު ރޭގަނޑު އެމަސައްކަތް ކުރަންޖެހުމުން މަސައްކަތުގެ ސްޕީޑަށްވެސް ބަދަލު އަންނާނެ ކަމަށެވެ. ސްޕީޑު ލަސްވެ، މުދާ ނެރުން ތާށިވެ މިފަދަކަންކަން ދިމާވާން ފެށުމުން ކޮންޓެއިނަރު ތަކަށް ޑެމަރޭޖުވެސް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވުމުން ވިޔާފާރިވެރިން މުދަލުގެ އަގުބޮޑުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް ފަސް ކޭސް ޖޫހުން ކޮންމެ ޖޫސް ފުޅިއަކުން ފަންސަވީސްލާރި ބޮޑުކޮށްގެން ނަމަވެސް ވިޔަފާރިވެރިން ބަލާނީ އެމީހުންނަށް ލިބުނު ގެއްލުން ފޫބައްދަން. މުދަލުގެ އަގުބޮޑުވެގެންދާނީ މިފަދަ އެތައް ކަމެއް ދިމާވެ ބޮއްސުން ލައިގެން،" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުދާ އުފުލާނެ ވަގުތަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އެތައް ބައެއްގެ ނިދި ގެއްލޭ ކަމަށެވެ. އޭގެ އިތުރަށް އާއިލީ މައްސަލަތައްވެސް ނުކުތުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ސަރުލާރުން ކުރައްވަންވީ ކަމަކީ އަދިވެސް މަޖޫރީންނާ ވާހަކަ ދައްކަވައިގެން ކަންކަން ހައްލު ކުރެއްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ސަރުކާރުން އެފަދަބޮޑު ބަދަލެއް ގެންނެވިއިރު މަޖޫރީންނާއި، ވިޔަފާރިވެރިންނާއި އާންމުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ޚިޔާލު ހޯއްދެވުމަށްފަހު އެކަން ކުރެއްވިނަމަ ނަތީޖާ ރަނގަޅުވުމުގެ ފުރުސަތު ބޮޑުވީސް ކަމަށެވެ.