ވަކީލުން ޚިޔާރުކުރާ ގަޑިއަކު ގައިދީންނާ ބައްދަލު ކުރެވޭގޮތް ހަދައިފި

ޖަލުގައި ހުކުމްތަންފީޒު ކުރަމުންދާ ގައިދީންނާ އެމީހުންގެ ވަކީލުން ބައްދަލު ކުރުމަށްދޭ ވަގުތު އެ ވަކީލަކު ޚިޔާރުކުރާ ގަޑިއަކު ދޭ ގޮތަށް ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ އެގޮތަށް ހަމަޖެއްސެވީ މިދުވަސްވަރު ހިނގަމުންދާ ޝަރީއަތްތަކާއި، ބަންދުގައިވާ ބައެއް މީހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

އެތަނުން ވިދާޅުވީ މާފުށިޖަލުގައި ވަކިގަޑިތަކެއްގައި އެކަނި ވަކީލުބައްދަލުވުން ދެއްވުމުގެ ބަދަލުގައި، ހަފުތާގެ ކޮންމެ ދުވަހެއްގައި 24 ގަޑިއިރުތެރޭގައި، ވަކީލަކު އެދޭކޮންމެ ގަޑިއަކު ވަކީލު ބައްދަލުވުން ލިބޭނެ ކަމަށެވެ. އެކަމަކު އެހުށަހަޅާގަޑި ކުރިން އެހެން ވަކީލަކު ނަގައިފައި އޮތްކަމަށްވާނަމަ ދެންޖެހޭނީ އެގަޑި ނޫން އެހެން ގަޑިއަކަށް ބަދަލު ކުރަން ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.

"ކޮންމެ ވަކީލަކަށްވެސް ބައްދަލުވުމަށް ނޯޓުކުރެއްވޭނީ އޭނާގެ މުވައްކިލް އާއެކު ކުރިޔަށް އޮތް ބައްދަލުވުމަށެވެ. އެދިލައްވާ ގަޑި ލިބެންނެތް ނަމަ، ދެން ލިބެން އޮތް ގަޑިއެއް ޚިޔާރު ކުރެއްވޭނެއެވެ." ކަރެކްޝަނުން ވިދާޅުވެފައިވެއެވެ.

ވަކީލު ބައްދަލުވުމަށް ކަރެކްޝަނަލް ސަރވިސްއިން ގެންނަވައިފައިވާ ބަދަލުތައް ބުނާ ގޮތުން "ބަންދުމީހާ ނުވަތަ ގައިދީ، ނަން ހުށަހަޅާފައިވާ ވަކީލަކު، އެ ބަންދުމީހާ ނުވަތަ ގައިދީއެއްގެ މައްސަލައާ މެދު ބައްދަލު ކުރެއްވުމަށް އެދިލައްވާ ފުރަތަމަ ފަހަރު އެ ބަންދުމީހާ ނުވަތަ ގައިދީގެ ވަކީލެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެއެވެ. އަދި އެއަށްފަހު، އެ ވަކީލަކު އެ ބަންދު މީހާ ނުވަތަ ގައިދީ އާ، އެ މައްސަލާގައި، ބައްދަލުކުރެއްވުމަށް އެދިލައްވާއިރު، ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވާ ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުން ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ."

ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ވަކީލަކު އޭނާގެ މުވައްކިލާ ބައްދަލުކުރަން ލިބޭނީ ގިނަވެގެން ދެ ގަޑިއިރު ކަމަށްވެސް ކަރެކްޝަނުން ވިދާޅުވިއެވެ. އަދި ދުވާލަކު ލިބޭނީ ކޮންމެ ވަކީލަކަށްވެސް އެއް ބައްދަލުވުން ކަމަށްވެސް ކަރެލްޝަނުން ވިދާޅުވިއެވެ.

މި ބަދަލާއެކު ވަކީލުންގެ ބައްދަލުވުމަށް އެދޭ ފޯމު ބަލައިގަންނާނީ ކުރިއެކޭ އެއްފަދައިން މާލެ ދެކުނުފަރާތު ބޮޑުތަކުރުފާނުމަގުގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފީހުންނެވެ. އެކަމަކު ރޭގަނޑާއި ދުވާލު، ކޮންމެ ގަޑިއެއްގައިވެސް ވަކީލުން ބައްދަލުކުރުމަށް އެދި ހުށަހަޅުއްވާ ފޯމު އެތަނުން ބަލައިގަންނާނެ ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.

ކުރިއާ ޚިލާފަށް މިހާރުވަނީ ވަކީލުންނާ ބައްދަލުކުރުމަށް ބޭނުންކުރާ ތަނުގެ އިތުރަށް، އާއިލީ ބައްދަލުވުން ބާއްވާ ތަނުގައިވެސް ވަކީލު ބައްދަލުވުން ބާއްވާ ގޮތަށް ހަމަޖައްސަވައިފައެވެ.

އާއިލީ ބައްދަލުވުން ބާއްވާ ތަނުގައި ވަކީލުންގެ ބައްދަލު ވުމެއް ބާއްވާ ކަމަށްވާނަމަ "ކޮންމެވެސް ގައިދީއެއް ނުވަތަ ބަންދު މީހެއްގެ އާއިލީ ބައްދަލުވުމުގެ ފުރުސަތު ފަސްކުރެވިގެން ދާނެއެވެ. އަދި އާއިލާއާ ބައްދަލުވުމަށް ހަމަޖެހިފައިވާ ގައިދީ ނުވަތަ ބަންދުމީހާއަށް ފަހުން އެބައްދަލުވުން ދެވޭނެއެވެ."

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.