ކިއުބާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ނާއިބު ރައީސު މިގޭލް ޑިއާޒް-ކާނެލް، އެގައުމުގެ ރައީސުކަމަށް އިއްޔެ އައްޔަންކޮށްފިއެވެ. ރައީސު ރާއުލް ކާސްޓްރޯ އިތުރު ދައުރަކަށް ރައީސުކަމުގައި ހުންނަވަން ބޭނުންފުޅު ނުވާތީއެެވެ. އެހެންނަމަވެސް އޭނާ ހުންނަވާނީ ކިއުބާގެ އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައެވެ.
މިގޭލް ޑިއާޒް-ކާނެލް މިއަދު ރަައީސުކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ. އެހެންކަމުން މިއަދު، 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަސް ވެގެންދާނީ ކިއުބާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހަކަށެވެ. ފާއިތުވި ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި ކާސްޓްރޯ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ކިއުބާގެ ވެރިކަމުގައި ނެތި، އާ މަރުހަލާއަކަށް ކިއުބާ ދަތުރު ފަށާ ދުވަހަށް ވާތީއެވެ.
1959 ވަނަ އަހަރު ގެނައި ކޮމިއުނިސްޓް އިންގިލާބަށް ފަހު، ކިއުބާ މީހުންނަށް ވެރިކަމުގައި ކާސްޓްރޯއަކު ނުފެނި ނުދެއެވެ. ކިއުބާގެ އިންގިލާބީ ލީޑަރު ފިޑެލް ކާސްޓްރޯ 1959 ވަނައަހަރުން ފެށިގެން ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، 1976 ވަނަ އަހަރު ރައީސު ކަމަށް ވަޑައިގަތެެވެ. އާލާސްކަންފުޅުގެ ސަބަބުން 2008 ވަނަ އަހަރު އޭނާ ވެރިކަމުން ދުރުވެވަޑައިގަތުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޭނާގެ ކޮއްކޯފުޅު ރާއުލް ކާސްޓްރޯއެެވެ. މިއަދު އޭނާ ވެރިކަން ދޫކުރައްވާނެއެވެ. ރައީސުކަން ދޫކުރެއްވިއަސް 2021 ވަނަ އަހަރު ކޮމިއުނިސްޓް ޕާޓީގެ ކޮންެގްރެސް ބާއްވަންދެން، އެޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވާނީ އޭނާއެވެ.
އެންމެ ބާރުގަދަ އަވަށްޓެރިޔާ އެމެރިކާއާ ކިއުބާގެ ގުޅުމަކީ ފިޑެލް ކާސްޓްރޯގެ ވެރިކަމުގައި އެެއްގޮތަކަށްވެސް ރަނގަޅު ގުޅުުމެއް ނޫނެެވެ. ނަމަވެސް ރާއުލް ކާސްޓްރޯ ވެރިކަމަށް ވަޑައިގަތުމަށްފަހު، ބަރަކް އޮބާމާ ރައީސަކަށް ހުންނެވިރު އެމެރިކާއާއި ކިއުބާގެ ގުޅުން ރަނގަޅުވެގެން ދިޔައެވެ. ޑޮނާލްޑް ޓްރަމްޕް ރައީސުކަމަށް ވަޑައިގަތުމާއެކު، ދެ ގައުމުގެ ގުޅުން އަނެއްކާވެސް ވަނީ ގޯސްވެފައެވެ.
ފިޑެލް ކާސްޓްރޯ ކިއުބާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ އެއް އަހަރު ފަހުން، 1960 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޑިިއާޒް-ކާނެެލް އަކީ ވަރަށް ޒުވާން އިރުއްސުރެ ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ކިޔަވައި ވިދާޅުވެ، ކިޔަވައި ދެއްވަން އުޅުއްވީ އިލެކްޓްރިކަލް އިންޖިނިއަރިންގ ކަމުގައިވިޔަސް، އޭނާ އެބަދަވެސް ސިޔާސީ މައިދާނުގެ އިސް ސަފުގައި މަސައްކަތްކުރައްވާފައި ވެއެވެ.
އޭނާއަކީ ދެ ކާސްޓްރޯއަށްވުރެ އާއްމުންނާ ގާތް ބޭފުޅެއް ކަމުގައި ބެލެވެއެވެ. އަދި ހަގީގަތުގައި މިހާރުވެސް ކިއުބާގެ އެންެމެ ބާރުގަދަ ބޭފުޅަކީ ރާއުލް ކާސްޓްރޯ ކަމުގައި ވިޔަސް، ވެރިމީހާ ބަދަލުވުމުން ކަންކަންވެސް ބަދަލުވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.