ދިވެހި ސިފައިންގެ 126 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ފޮޓޯ މައުރަޒު ހއ. މުޅަދޫ ގައި ބާއްވާ ގޮތަށް ޖަމަޖައްސައިފިއެވެ.
އެރަށުގައި ފޮޓޯމައުރަޒު ބާއްވާ ގޮތަށް ހަމަޖެއްސެވީ އަރަށަކީ ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހީމްގެ އުފަން ރަށަށްވުމުން ކަމަށް އެމްއެންޑީފުން ވަނީ ވިދާޅުވިއެވެ.
އެއީ ސިފައިން ބާއްވާ 21 ވަނަ ފޯޓޯ މައުރަޒު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ސިފައިންގެ ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސިފައިންގެ އަހަރީ ދުވަސްކަމުގައިވާ 21 އޭޕްރީލްވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، ހއ.މުޅަދޫ ސްކޫލު ހޯލުތެރޭގައެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ގުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި އަދި އޭގެއިތުރުން ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށްވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ޝަހީދުވި، ކޯޕްރަލް މުޙައްމަދު އިބްރާހީމް (މެކާނޯ) އަކީ ތިނެއް ނޮވެމްބަރ ގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅަކެވެ. އެރަށުގެ މި މައުރަޒު ބާއްވާނީ އޭނާގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އަދި ހއ.މުޅަދޫ ކައުންސިލު އިދާރާ ގުޅިގެން ބާއްވާ މައުރަޒެކެވެ.