އަސީރުން ބަދަލުކުރުމަށް އިސްރާއީލާއެކު ނުސީދާކޮށް ވާހަކަދައްކަން ހަމާސް ތައްޔާރު

ފަލަސްޠީނު މީހުން އަސީރުންގެ ދުވަސް ފާހަގަކުރަނީ

ދެފަރާތުގައި ތިބި އަސީރުން ބަދަލުކުރުމަށްޓަކައި، އިސްރާއީލާއެކު ނުސީދާ ވާހަތަކަށް ދާން އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ތައްޔާރަށް އޮތްކަމުގައި އެޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ޗެއާމަން އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ އަސީރުންގެ ދުވަހުގެ މުނާސަބަތުގައި އަލްްޤުދްސް ޓީވީން ފޮނުވި ޚިޠާބެއްގައި، އަސީރުން ބަދަލުުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ތިންވަނަ ފަރާތެއް މެދުވެރިކޮށް އިސްރާއީލާކު އެކު ވާހަކަ ދައްކަން ހަމާސް ތައްޔާރުކަން ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ "އަހަރުމެންގެ ރައްޔިތުން އިންތިޒާރުކުރާ މި ބޮޑު އުއްމީދު ހާސީލުކޮށްދެވޭނެ ފެންވަރު ހަމާސްގައި އެބަހުރި" ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ އަސީރުންނަށް މިނިވަންކަން ހޯދައިދޭން އެމީހުންގެ އާއިލާތަކަށް ހަމާސް އިން ވައުދުވެފައިވާ ކަމުގައެވެ. އަދި ހުރިހާ އަސީރުން މިނިވަންކޮށް، އެކަމުގެ އަގު އިސްރާއީލުން އަދާކުރާނެ ދުވަސް އަންނާނެ ކަމުގައެވެ.
އިސްރާއީލު ސިފައިންގެ ހަތަރު މީހުން އަސީރުންގެ ގޮތުގައި ހިފަހައްޓާފައިވާ ކަމަށް ހަމާސް އިން ބުނެއެވެ. ނަމަވެސް އިސްރާއީލުން ބުނަނީ ސިފައިންގެ ދެމީހުން މަރާލާފައިވާ ކަމަށާއި، އަނެއް ދެމީހުންނަކީ އޮޅިގެން ޣައްޒާއަށް ވަދެވުނު އާއްމުންގެ ދެމީހުން ކަމުގައެވެ.
2011 ވަނަ އަހަރު ވެވުނު މިފަދަ އެއްބަސްވުމެއްގެ ދަށުން ދެފަރާތުން ވަނީ އަސީރުން ބަދަލުކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެފަހަރު، އިސްރާއީލު ސިފައިންގެ މީހެއް ކަމުގައިވާ ޖަލްއާދް ޝާލީތުގެ ބަދަލުގައި އިސްރާއީލުން ވަނީ ފަލަސްޠީނުގެ 1027 އަސީރުން ދޫކޮށްފައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު އިސްރާއީލު ވަނީ ދޫކޮށްލި މީހުންގެ ތެރެއިން 60 މީހުން އަލުން ހައްޔަރުކޮށްފައެވެ.
1974 ވަނަ އަަހަރުން ފެށިގެން ފަލަސްޠީނު މީހުން ދަނީ އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ އަސީރުންގެ ހަނދާނުގައި ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 17 ވަނަ ދުވަސް އަސީރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ.
ފަލަސްޠީނުގެ އަސީރުންނާ ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަލަސްޠީނުގެ 6500 އަސީރުން އިސްރާއީލުގެ ޖަލުތަކުގައި އެބަތިއްބެވެ. އޭގެ ތެރޭގައި 350 ކުޑަކުދިންނާއި 62 އަންހެނުން ހިމެނެއެވެ. އަދި ފަލަސްޠީނުގެ ގާނޫނު ހަދާ މަޖިލީހުގެ 8 މެންބަރުންވެސް ހިމެނެއެވެ.
އަސީރުންގެ ތެރޭގައި އިސްރާއީލުގެ ޖަލުގައި 20 އަހަރު ހޭދަކޮށްފައިވާ 48 އަސީރުންނާއި، 25 އަހަރު ހޭދަކޮށްފައިވާ 25 އަސީރުންނާއި، 30 އަހަރު ހޭދަކޮށްފައިވާ 12 އަސީރުން ވެސް ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.