ރައީސަށް ލިބިވަޑައިގެންނެވި އެވޯޑަކީ އެހެން ގައުމުތަކަށްވެސް ލިބުނު ފަޚުރެއް:ޑރ. ޒިޔާދު

ރައީސް އަބްދުﷲ ޔާމީނަށް ގްލޯބަލް މޮޑަރޭޝަން ފޯރަމުން ދެއްވި އެވޯޑަކީ އެހެން ގައުމުތަކަށްވެސް ލިބިނު ފަޚުރެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގައި ރޭ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޓެރަރިޒަމާއި ހައްދު ފަހަނަޅައި ދިޔުން ނައްތާލުމުގެ އިތުރަށް އިސްލާމްދީން ކުރިއެރުވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކުފާނަށް ދެއްވި އެވޯޑަކީ ރާއްޖޭގެ އިތުރަށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ބާރުގަދަ އެހެން ލީޑަރުން ތިއްބަވަނިކޮށް ރައިސް ޔާމީނަށް މި އެވޯޑު ލިބިވަޑައި ގެންނެވުމަކީ ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސ ޔާމީނަށް އެ އެވޯޑު ލިބިވަޑައިގެންނެވުމުން އޯއައިސީއަށާއި އެ ޖަމާއަތުގެ މެންބަރު ގައުމުތަކަށްވެސް އެކަން ހާމަވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޯއިސީގެ މެންބަރު ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އޯއިސީއަށް އަރަހަރީ ރިޕޯޓު ހުށަހަޅާއިރު ރައީސަށް މި އެވޯޑު އެރުވި ވާހަކަ އަންނާނެ ކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ. "އެހެންވީމާ މިއީ ހުރިހާ ގައުމުތަކަށް ލިބިގެންދިޔަ ފަޚުރެއް، ޝަރަފެއް އަދި ވަރަށް ބޮޑު ޗެލެންޖެއްމީ،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އަރަބި އިސްލާމީ ގައުމުތަކާ އަޅާބަލާއިރު ވަރަށް ތަފާތު ގައުމެއް ކަމަށެވެ. "ސަބަބަކީ ދުނިޔޭގެ ގިނަ އަރަބި އިސްލާމީ ގައުމުތަކަކީ އެގައުމުތަކުގައި ކޮންމެވެސް ވަރަކަށް އެހެން ދީންތަކާއި، އެހެން ސަގާފަތްތަކާއި، އެހެން އާދަކާދަ އޮންނަ ގައުމުތައް. އެހެންނަމަވެސް އަޅުގަނޑުމެންގެ ގައުމުގެ ތަފާތަކީ އަޅުގަނޑުމެންގެ ގައުމުގައި މިއޮތީ އެއްދީނެއް، އެއް ސަގާފަތެއް، އެއްބަހަކުން ވާހަކަ ދައްކާ އަދި ގައުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ގައުމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ގޮންޖެހުންތައް ކުރިމަތިވެފައިވަނީ  އެތެރެއިންނާއި ބޭރުން ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ ވަހުދަތު ހިފެހެއްޓެވުމަކީ ކުޑަކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މާޒީއަށް ބަލައިލާއިރު އެކަން ފެންނަން އެބައޮތް ކަމަށްވެސް ޑރ. ޒިޔާދު ވިދާޅުވިއެވެ.  މިއަދުވެސް އެކަން ފެންނަމުންދާ ކަމަށާއި އަދި މުސްތަގުބަލުގައިވެސް އެކަން ފެންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ކާބަފައިން މިއަމާނާތް (އިސްލާމްދީން) އަޅުގަނޑުމެންނާ ހަވާލުކުރި ފަދައިން ރައީސް ޔާމީން ދެކެވަޑައިގަންނަވަނީ މިއީ އަމާނާތެއްގެ ގޮތުގައި. މި އަމާނާތް އަންނަންއޮތް ޖީލުތަކަށް ހަވާލުކުރުމަކީ އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގެން އެއަޒުމާއި އެހިތްވަރާއި އެކު ގައުމު ސަލާމަތް ކުރައްވަން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ މިއަދު ބައިނަލް އަގުވާމީ ފަރާތްތަކުން ފާހަގަވެގެން އެދިޔައީ،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.