ރައީސް ނަޝީދަށް އިންތިޚާބުން ފުރުސަތެއް ނޯންނާނެ: ޑރ. ޝައިނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް އދ. ގެ ކޮމިޓީއަކުން ނިންމެވިޔަސް އެފުރުސަތު އެމަނިކުފާނަށް ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީން ނިންމެވީ އެމަނިކުފާނުގެ މަދަނީ އަދި އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށްފަހުގައެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނު އަސާސީ މިއޮތް ގޮތުންވެސް ނެތް ކަމަށެވެ. އެމަނިކުފާނަށް ފުރުސަތު ދޭ ކަމަށްވާނަމަ ރާއްޖޭގޭ ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ނަޝީދު ގެންދަވަނީ ގާޒީއަކު ހައްޔަރުކުރި މައްސަލައެއްގައި 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޝައިނީ ވިދާޅުވީ ރާއްޖޭގައި ރާއްޖޭގެ ގާނޫނު އަސާސީ ހިނގާހައި ހިނދަކު ރައީސް ނަޝީދަށް އިންތިޚާބުގައި ފުރުސަތެއްނެތް ކަމަށެވެ.

އޭގެ އިތުރަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އދ. ގެ އެ ނިންމުން ބަލައި ނުގަންނަ ކަމަށެވެ. ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސްޕްރީމް ކޯޓުންވެސް ތާއީދު ކުރައްވައިފައިވާތީ ދިވެހި ސަރުކާރުން އެއަށް ރިއާޔަތް ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ ބައިނަލް އަގުވާމީ މުއާހަދާތަކުގައި ބުނެފައިވާ ހުރިހާ ހައްގުތަކެއްވެސް ރައީސް ނަޝީދަށް ދެއްވާފައިވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.