ސާފުރާއްޖެ ކެންޕޭނާ ބެހޭ އެއްބަސްވުމެއްގައި ޕީއެސްއެމްއާކު ސޮއި ކުރައްވައިފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހިންގާ ސާފުރާއްޖޭގެ ކެމްޕެއިނާއި ގުޅުންހުރި ކަންތައްތަކާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިންގާ ހަރަކާތްތައް މާކެޓްކުރުމުގެ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ޕީއެސްއެމްއާއެކު މިއަދު ސޮއި ކުރައްވައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުރާ މަސައްކަތްތަކާއި އެ ކުންފުނިން ތަޢާރަފްކޮށްފައިވާ އަދި ތަޢާރަފްކުރާ ތަފާތު އުފެއްދުންތައް ރައްޔިތުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް އަންގައިދޭންޖެހެނެއެވެ.

އޭގެ އިތުރަށް މިނިސްޓްރީ އާއި، ވެމްކޯގެ ދައުރާއި، ޒިންމާ ތަކާ ގުޅޭ ގޮތުން ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕީއެސްއެމްގެ ޓީވީ، ރޭޑިއޯ، ޕްރިންޓް، އޮންލައިން މީޑިއަމްތަ ކުން މަސައްކަތް ކޮށްދެއްވަންޖެހޭނެއެވެ. އޭގެ އިތުރަށް ކުނި މެނޭޖްކުރުމުގައި ރައްޔިތުން ހޭލުންތެރިކުރުމަކީ ޕީއެސްއެމް އިން ކޮށްދެއްވަން ޖެހޭ ކަމެކެވެ. އަދި ސާފު ރާއްޖެ ކެމްޕެއިންގެ ކަންތައްތަކާއި ވެމްކޯ ގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެފަދަ ޚިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަކީވެސް މި އެއްބަސްވުނުގެ ދަށުން ޕީއެސްއެމްއިން ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. ސާފު ރާއްޖެ ކެމްޕެއިންގެ ހަރަކާތްތަކާއި، ވެމްކޯ އިން ފޮނުވަން ބޭނުންވާ އިޝްތިހާރުތަކާއި އެނައުންސްމަންޓްތައް ހަމަޖެހިފައިވާ އުޞޫލުން ތައްޔާރުކުރު ކުރުމަކީވެސް އެއްބައެއެވެ.

އޭގެ އިތުރަށް ޓީވީއެމް،ޕީއެސްއެމް ނިއުސް، ދިވެހިރާއްޖޭގެ އަޑު، ދިވެހި އެފް.އެމް. އަދި އޮންލައިން މީޑިއާއިން ވެމްކޯ އިޝްތިހާރުކުރުމާއި ކުންފުންޏަށްބޭނުންވާ ޕަބްލިކް ސާރވިސް އެނައުންސްމަންޓްތައް ގެނެސްދިނުމަކީވެސް އެއްބަސްވުމުގައި ވާގޮތުން ޕީއެސްއެމްގެ ޒިންމާއެކެވެ.

މި އެއްބަސްވުމުގެ ދަށުން ޓީވީ އަދި ރޭޑިއޯއިން ސާފުރާއްޖެ ކެމްޕެއިންއާއި ކުނިމަދުކުރުމާއި ބެހޭގޮތުން ރައްޔިޔުން ހޭލުންތެރި ކުރުމަށް ދެފަރާތުން އެއްބަސްވާގޮތެއްގެ މަތިން ޕްރޮގްރާމް އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިގު އިބްރާހީމެވެ. ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.