ކޯޓަށް ހާޒިރު ކުރުމަށްޓަކައި މޮނާޒާ ނައީމް ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ހާޒިރުވާން އެންގުމުން ހާޒީރު ނުވެފައިވާ ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ކުރީގެ ސްޓޭޓު މިނިސްޓަރ އޮފް ހޯމްއެފެއާޒު މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި، ށ. މަރޮށި، އޯކިޑުމާގޭ، އިނާޔަތުﷲ ހޯދުމުގެ މަސައްކަށް ފުލުހުން ފެއްޓެވޫ އެ ދެމީހުން ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކުރެއްވުމުންނެވެ.

ނައީމް ހޯއްދަވަމުން ގެންދަވަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރު ކޮށްދެއްވުމަށެވެ. ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށް ސިވިލް ކޯޓަށް ނައީމް ހާޒިރު ކޮށްދެއްވުމަށެވެ.

އިނާޔަތުﷲ ހޯއްދަވަނީ ސިވިލް ކޯޓުން ބަލަމުންދާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުވާން އަންގައި ހާޒިރުނުވެފައިވާތީއެވެ. ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ކޯޓުން ފުލުހުންނަށް ކުރެއްވި އަމުރުގައި ވިދާޅުވެފައިވަނީ މާދަމާ ހެނދުނު 09:15 އަށް ސިވިލް ކޯޓަށް ޙާޟިރު ކޮށްދެއްވުމަށެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުންވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.