މިނިވަންކަމަށް ތާއީދުކޮށް ބާސަލޯނާގައި އެެތައް ލައްކަ ބަޔަކު މުޒާހަރާކޮށްފި

ކެޓަލޯނިޔާގެ ވެރިރަށް ބާސަލޯނާގައި އިއްޔެ ކުރި މުޒާހަރާގެ މަންޒަރެއް

ސްޕޭނުން ކެޓަލޯނިއާ މިނިވަންކުރަން މަސައްކަތްކުރާ ލީޑަރުން ދޫކޮށްލުމަށް ގޮވާލައި، މިނިވަންކަމަށް ތާއީދުކޮށް އެތައް ލައްކަ ބަޔަކު އިއްޔެ ކެޓެލޯނިޔާ ސަރަހައްދުގެ ވެރިރަށް ބާސަލޯނާގެ މަގުތަކުގައި މުޒާހަރާކޮށްފިއެވެ.
"ހައްގުތަކާއި، މިނިވަންކަަމަށްޓަަކައި، ޑިމޮކްރަސީއާއި އެއްބައިވަންތަކަމަށްޓަކައި، އަހަރުމެން އެމީހުން އަނބެރި އަންނަން ބޭނުން" ސްޕޭނުގައި ހައްޔަރު ކޮށްފައި ތިބި ލީޑަރުން ދޫކޮށްލަން ގޮވާލައި ކެޓެލޯނިޔާގެ ދިދަ ހިފައިގެން މުޒާހަރާކުރަން ނުކުތް މީހުން އުފުލައިގެން ތިބި ފޮތިތަކުގައި ލިޔެފައި ވެއެވެ.
ސްޕޭނުން ކެޓަލޯނިޔާ ވަކިކުރަން މަސައްކަތްކުރާ ދެޖަމާއަތަކުން މި މުޒާހަރާތައް އިންތިޒާކުރީ، ސްްޕޭނުން ރަސްމީކޮށް ވަކިވާން ކެޓެލޯނިޔާގެ ޕާލަމެންޓުން ފާއިތުވި އަހަރު ގަރާރެއް ފާސްކުރުމާ ގުޅިގެން ހައްޔަރުކޮށް މިހާރު އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ތައްޔާރުވަމުންދާ 9 ލީޑަރުން ދޫކޮށްލުމަށް އެދިއެވެ.
ސްޕޭންގެ މައިގަނޑު ދެ ލޭބާ ޔުނިޔަންެގެ ސަރަހައްދީ ގޮތްޕާއި، ސިވިލް ޖަމާއަތްތަކުގެ ތާއީދާއެކު ކުރިއަށް ދިޔަ މުޒާހަރާތަކުގައި 3 ލައްކައަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ސްޕޭންގެ އެންމެ މުއްސަނދި އެއް ސަރަހައްދު ކަމުގައިވާ ކެޓަލޯނިޔާގައި ކުރިއަށްދާ ވަކިވެގަތުމުގެ ހަރަކާތަކީ ފަހުގެ ތާރީޚުގައި ސްޕޭނަށް ކުރިމަތިވި އެންެމެ ބޮޑު ދަސްތޫރީ މައްސަލައެވެ.
ފާއިތުވި ޑިސެންބަރު މަހު ބޭއްވުނު ސަރަހައްދީ އިންތިޚާބުގައިވެސް ވަކިވެގަތުމަށް ތާއީދުކުރާ ޕާޓީތަކުން ވަނީ ކެޓަލޯނިޔާގެ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދާފައެވެ.
32 ހާސް އަކަކިލޯމީޓަރަށް ވުރެ ބޮޑު ކެޓެލޯނިޔާގެ އާބާދީ އަކީ 7 މިލިއަނެވެ. ބާސަލޯނާއަކީ ކެޓަލޯނިޔާގެ ވެރިރަށެވެ. ސްޕޭންގެ އުފެއްދުންތެރިކަމުން ބޮލަކަށް އަހަރަކު ޖެހެނީ 26 ހާސް ޑޮލަަރެެވެ. ކެޓެލޯނިޔާގައި މިއަދަދު 33 ހާސް ޑޮލަރަށް އަރައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.