ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީ ފަރާތުގައި އިތުރު ތޮއްޓެއް ލަނީ

މާލޭގެ އިރުމަތީ ފަރާތުގައި އިތުރު ތޮށިގަނޑެއް ލުމަށް ނިންމައި އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފިއެވެ.

އެމްޓީސީސީއާއެކު ހެދި އެއްބަސްވުމުގައި ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ސޮއި ކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ޒިޔަތެވެ. އިރުމަތީ ފަރާތުގައި އިތުރު ތޮއްޓެއް ލުމަށް ހިންގާ މި މަޝްރޫއަކީ ސައުދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި ތޮށިގަނޑު ލުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ސައުދީ ސަރުކާރުގެ އެހީގައި އަޅަން ނިންމާފައިވާ "ކިންގ ސަލްމާން" މިސްކިތް ޙިމާޔަތް ކުރުމެވެ.

މި މަޝްރޫއުގައި އިތުރު ތޮއްޓެއް ލުމަށް ހަމަޖައްސާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން ކާނިވާ ސަރަހައްދުގައި ހުންނަ ލެމަންގްރާސް ސިޓްރޮން ރެސްޓޯރެންޓާ ހަމައަށެވެ. އެއީ 430 މީޓަރުގެ ތޮއްޓެކެވެ. މިސްކިތްވެސް ހަދާނީ މި ސަރަހައްދުގައެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރ މުއިއްޒު ވިދާޅުވީ މިއީ  މިސްކިތް ޙިމާޔަތް ކުރުމުގެ އިތުރުން އެ ސަރަހައްދުގައި އިންވެސްޓްކުރާ ހުރިހާ ބަޔަކަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ މަޝްރޫއަކަށް ވާނެ ކަމަށެވެ.

އާންމު ގޮތެއްގައި މޫސުން ގޯސްވާ ދުވަސްވަރު އެ ސަރަހައްދަކީ ވަރަށް ބޮޑަށް އުދަ އަރައި ލޮނުގަނޑު ބޮޑުވެގެން އަންނަ ސަރަހައްދެކެވެ. ބަޔެއް ތަންތަނަށް އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ ވިޔަފާރި ބަންދު ކުރަންވެސް ޖެހިފައި މީގެކުރިން އެބަހުއްޓެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.