ސީރިޔާއަށް ދިން ހަމަލާއިން ހާސިލުކުރެވުނީ ކޮން ނަތީޖާއެއް؟

ހޮނިހިރު ދުވަހުގެ ހަމަލާއަށް ފަހު ސީރިޔާގެ ވެރިރަށް ދިމިޝްްޤު

ހޮނިހިރު ދުވަހު ފަތިހު އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް ގުޅިގެން ސީރިޔާގެ ވެރިރަށް ދިމިޝްޤާއި، ހިމްސައަށް ދިން ހަމަލާއަށް ފަހު ތިން ގައުމުން ބުނަމުން ދަނީ ހަމަލާ ވަރަށް ކާމިޔާބު ކަމުގައްޔާއި، މަގްސަދު ހާސިލުވެފައިވާ ކަމުގައެވެ. އެހެންނަމަވެސް ސީރިޔާ ސަރުކާރާއި، ރަޝިޔާ އިން ބުނަމުން ދާ ގޮތުގައި އެހަމަަލާ ވަނީ ނާކާމިޔާބުވެފައެވެ. އަދި ގިނަ މިިސައިލްތައް ވަނީ އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލެވިފައެވެ.
ހަމަލާ ދިން ތިން ގައުގެ އަސްކަރިއްޔާ އިން ބުނަނީ ދިމިޝްގާއި ހިމްސުގައިވާ ވައިގެ ބަނދަރުތަކުގެ އިތުރަށް، ކެމިކަލް ހަތިޔާރު އުފައްދައި ރައްކާކުރާ ތަންތަން ކަމަށް އެމީހުން ބުނާ ތަންތަނަށް 100 އާއި 120 އާ ދެމެދުގެ އަދަދަކަށް މިސައިލް ފޮނުވާލެވިފައިވާ ކަމުގައެވެ. އަދި އެއިން އެއްވެސް މިސައިލެއް ވައްޓާލެވިފައިވާ ވާހަަކަ އެމީހުން ނުބުނެއެވެ. އެމެރިކާގެ ޕެންޓަގަން އިން ބުނީ "ކޮންމެ މިސައިލެއް އޭގެ އަމާޒަށް ވާސިލުވެފައި" ވާކަމުގައެވެ. އަނެއްކޮޅުން ރަޝިޔާއި ވަނީ މިކަން ދޮގުކޮށްފައެެވެ. ރަޝިޔާއިން ބުނި ގޮތުގައި ތިން ގައުމު ގުޅިގެން ދިން ހަމަލާގައި ފޮނުވާލެވުނު މިިސައިލްތަކުގެ ތެރެއިން 71 މިސައިލް ވަނީ ވައްޓާލެވިފައެވެ. ހަމަލާގެ ސަބަބުން އެެއްވެސް މީހަކު މަރުވެފައި ނުވާއިިރު، ހަމަލާ ދިން ތަންތަނަކީ މިހާރު ބޭނުން ނުކުރާ ތަންތަނެވެ.
ރަތް ކަނޑުގައި އޮތް އެމެރިކާގެ މަނަވަރަކުުން އެންމެ ޒަމަނީ ޓޮމަހޯކް ކުރޫޒް މިސައިލް ފޮނުވިއިރު އެމެރިކާގެ ބީ-1 ބޮން އަޅާ ބޯޓުތަކުން ބޮން އެޅިއެވެ. އަދި އިނގިރޭސިވިލާތުގެ ޓޯނޭޑޯ ޖީއާރު-4 ގެ ހަތަރު މަތިންދާބޯޓަކުން ބައިވެރިވެ، ހިމްސް ކައިރީގައިވާ އަސްކަރީ މަރުކަޒަކަށް 'ސްޓޯމް ޝެޑޯ' މިސައިލް ފޮނުވާފައި ވެއެވެ. ފަރަންސޭސީ ރަފާލް ހަނގުރާމަމަތީ ބޯޓުތައްވެސް ބައިވެރިވިއެެވެ
މިހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ދެވުނު ހަމަލާއިން ހާސިލުކުރެވުނީ ކޮންކަމެއް ބާވައެވެ؟ ރަޝިޔާއިން ބުނަނީ ސީރިޔާގެ 6 ވައިގެ ބަނދަރަކަށް 71 މިސައިލް ފޮނުވާލާފައި ވާއިރު، 4 ވައިގެ ބަނދަރަކަށް ފޮނުވުނު ހުރިހާ މިސައިލެއް ވައްޓާލެވިފަވާ ކަމުގައެވެ. އަނެއް 2 ވައިގެ ބަނދަރަށް 7 މިސައިލު އެރި އިރު، އެތަންތަނަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމުގައެވެ.
ތިން ގައުމުގެ ހަމަލާތައް އަމާޒުކުރެވުނު މަރުކަޒުތަކަކީ މިހާރު ބޭނުންނުކުރާ ތަންތަންކަމަށް ރަޝިޔާ ބުނާ ބުނުމަށް ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ވަނީ ތާއީދުކޮށްފައެވެ. އެތަނުން ބުނީ އެމަރުކަޒުތަކުގައި އެތަންތަން ބަލަހައްޓާ ސެކިއުރިޓީ ގާޑުން ފިޔަވައި އެހެން ބަޔަކު ނެތެވެ.
އަސްކަރީ ގޮތުން މާބޮޑު ގެއްލުމެއް ނުދެވުނު އިރު ސިޔާސީ ގޮތުވެސް ބައްޝާރުލް އަސަދުގެ ސަރުކާރަށް މިހަމަލާއިން ކުރާނެ އަސަރެއް ނެތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.