އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ކުރިން ދެއްކީ އެންމެން ގުޅިގެން ދޭތެރެ ބައްދައިދޭނެ ނުވަތަ އެވެރިން ބޭނުންވާ ގޮތަށް ރިޔާސީ އިންތިޚާބެއް ބާއްވައިގެން ވެރިއަކު ހޮވެންދެން އެންމެން އެއްބަސް ކިޔައިގެން އެއްކެންޑިޑޭޓަކު މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭވާހަކައެވެ. ދޭތެރެއަކުން މަޑުމަޑުން މެނިފެސްޓޯ ހަދާވާހަކަވެސް އަޑު އިވެއެވެ. އެކަމަކު އިދިކޮޅުން ނެރޭ އެބުނާ އެއް ކެންޑިޑޭޓަކީ އަދި ވުޖޫދުގައި ވާ ބޭފުޅަކަށް ނުވާތީ އެކިޔާ މީހެއްގެ ސިފައެއް ކުލައެއް ގޮތެއް އަދި ހަމަ ނޭގެއެވެ.
އިދިކޮޅުގައި އަތުގުޅާލައިގެން ތިބި ކަމަށް އެބުނާ އެންމެން ސަރުކާރާއި ދެކޮޅަށް ނުކުމެ މުޅިން ވެސް ދައްކަމުން ގެންދިޔައީ ސަރުކާރު ކަމުނުދާ ވާހަކައެވެ. މިހާރުގެ ރައީސާ އެއްގޮތަކަށްވެސް އެވެރިން ނުރުހޭ ވާހަކައެވެ. ގަޔާނުވާ ވާހަކައެވެ. އެވެރިން ކުރިން އެންމެ ބާރުލާފައި ދައްކަމުން ގެންދިޔައީ މިހާރުގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ވާހަކައެވެ. ބޮޑެތި އަދަދު ތަކުން ޚިޔާނާތްތެރިވެފައިވާ ވާހަކައެވެ.
މިވާހަކަތައް ދައްކަވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި ގިނައީ ނުވަތަ މުޅިންވެސް ތިބީ އެބުނާ ކޮރަޕްޝަންގެ ރަހަ ނިކަން ރަނގަޅަށް ދެކި އޭގައި ހޭކިފައިވާ މީހުން ކަމުގައި ކުރީން ނެރެފައިވާ އޮޑިޓް ރިޕޯޓް ތަކުން ނިކަން ރަނގަޅަށް ސާބިތުވެއެވެ. އެމްޑީޕީގެ އިސް ބޭބޭފުޅުން ނުކުމެވަޑައިގެން ކޮރަޕްޝަންގެ ވާހަކަތައް އަޑު ހަރުކޮށް ދައްކަވާއިރު އެވާހަކަތައް އަޑުއަހަން ކުޑަކޮށް ލަދުގަންނަނީ މިހެންވެގެންނެވެ. އެވެރީންގެ ތިން އަހަރުގެ ވެރިކަމުގެ އޮޑިޓް ރިޕޯޓްތަކުގައި އެހެރަ ވާހަކަތައް އެނގޭ މީހަކު އެވެރީން އެދައްކާ ވާހަކަ އަހާން ހަމަ ޔަގީނުންވެސް ލަދުވެތިވާނެއެވެ.
މީގެއިތުރުން އެވެރިން ވެރިކަމަށް އައުމުގެ ކުރީން ދެއްކި ތިރީސް އަހަރުގެ ވެރިކަމުގެ ކޮރަޕްޝަނުގެ ވާހަކަތަކާއި އެތިރީސް އަހަރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނަމޭ ކިޔައިގެން އެވާހަކަތައް ވިއްކައިގެން ވެރިކަމަށް އައިސް ލިބުނު އެވެރީންގެ ފުރިހަމަ ބާރުވެރިކަމުގައި އެ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފައިސާތައް ހޯދައި ދައުލަތުގެ ބޮޑު ތިޖޫރިއަށް އެފައިސާ ލާން ކުރީ ކޮންކަމެއް ކަމާއިމެދު ވިސްނާލުމުން މިހާރު ޕޯޑިއަމްތަކާއި ޓީވީ ތަކަށް އަރާވަޑައިގެން އެބޭފުޅުން އެދައްކަވަނީ ހުސް ހޮޅި ވާހަކަ ކަމުގައި ދެންނެވިދާނެއެވެ.
ދެން އޭގެފަހުން ދައްކަވަން ފެއްޓެވީ ހަމަ އަޖާއިބެއް ފަދަ ވާހަކަ އެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރާން ނުކުތް މީހުން ތެދުވެ ދެން އެގޮވާން ފެށީ މިސަރުކާރުގެ ތެރެއިން އެވެރީން އެކިޔާ އެންމެ ބޮޑެތި ޚިޔާނާތްތައް ހިންގި ކަމުގެ ތުހުމަތުގައި ބެނދެވި ހައްޔަރުވެ، ހަމަ ރަނގަޅަށް ކަސްތޮޅު އެޅިފައި ތިބި ރަތްލާޖެހި ބަޔަކު މިނިވަން ކުރުމުގެ ވާހަކައެވެ. އެމީހުންގެ ޙައްޤުގައި ތެދުވެ ވަކާލާތުކުރަމުންދާއިރު އެއްކަލަ އެވެރީން ގަބޫލުކުރާ މީޑިޔާ ތަކުން ގޮވި "ވައްކަމުގެ" ވާހަކަތަކަކީ ވެސް މުޅީން ހޮޅި ވާހަކަ ތަކަކަށްވެ އެމީހުންނަކީ "ސިޔާސީ ޚިޔާނާތްތެރިން" ކަމުގައި ވެ ނިމުނީއެވެ. ވެރިކަން ވައްޓާލުމަށް އެވެރީން ގުޅިގެން ގެނައި ބޮޑު "ބަޣާވާތު"ގައި އެވެރިން އެކިޔާ ޚިޔާނާތްތައް ހިންގި މީހުން، "ސިޔާސީ ޚިޔާނާތްތެރިން" ކަމުގައި ކަނޑައެޅި ނިމި، އެގޮތަށް ލިޔެ، އެވެރީން މިނިވަން ކުރުމަށްވެސް އެންމެ ފަހުން ނިންމީއެވެ. އެވެރިން ބުނާ ކޮރަޕްޝަން ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދިއުމާވެސް އެންމެ ފަހުން ދެކޮޅު ހެދީއެވެ. މިއީ މިއަދުގެ ހަޤީގަތެވެ.
އެވެރީން ބޭނުންވީމާ އެބުނާ ބޮޑެތި ޚިޔާނާތްތެރިން ކުށެއްނެތް މައުސޫމް ސިޔާސީ މީހުންގެ ގޮތުގައި ސިއްކަ ޖަހައި އެމީހުން މިނިވަން ކުރާން ގޮވާންފެށީއެވެ. ވޭތުވެދިޔަ ކުރު މާޒީގައި ހިނގާފައިވާ މިފަދަ ކަންކަމަށް ނަޒަރު ހިންގާލާއިރު އެއީ އަދި މާބޮޑު ހައިރާން ކަމެއް ލިބި ސިހުންވާ ވަރުގެ ވެސް ކަމެއް ނޫނެވެ.
ތިނެއް ނޮވެމްބަރުގެ ޚާއިނުން މިނިވަންކޮށް އެމީހުންނަށް އިހުތިރާމާއި ޤަދަރާއި އިއްޒަތް އަލުން ދިން ދިނުމާއި، އެމްޑީޕީގެ ވެރިކަން ވައްޓާލި ކަމަށް ތުހުމަތުކޮށް ބާޣީންގެ ގޮތުގައި ސިއްކަ ޖެހި މީހުން ޣާޒީންނަށް ހެދި ބަޔަކު، އަމިއްލަ އެދުމެއް އޮވެއްޖެއްޔާ، ޣައްދާރުންނާއި ޚާއިނުންނާއި ބާޣީން ޣާޒީންނަށާއި ޤައުމީ ބަޠަލުންނަށް ނުހަދާނެ ކަމަށް ހީކުރުމަކީވެސް މޮޔަކަމެއްތާއެވެ.
ކޮންމެއަކަސް މިއަދު ކުއްލިއަކަށް އިދިކޮޅުގައި އަތުގުޅާލައިގެން ތިބި ކަމަށް އެބުނާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން މާ ބާރަކަށް މެނިފެސްޓޯއެއް ހަދަމުން ގެންދާ ވާހަކަ ދައްކާއިރު އެއީ ކޮން ރިޔާސީ އިންތިޚާބަކަށް، ކޮން ބަޔަކަށް ވިއްކަން ހަދާ މެނިފެސްޓޯއެއްތޯ ސުވާލު އުފައްދާ ސަބަބުތައް އެއްފަރާތްކޮށްފައި ކުއްލިއަކަށް އެމްޑީޕީން ހަދަމުން ގެންދާކަމަށް އެބުނާ މެނިފެސްޓޯއާ ގުޅުންހުރި ވަރަށް އާދަޔާ ޚިލާފު ވާހަކަތަކެއް މިވަނީ އަޑުއިވިފައެވެ. މިދެންނެވި މެނިފެސްޓޯ ހިއްޕަވައިގެން ނުކުމެ ވަޑައިގަންނަވާނެ ކެންޑިޑޭޓަކު އަދި ޣައިބުގައި ވީނަމަވެސް އެ މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި ހުންނާނެ ވާހަކަތަކާއި އެމެނިފެސްޓޯގެ މައިގަނޑު މަޤުޞަދާއި އަމާޒު، ދާދިފަހުން އެޕާޓީގެ ރޫހާނީ ލީޑަރުގެ ގޮތުގައި ސިފަކުރެވޭ ލީޑަރު މިވަނީ ކޮންމެވެސް ވަރަކަށް ތިލަކޮށް ދެއްވާފައެވެ.
މިދެންނެވި ވާހަކަ މީޑިޔާތަކާއި ހަމައަށް ތިލަކުރެއްވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވަނީ އެޕާޓީން ލިޔާ މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައި އޮންނާނީ ޒުވާނުން ބިރަކާ ނުލާ މަޖާކޮށްލެވޭނެ ކަމުގެ ޔަގީންކަން ކަމަށެވެ. ޒުވާނުން ޑިސްކޯ ތަކުން އުފާވެރިކަން ހާސިލު ކުރެވޭ ގޮތަށެވެ. މުސްލިމު އަންހެނުން ހެދުން އަޅަންޖެހޭ ގޮތަށް ހެދުން ނޭޅިޔަސް ނުވަތަ ކުޑަމިނުން ބުރުގާ އެޅިޔަސް ނޭޅިޔަސް ވަރިހަމަވާ ގޮތަށެވެ. އިސްލާމްދީނުގައި އޮންނަ އުސޫލުތަކާއި ޚިލާފަށް އިދިކޮޅު ސިޔާސީ ލީޑަރުން ވާހަކަ ދައްކާ ބަހުސް ކުރުމަށް ޖެހިލުންވާން ނުޖެހޭނެ ކަމަށެވެ. "ބިރަކާއި ނުލާ" މަޖާ ކޮށްލެވޭ ގޮތަށެވެ. މިއީ އެމަނިކުފާނު ރާއްޖޭގެ ޒުވާނުންނަށް، މުސްތަޤުބަލުގެ ޒުވާން ޖީލަށް ވިއްކާ މެނިފެސްޓޯގެ އަމާޒެވެ. ވެވަޑައިގަންނަވާ ވަޢުދުތަކުގެ ޚުލާސާއެކެވެ. ހަމަ ހަޤީގަތުގައިވެސް މިހާހިސާބުން ބަސްހުއްޓި ބުނާނެ ހަމަ އެއްވެސް އެއްޗެއް ނޭނގުނެވެ.
މިހާހިސާބުން އުފެދެނީ ވަރަށް ތަފާތު ސުވާލު ތަކެކެވެ. ރާއްޖޭގެ ޒުވާނުންގެ ތާއީދު ހޯދުމަށް މެނިފެސްޓޯ ތަކުގައި ލިޔެ ވިއްކައިގެން ޒުވާނުންނަށް ވަޢުދުވާން އޮތް އެންމެ މުހިންމު ކަންކަމަކީ މިއީ ބާވައެވެ؟ ދިވެހި ޒުވާނުންގެ މުސްތަޤުބަލާމެދު ފިކުރު ހިންގާއިރު، ޒުވާނުންގެ ކަންކަން ވިލަރެސްކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ މަޖާކޮށް ބޭނުންހާ ގޮތަކަށް މުޖުތަމަޢުގައި އުޅެވޭނެ އުސޫލުތަކަކާއި ގޮތްތަކެއް ޤާއިމުކޮށް ފަހިކޮށްދިނުން ތޯއެވެ؟ ބުރުގާ އަޅައިގެންވެސް ނާޅައިވެސް މި އިސްލާމީ މުޖުތަމަޢުގައި އުޅެވޭނެކަން ކަށަވަރުކޮށްދިނުން ތޯއެވެ؟ ޑިސްކޮތެކް ތަކުގައި ނުވަތަ "ނަށާ މާލަމް" ތަކުގައި ޒުވާނުން ހަރަކާތްތެރި ކުރުވައިގެން އެމީހުންނަށް އުފާފާގަތިކަން ހޯދައި ދޭނެކަން ޔަގީންކޮށް ދިނުންތޯއެވެ؟
މިއީ އެންމެ ރަނގަޅު ގޮތްކަމުގައި މިޤައުމުގެ ޒުވާނުންނަށާއި އެމީހުންގެ ބެލެނިވެރީންނަށް ގަބޫލުކޮށް ބަލައިގަނެވޭނަމަ މިހާރުގެ ސަރުކާރުން ރާއްޖޭގެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއާއި މުސްތަޤުބަލަށް ވިލަރެސްކޮށް ހިންގަމުން މިގެންދާ ކަންކަން މުޅިން ގޯހެވެ. ވަރަށްވެސް "ކަޑަ" ވެފައި ނާތަހުޒީބެވެ. އެކިޔާ ޒަމާނީ ޑިމޮކްރެސީއަކަށް ނުފެތެއެވެ. އެވެރީން އެބުނާ ގޮތަށް ހުޅަނގުގެ ސަގާފަތަކަށް ނުފެތެއެވެ.
އެބުނާ ގޮތަށް މެނިފެސްޓޯގައި ލިޔެގެން އެމެނިފެސްޓޯއަށް ޒުވާނުން ވޯޓު ދީގެން އެމެނިފެސްޓޯ ތަންފީޒު ކުރާއިރު، މިހާރު އެތަރައްޤީކުރާ ޒުވާނުންގެ ސިޓީގެ ބޭނުމެއް ނުތެވެ. ޒުވާނުންނަށް ބޯހިޔާވަހިކަމެއް ވެސް ވަޒީފާގެ ފުރުސަތެއްވެސް ބޭނުމެއް ނުވެއެވެ. ޒުވާނުން ބާރުވެރިކުރުވާން އެހިންގާ ކަންކަމާއި އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ފުރުސަތު ހޯދައިދިނުމަށް އެހިންގާ ލޯނު ސްކީމްތަކުގެ ބޭނުމެއް އަމުދުން ނެތެވެ. މަތީ ތަޢުލީމާއި ތަމުރީނު ހޯދައިގެން ނޫނީ ޒުވާން އުމުރުފުރާ ނިންމާލިޔަ ނުދޭން ބާރުއެޅުމަށް އެހިންގާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތެއް މުހިންމެއް ނޫނެވެ. ޒުވާނުން ކުރާނެ ކަމެއްނެތި އަނދިރި ގޯޅިތަކުގެ ކަންކަން މަތީގައި ބިއްޖެހި "ދުންއަރުވާން" ތިބި ތިބުމަށް ނިމުމެއް ގެނަސް އެމީހުން ކުށަށް ހުށަހެޅުމުގެ ފުރުސަތު ބަންދު ކުރުމަށް މިހާރު އެހިންގާ ޕްރޮގްރާމްތަކަކީ އެ މެނިފެސްޓޯއާ ވަރަށް ބީރައްޓެހި ކަންކަމެވެ.
މިހާތަނުން އުފައްދަން ޖެހޭ ސުވާލަކީ ޒުވާނުންނަށް އިސްކަން ދިނުމަކީ އެއްވެސް ހަމައެއް ލަމައެއްނެތި އެމީހުން ބޭނުން ގޮތަކަށް މުޖުތަމަޢުގައި އުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމާމެދު އުފައްދަން ޖެހޭ ސުވާލެވެ. އެގޮތަކީ ޒުވާނުން ޑިސްކޯ ތަކަށް ގޮސް މަޖާކޮށްލުމާއި ސައްވީސް ގަޑިއިރުގެ ތެރެއިން ވަގުތުކޮޅަކު ހަމައިން ނެއްޓެން ބޭނުންވާ ޒުވާނުން" ހަމައިން ނެއްޓޭން އެބުނާ އެއްޗެއް ބޮވެން ޖެހޭނެ ވާހަކަތޯ ސުވާލު އުފައްދަންޖެހެއެވެ. މުޖުތަމަޢުގައި ޒުވާނުންނަށް ފުރުޞަތު ހޯދައިދީ ޒުވާނުން ބައިވެރިކޮށް އެމީހުން ބާރުވެރި ކުރުވުމަކީ ދިވެހީން ބަލައިގަނެގެން ތިބި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ގޮތްތަކާއި ދުރަށް އެމީހުން ގެންދިއުންތޯ ސުވާލު އުފައްދަންޖެހެއެވެ؟
މިކަންކަން ބަލައިގަނެގެން ތިބި ޒުވާނުންކޮޅެއް އެވެރިންނާއެކު އުޅުނެއް ކަމަކު އެއީ މުޅި ޤައުމުގެ ޒުވާނުން ގަބޫލުކުރާ ގޮތް ނޫންކަން ޔަޤީންވެއެވެ. އެވެރީންނާއި އެކު ތިބި ބެލެރިންކޮޅެއް މިގޮތާއި ރުހި ގަބޫލުވެގެން އަތްޖެހިއެއް ކަމަކު އެއީ މި މުސްލިމް މުޖުތަމަޢުގައި ދިރިއުޅޭ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި ގޮތްތައް ހިތުން ރުހުމުން ބަލައިގަނެ، ގަބޫލުކޮށްގެން ތިބި ގިނަ ބެލެނިވެރީން ރުހި ގަބޫލުވާނެ ކަންކަމަކަށް ނުވާނެކަން ކަށަވަރެވެ.