ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ސިއްހީދާއިރާއަށް ކޮށްދެއްވައިފައިވާތީ އެކަން ފާހަގަކުރައްވައި ހެލްތު މިނިސްޓްރީން މޯލްޑިވިއަން ރެޑްކްރެސެންޓް (އެމްއާރުސީ) އަށް އެވޯޑެއް ދެއްވައިފިއެވެ.
އެ އެވޯޑު އެމްއާރުސީއަށް ދެއްވީ ދުނިޔޭގެ ހިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އދ. މަހިބަދޫގައި މިއަދު ބޭއްވި ޖަލްސާގައެވެ.
މިދިޔަ އަހަރު އެމްއާރުސީން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސްޓްއެއިޑު ދެއްވައިފައެވެ. އޭގެ އިތުރަށް ފަސްޓްއެއިޑަރުން ތަމްރީން ކުރުމުގެ ހަރަކާތްތަކެއްވެސް އެމްއާރުސީންވަނީ ހިންގައިފައެވެ. އަދި ސިއްހީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ސިއްހީ މައުލޫމާތު ފޯރުކޮށް ދެއްވުމުގައިވެސް އެމްއާރުސީ ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައެވެ.
މިއަދުގެ ޖަލްސާގައި ވަނީ އިތުރު ދެފަރާތަކަށްވެސް އެވޯޑު ދީފައެވެ. އެއީ ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރި ހޮސްޕިޓަލަށް ދޭ އެވޯޑާއި، ސިއްހީ ދާއިރާއިން ދިރާސާކުރި ފަރާތަކަށްދޭ އެވޯޑެވެ.
ސިއްހީ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރި ހޮސްޕިޓަލަކަށްދޭ އެވޯޑު މިއަހަރު ހާސިލް ކުރެއްވީ ދ. އަތޮޅު ހޮސްޕިޓަލެވެ. ފާއިތުވި އަހަރު އެތަނުންވަނީ މީހުން ހޭލުންތެރި ކުރުމަށް 75 ޕްރޮގްރާމެއް ހިންގައިފައެވެ. އޭގެ ތެރޭގައި ކެންސަރަށް މީހުން ހޭލުންތެރި ކުރުމާއި އެމްއެމްއާރު ވެކްސިން ދިނުމާއި މެޑިކަލް ޗެކަޕް ހެދުން ފަދަ ކަންކަން ވަނީ ކުރައްވައިފައެވެ. ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޚާއްސަކޮށްގެން ދިރާސާ ކުރި ފަރާތަކަށްދޭ އެވޯޑު މިއަހަރު ހާސިލްކުރެއްވީ ޑރ. ޢާއިޝަތު ޝިފާޒާ އެވެ.
މިއަދުގެ ޖަލްސާގައިވަނީ އެޗުޕީއޭގެ ލޯގޯ އިފްތުތާހު ކޮށްދެއްވައިފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ކާމިޔާބީ ތަކާބެހޭ ފޮތެއް ނެރުމާއި، ރާއްޖޭގެ ސިއްހީދާއިރާގެ ރިސާޗުގެ ފަސްވަނަ އަދަދު ވެސް މިއަދުވަނީ ނެރެފައެވެ. އެ ނަމްބަރު ފުރިހަމަ ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިޖަލްސާގައި ބައިވެރި ވަޑައިގެންނެވުމަށް ހެލްތު މިނިސްޓަރ ނާޒިމް މަހިބަދޫއަށް ވަޑައިގެންނެވުމުން އެރަށުންވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.