ގުޅިފައިވާ ތިން ޕާޓީ ކަމަށްވާ އެމްޑީޕީ، ޖޭޕީ، އޭޕީ ގެ އެއްވެސް ކަންބޮޑުވުމެއް އޮތް ކަމަށްވާނަމަ އެކަމެއް ހިއްސާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނަރު އަހުމަދު ޝަރީފް އާދަމް އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޓީތަކާއެކު އީސީ އިން ބޭއްވި ބައްދަލުވުންތަކުގައިވެސް އެޕާޓީތަކުން ބައިވެ ވަޑައިގެންފައި ނުވާ ކަމަށެވެ. އެއީ ކޮމިޝަނުން ހިތާމަ ކުރައްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ޕާޓީ ތަކުން އެ ބައްދަލުވުން ތަކުގައި ބައިވެރި ނުވީ އިލެކްޝަންސް ކޮމިޝަނުގެ ނިޔަތާމެދުވެސް ސުވާލު އުފައްދަވަމުންނެވެ. އީސީގެ ނިޔަތާ މެދު ސުވާލު އުފައްދަވައި އެބޭފުޅުން ބޭނުންފުޅުވީ އެ ތިންޕާޓީއާ އެއްފަހަރާ އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ގުޅިފައިވާ ޕާޓީ ތަކަކީ އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީ. މި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވަން ވަޑައި ނުގެންނެވުމަކީ ހިތާމަ ކުރާ ކަމެއް. އެ ބޭފުޅުން ބޭނުންފުޅުވަނީ ތިން ޕާޓީއާ އެއްކޮށް ބައްދަލު ކުރަން ކަމަށްވާނަމަ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް އޮންނާނެ. އެފަދަ ހުށަހެޅުމެއް އަތުވެއްޖެނަމަ ކޮމިޝަނުގައި އެވާހަކަ ދައްކައި ގޮތެއް ނިންމާނަން،" ޝަރީފް ވިދާޅުވިއެވެ.
އީސީ އިން ސިޔާސީ ޕާޓީތަކާއެކު ވަކިވަކިން ބައްދަލު ކުރެއްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 15 ވަރަކަށް އިސްލާހު ހުށަހެޅުމަށް ޕާޓީތަކުގެ ޚިޔާލު ހޯއްދެވުމަށެވެ. ޝަރީފް ވިދާޅުވީ އެ އިސްލާހުތައް އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ނަމުގައި މަޝްހޫރު ވެފައިވާ ޕާޓީތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕާޓީތަކަށް ފައިސާ ދޫކުރެއްވުމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން އިސްލާހުތައް ހުށަހަޅާއިރު އެބޭފުޅުންގެ މަޝްވަރާއާއި ޚިޔާލު ވަރަށް މުހިންމުވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްލާހު ހުށަހެޅިޔަސް އެކަން ފާސްކުރަން އެތިއްބެވީ މަޖިލީސް މެންބަރުން. އެބޭފުޅުން ފާސްކޮށްދެއްވީމައި މިކަންވާނީ. އަދި ބަހުސް ކޮށްގެން އިސްލާހު ތަކާއެކުވެސް ފާސް ކުރެވިދާނެ. ނުކޮށް ބޭރުވެސް ކޮށްލެވިދާނެ. އެއީ އެކަން އޮންނާނެ ގޮތަކީ،" ޝަރީފް ވިދާޅުވިއެވެ.