މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ޚާއްސަ ޓްރޭނިންގ ޕްރޮގްރާމެއް އިލެކްޝަން ކޮމިޝަނުން މިއަދު ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިހާރު ކުރިޔަށް ގެންދާ ޕްރޮގްރާމްގައި ބޮޑަށް އިސްކަން ދީފައިވާނީ އިންތިޚާބުގެ ކަންކަން ކުރުމަށް ރާއްޖޭގެ އަތޮޅު ތަކަށް ފޮނުވަން ކަނޑައަޅާފައިވާ އޮފިޝަލުންނަށެވެ. މިއަދު ހެނދުނު ފެށި މި ޓްރޭނިންގ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ އޮފިޝަލުން ވަނީ ބައިވެރި ވެފައެވެ.
ރިޔާސީ އިންތިޚާބު ބޯމަތި ވަމުން އަންނައިރު އިލެކްޝަން ކޮމިޝަނުން މިހާރުވެސް ވަނީ އިންތިޚާބަށް ޚާއްސަކޮށް 7 މަސް ދުވަހުގެ ވަޒީފާތަކެއް އިއުލާން ކޮށްފައެވެ. އޭގެތެރޭގައި ކޮމްޕްލެއިންސް ބިއުރޯއަށް ކުރިމަތިލުންވެސް ހިމެނެއެވެ. ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައި ވަނީ ކަނޑައަޅާފައި ހުރި ތާރީޚް ތަކުގައި އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށާއި އެ މާހައުލު ރާއްޖޭގައި އެބައޮތް ކަމަށެވެ.
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކަށް އިލެކްޝަން ކޮމިޝަނުން ދިން ދައުވަތު އިދިކޮޅު ޕާޓީ ތަކުން ވަނީ ގަބޫލު ނުކޮށްފައެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕީއެމުން ވަނީ އިލެކްޝަންގެ ދައުވަތު ގަބޫލުކޮށް އިލެކްޝަނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.