ދެ ފަނޑިޔާރުން ބަންދުގައި ބައިތިއްބަން ސްޕްރީމް ކޯޓުގެ އަމުރެއް ހޯދަންޖެހޭ: ހަސަން

ސްޓޭޓު އޮފް އިމެޖެންސީ (އެސްއޯއީ) ނިމުމަށްފަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބަންދުގައި ބޭތިއްބުމަށްޓައި ސްޕްރީމްކޯޓުގެ ބާކިތިބި ފަނޑިޔާރުންގެ އަމުރެއް ހޯދުން ލާޒިމު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ގާނޫނީ ވަކީލް އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެކަން އެގޮތަށް ނުކުރައްވާ ކަމަށްވާނަމަ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ބަންދުގައި ބޭތިއްބުން ވާނީ ގާނޫނާ ޚިލާފު ބަންދަކަށް ކަމަށެވެ. އެހެންވީމާ އެ ދެބޭފުޅުން ވަގުތުން މިނިވަން ކުރައްވަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެސްއޯއީ ނިމުމަށްފަހު ސްޕްރީމްކޯޓުގެ ފަނޑިޔާރުން ބަންދުގައި ބޭތިއްބުމަށްޓަކައި ސްޕްރީމްކޯޓުގައި ބާކީތިބި ފަނޑިޔާރުންގެ އަމުރެއް ހޯދުން ލާޒިމު. އެ އަމުރު ނެތި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ބަންދުގައި ބޭތިއްބުންވާނީ ގާނޫނާ ޚިލާފު ހައްޔަރަކަށް. ވަގުތުން މިނިވަން ކުރަންޖެހޭ،" ހަސަން ލަތީފް ވިދާޅުވެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ބަންދުކޮށްފައިވަނީ ސިޔާސީ ބޭފުޅުންތަކެއްވެސް ހިމެނޭ ގޮތަށް 9 ބޭފުޅަކު ޖަލުން ދޫކޮށްލުމަށް ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ކުރެއްވި އަމުރަށް ފަހުގައެވެ. އެފަހުން ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރެއްވުމަށްފަހު އޭގެތެރެއިން އެ ދެބޭފުޅުން ބަންދުކޮށްފައެވެ.

ދެ ފަނޑިޔާރުންގެ އިތުރަށް ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ދަނބި ދަރިކަލުން މުހައްމަދު ނަދީމްވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ބަންދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.