ދިވެހި ރާއްޖެއަށް އަންނަ ބޭރުގެ އުޅަނދު ފަހަރުން އެފަރާތުގެ ސަލާމަތަށްޓަކައި ގެންނަ ހަތިޔާރާމެދު އަމަލު ކުރާނެ ގަވައިދެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓ (އެމްއެންޑީއެފް) އިން އެކުލަވާލައި އެއަށް އަމަލު ކުރަން ފަށައިފިއެވެ.
"ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު" ގެ ދަށުން ބާރު ލިބިގެން ޑިފެންސް މިނިސްޓްރީން ގަވައިދެއް ހެދީ ރާއްޖޭގެ ސަރަޙައްދަށް ވަންނަ އުޅަނދު ފަހަރާއި، ރާއްޖޭގެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދު ފަހަރު، ދަތުރު ކުރުމުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް އުޅަނދު ފަހަރުގައި ބަހައްޓާފައި ހުންނަ ރާއްޖެއަށް ގެނައުން މަނާ ހަތިޔާރާމެދު ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް ގެނައުން މަނާ ހަތިޔާރު، ރާއްޖޭގެ ބަނދަރަކަށް އައުމުގެ ކުރިން އެމްއެންޑީއެފް އާއި ޙަވާލުކުރުމާއި އެފަދަ އުޅަނދު ފަހަރަށް ބޭނުންވާ ހަތިޔާރު ވައިގެ މަގުން ރާއްޖެއަށް ގެނައުމާއި ރާއްޖެއިން ފޮނުވާލުމާބެހޭ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ގަވައިދު ހެދި އެއް މަގްސޮދު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިނިސްޓްރީން މުޅިން އަލަށް ހެދި މި ގަވައިދުގައި ބުނެފައި ވަނީ މި ގަވާއިދުގެ ދަށުން ރާއްޖެއަށް ގެނެވޭނީ 10 މިލިމީޓަރުން ފެށިގެން ދަށް ކެލިބަރގެ ރައިފަލާއި ހޭންޑްގަން އާއި 16 ގޭޖުން ފެށިގެން ދަށުގެ ޝޮޓްގަން ފަދަ ހަތިޔާރެވެ. މިނޫން އެހެން ބާވަތެއްގެ ހަތިޔާރު އެ އުޅަނދެއްގައި ހުރިނަމަ އެމްއެންޑީއެފުން އެތަކެތި އަތުލެވޭނެއެވެ. ގަވައިދުގައި ބުނެފައިވާ ގޮތުން އެފަދަ ހަތިޔާރު ހުރި އުޅަނދެއް ބަނދަރު ކުރެވޭނީ ހަމައެކަނި މާލޭ ބަނދަރުގައެވެ. ނަމަވެސް އެފަދަ އުޅަނދެއް ރާއްޖޭގެ ސަރަހައްދުގެ ތެރެއިންނާއި ސަރަހައްދުގެ ބޭރުން ދަތުރު ކުރުން ހުއްދައެވެ. ހަމައެކަނި އެހެން ސަރަހައްދެއްގައި ބަނދަރު ނުކުރެވެނީއެވެ. އެފަދަ ހަތިޔާރު ހުރި އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިންނާއި ފުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދަންޖެހެއެވެ. އަދި ރާއްޖެ އައުމުގެ ކުރިން "ލޯކަލް ކޯޑިންގ އެޖެންޓެއް" ރާއްޖޭގައި ހަމަޖައްސަންވެސް ޖެހެއެވެ. އެޖެންޓްވެސް ޑިފެންސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. ލޯކަލް ކޯޑިންގ އެޖެންޓަކަށް ވެވޭނެ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތައްވެސް ގަވައިދުގައި ވަނީ ހިމަނާފައެވެ.
ގަވައިދުގައި ވަނީ ރާއްޖެ އަންނަ އުޅަނދު ފަހަރުގައި ހުންނަ ހަތިޔާރު ކަނޑު މަގުން ބޭރު ކުރެވޭނެ ގޮތާއި ވައިގެ މަގުން ބޭރުކުރެވޭނެ ގޮތްތައްވެސް ހިމަނާފައެވެ. ގަވައިދުގައި ބުނެފައިވާ ގޮތުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ހުންނަ އެފަދަ ހަތިޔާރަށް ދައްކަންޖެހޭ ފީ ސަރުކާރަށް ނުދައްކައި 1 މަހަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ އެ ހުރިހާ ހަތިޔާރެއް އެމްއެންޑީއެފަށް ނެގިދާނެއެވެ. ފީ ހަމަޖެއްސުމުގެ އިޚްތިޔާރުވެސް ލިބިގެން ވަނީ ޑިފެންސް މިނިސްޓްރީއަށެވެ. ގަވައިދުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް ގެނައުން މަނާ ހަތިޔާރާއި، އާލާތްތައް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އަގު ކަނޑައަޅާނީ އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތާއި އެކަމަށްޓަކައި ކުރަންޖެހޭ ދަތުރު ތަކަށް ބެލުމަށް ފަހުއެވެ.
މި ގަވައިދު ބުނެފައިވާ ގޮތުން އެފަދަ ހަތިޔާރު ހުންނަ ބަޔެއް އުޅަނދުތައް ގަވައިދުން އިސްތިސްނާ ވާނެއެވެ. އެއީ "ދަ ޔުނައިޓަޑް ނޭޝަންސް އޮފް ދަ ސީ" ގައި ބުނެފައިވާ ގޮތަށް ނުވަތަ ރާއްޖެ ބައިވެރި ވެފައިވާ ބައިނަލް އަގްވާމީ މުއާހަދާއެއްގައި ދައުލަތުގެ މައްޗަށް ވަކިގޮތަކަށް އަމަލު ކުރަން ލާޒިމުވާ ޙާލަތުގައި ބައިނަލް އަގްވާމީ ކަނޑުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ކަމަށްވާނަމަ އެ މުއާހަދާގައި ވާގޮތަށް އެ އުޅަނދަކާމެދު އަމަލު ކުރުމުގެ އިޚްޔާރު ޑިފެންސް މިނިސްޓްރީއަށް ލިބިގެންވެއެވެ.