އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން ސީރިޔާއަށް މިސައިލް ހަމަލާތަކެއް ދީފި

މިއަދު ފަތިހު ދިމިޝްޤުގެ މަތިން ދަތުރުކުރި މިސައިލެއްގެ މަންޒަރު

އެމެރިކާއާއި، ފްރާންސާއި، އިނގިރޭސިވިލާތުގެ އަސްކަރިއްޔާ ގުޅިގެން ސީރިޔާއަށް މިސައިލް ހަމަލާތަކެއް ދީފިއެވެ. ސީރިއާއަށް ހަމަލާދޭން ނިންމިކަން ރާއްޖޭ ގަޑިން މިއަދު ހެނދު 6 ޖެހިއިރު އިއުލާންކުރަައްވަމުން އެމެރިކާގެ ރައީސު ޑޮަނަލްޑް ޓްރަމްޕް ވިދާޅުވީ "ސިރިޔާގެ ޚުދުމުޚުތާރު ވެރިޔާ ބައްޝާރުލް އަސަދުގެ ކެމިކަލް ހަތިޔާރުގެ ކުޅަދާނަކަމާ ގުޅުން ހުރި ތަންތަނަށް އެމެރިކާއިން ސީދާ ހަމަލާ ދިނުމަށް އަހަރެން އަމުރުކޮށްފިން" ކަމުގައެވެ. މި އިއުލާންކުރެއްވުމާއެކު ހަމަލާތައް ފެށިގެން ދިޔައެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ދިމިޝްޤު، ހިމްސް އަދި އެހެން ބައެއް ރަށްރަށުގައި ބާރުގަދަ ގޮވުންތަކުގެ އަޑުއިވިފައި ވެއެވެ.
އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވީ ހަމަލާތައް ދެވުނީ ތިން ތަނަކަށް ކަމުގައެވެ. އެއީ ދިމިޝްޤުގައި ހުރި ރިސާޗް ސެންޓަރަކާއި، ހިމްސުގެ ހަޅަނގުގައި ހުރި ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކާއި، ހަމަ އެތަނާ ދުރުނޫން ހިސާބެއްގައި ހުރި ކެމިކަލް ހަތިޔާރު ބޭނުންކުރުމާ ގުޅޭ އާލާތްތައް ހުރި ތަނަކަށެވެ.
ޖެނެރަލް ޑަންފޯޑް ވިދާޅުވީ ރަޝިޔާ ސިފައިން ހަރަކާތްތެރިވާ ތަނަކަަށް ހަމަލާ ނުދޭން އެމެރިކާ ވަރަށް ބޮޑަށް ބަލާފައި ވާނެކަމުގައެވެ.
މިސައިލް ފޮނުވާލުމަށް އެމެރިކާއިން ބޭނުންކޮށްފައިވަނީ ރަތް ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރެެކެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި 13 މިސައިލް ފޮނުވާފައި ވެއެވެ. މި ހަމަލާގައި ބީ-1 ބޮންއަޅާ ބޯޓުވެސް ބޭނުންކޮށްފައި ވެއެވެ. އިނގިރޭސިވިިލާތުން ބޭނުންކުރީ ހަތަރު ޓޯނޭޑޯ މަތިންދާ ބޯޓެވެ. އެ ބޯޓުތަކުން ހަމަލާ ދިނީ ހިމްސްގެ ކައިރީގައިި ހުރި ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށެވެ. ފްރާންސުންވެސް ބޭނުންކުރީ ހަނގުރާމަ މަތީ މަތިންދާބޯޓެވެ. އެބޯޓުތަކުން ހަމަލާ ދިން ތަނެއް ސާފު ނުވެއެވެ.
މަންޒަރު ދުށް މީހަކު ބީބީސީ އާ ވާހަކަދައްކަމުން ބުނީ ދިމިޝްްޤުގައި ހަ ގޮވުމެއްގެ އަޑު އިވިފައިވާ ކަމުގައެވެ. އަދި ގޮވުންތަކުގެ އަޑު އިވިފައިވަނީ ސައިންޓިފިކް ސްޓަޑީސް އެންޑް ރިސާޗް ސެންޓަރ ހުރި އަވަށުން ކަމުގައެވެ. ސީރިޔާގެ ރަސްމީ ޓީވީންވެސް ވަނީ އެ ސެންޓަރަށް ހަމަލާ އެރިކަން ކަށަވަރު ކޮށްދީފައެވެ.
ސީރިޔާ ޓީވީން ބުނީ ހިމްސްއާ ދިމާއަށް އައި މިސައިލްތައް އޭގެ އަމާޒަށް ވާސިލުވުުމުގެ ކުރިން ވައްޓާލާފައިވާ ކަމުގައެވެ.
ވޮޝިންޓަނުގައި ހުންނަ ރަޝިޔާ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ 'މި އުދުވާނުގެ ނަތީޖާ ވަރަށް ގޯސްވާނެ' ކަމުގެ އިންޒާރު ދީފައެވެ.
ހަމަލާތައް ދެމިގެން ގޮސްފައިވަނީ ގަޑިއެއްހާ އިރަށެެވެ. ރާއްޖޭގަޑިން 7 ގަޑި 5 ގައި އެމެރިކާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ޑަންފޯޑް ވަނީ 'ހަމަލާތަކުގެ މިބުރު ނިމިފައި' ވާ ކަން އިއުލާންކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.