ކަޝްމީރުގައި އުމުރުން 8 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގައި ސަރުކާރަށް ޚިދްމަތު ކުރި އިސްފަރާތަކާއި 2 ފުލުހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދައުލަތަށް ގިނަ ދުވަހު ޚިދްމަތްކުރި މީހެއް ކަމުގައިވާ ސަންޖީ ރާމް ވަނީ އޭނާއަށް ބޮޑު ބޭބެ ކިޔާ ފުލުހަކަށް އާސިފާ ބާނޫ ކިޑްނެޕް ކުރުމަށް އަންގާފައެވެ. އޭނާވަނީ ހިންދޫ ޖައްމޫ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ކަތުއާ އިން އާސިފާ ނިސްބަތްވާ ބަކެރްވާލް ޖަމާއަތުގެ މީހުންނަށް ބިރު ދައްކައި އެ ސަރަހައްދުން ފޮނުވާލުމަށް އަންގާފައެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީ މަހު އެވެ.
އާސިފާ ކިޑްނެޕްކޮށް ފޮރުވައިގެން ގެންގުޅުނީ ހިންދޫ ފައްޅިއެއްގައެވެ. އަދި ޖެނުއަރީ މަހުގެ މެދުތެރޭގައި ހަތަރު ދުވަހެއްގެ މަތީން ތިން މީހަކު ވަނީ އޭނާ ރޭޕްކޮށްފައެވެ. ފުލުހުންގެ ރިޕޯޓްތަކާ ހަވާލާދީ މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި މި ތުއްތު އަންހެން ކުއްޖާ ކިޑްނެޕް ކުރި މީހާ ވަނީ އާސިފާ އަށް އަނިޔާކޮށް ކަރުގައި ހިފާ، ގަދަކަމުން ނިދާ ބޭސް ކާންދީފައެވެ. އެއަށްފަހު މަގުމަތީގައި ކޫއްތާފައި ގެންގޮސް ފައްޅި އެއްގައި ބަންދުކޮށްގެން ގެންގުޅެފައެވެ. މި ތުއްތު ކުއްޖާ ބަންދުކޮށް ޖެހިގެން އައި ތިން ދުވަހު ތިން މީހަކު ވަނީ އޭނާ ރޭޕްކޮށްފައެވެ.
އާސިފާ ރޭޕްކުރި މީހުން ތަހުގީގުގައި ބުނެފައިވަނީ އެމީހުން އޭނާ ރޭޕް ކުރީ އާސިފާ ނިސްބަތްވާ ޖަމާއަތުގެ މީހުން އެސަަރަހައްދުން ފައްސާލުމުގެ ބޭނުމުގައެވެ. އާސިފާ ޖަންގަލި ތެރެއަށް އެއްލާލުމުގެ ކުރީންވެސް އެ ތިން މީހުންގެ ތެރެއިން އެކަކު ވަނީ އޭނާ އިތުރު އެއް ފަހަރު ރޭޕްކުރަން ބާރު އަޅައިފައި ކަމަށް ތަހުގީގަށް އެމީހުން ކިޔައިދީފައވާ ކަމަށް ވެއެވެ.
އާސިފާގެ ހަށިގަނޑު ފެނުނީ އޭނާ ވަގަށް ނެގި އިރު ލައިގެން ހުރި ދަނބު ކުލައިގެ ހެދުމާ އެކު ލެއިން ތަތް ތެޅިފައި އޮއްވައި ޖަންގަލި ތެރެއިންނެވެ.
ޖައްމޫ ކަޝްމީރް ފުލުހުންނާ ހަވާލާދީ މީޑިއާގައިވާ ގޮތުން އާސިފާ ރޭޕްކޮށް މަރާލި މައްސަލައިގައި މިހާތަނަށް 8 މީހަކު ވަނީ ހައޔްރުކޮށްފައެވެ. އަދި އެ 8 މީހުންގެ ތެރެއިން ގިނަ މީހުން ކުށަށް އިއުތިރާފްވެފައިވާ ކަމަށް ވެއެވެ. ތުހުމަތު ކުރެވޭ 8 މީހުންގެ ތެރެއިން 2 މީހުންނަކީ ފުލުހުންނެވެ. އަދި އެމީހުން ވަނީ ކުށް ފޮރުވުމަށް ރިޝްވަތުގެ ގޮތުގައި އެތައް ހާސް ޑޮލަރެއް އަތުލައިފައެވެ.
ހިންދޫންނާ މުސްލިމުންނާ ދެމެދު ހަމަނުޖެހުން ހިނގައި މިފަދަ ހާދިސާތައް ހިނގުމަކީ އިންޑީއާގައި ވަރަށް އާއްމު ކަމެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ފަރާތްތަކުން ދަނީ މި މައްސަލު ފުލުހުންގެ އަތުން ނަގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އާ ހަވާލު ކުރުމަށް ބާރު އަޅަމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ލުޔެއް ހޯދައި ދިނުމަށް ބީޖޭޕީ އިން ކުރާ ކަމެކެވެ. ބިއުރޯ އަކީ ސެންޓްރަލް ގަވަރންމަންޓްގެ ނުފޫޒް އޮންނަ ތަނަކަށް ވާތީ ބީޖޭޕީއަށް ތަހުގީގަށް ނުފޫޒު ފޯރުވޭނެއެވެ.
ބީޖޭޕީ އިން ކުށްވެރިން ހިމާޔަތް ކުރަން މަސައްކަތް ކުރާކަން ދޭހަވާ ފަދަ ގޮތަކަށް ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާނދީ ވަނީ ޓްވީޓް ކުރައްވައިފައެވެ. ރާހުލް ގާނދި ވިދާޅުވެފައިވާ ގޮތުގައި ކަތުއާގައި އާސިފާ އާ މެދު ހިންގި އަމަލަކީ އިންސާނިއްޔަތާ ޚިލާފު އަމަލެކެވެ. އެހެން ކަމުން އެ އަމަލު ހިންގި މީހުންނަށް އަދަބު ނުދީ ދޫކޮށްލައިގެން ނުވާނެ ކަމަށް ރާހުލް ގާނދީ ވިދާޅުވެފައިވެއެވެ. ރާހުލް ގާނދީ ވަނީ މައުސޫމް ކުއްޖަކާ މެދު އެހައި އިހާނެތި، ލާ އިންސާނީ އަމަލު ހިންގި ބަޔަކާ މެދު ކުރެވޭ ދައުވާ އަކަށް ސިޔާސީ ނުފޫޒު ފޯރުވަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ އަމަލު ހިންގި މީހުންގެ ހިމާޔަތުގައި ވާހަކަ ދައްކަނީ ކޮން ގޮތަކުންތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
އިންޑިއާގެ މަޝްހޫރު ޓީވީ ޖާނަލިސްޓެއް ކަމުގައިވާ ބަރްކާ ދަތު ވަނީ މި އަމަލު ހިންގި މީހުންނަށް ތާއީދު ކޮށް ވާހަކަ ދެއްކެވި ދެ ވަޒީރުން މަގާމުން ދުރުކުރުމަށް ޖައްމޫ ކަޝްމީރުގެ ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ އަށް ގޮަވާލައިފައެވެ. އޭނާ ގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު މޯދީ އަށްވެސް އެވަޒީރުން މަގާމުން ދުރުކުރެެއްވޭނެއެވެ.
މި ހާދިސާ އާއި ގުޅިގެން މެހެބޫބާ މުފްތީ ވެސް ވަނީ ޓްވީޓ ކުރައްވައިފައެވެ. އެކަމަނާގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި އާސިފާ އަށް އިންސާފު ހޯއްދަވައި ދިނުމުގެ އިތުރުން އެ މައްސަލައިގައި ބައިވެރިވި ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެއެވެ. އަދި މިފަދަ އިހާނެތިކޮށް މަައިލެވޭ ކުދީންގެ ހައްގުގައި އެ އަމަލު ހިންގާ މީހުންނަށް މަރަށް ހުކުމް ކުރަން މަޖްބޫރު ވާ ފަދަ ގާނޫނެއް އެކުލަވައިލައްވާނެއެވެ.
އާސިފާ އަށް ދިމާވި ހާދިސާ އާ މެދު ގިނަބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ގިނަ ފިލްމީ ތަރީންނާއި، އަމިއްލަ ޖަމިއްޔާތަކާއި އާއްމުން ދަނީ އާސިފާ އަށް އިންސާފު ހޯދައި ދިނުމަށް އެދި އަޑު އުފުލަމުންނެވެ.