ހާލުގައި ޖެހިފައިވާ ބޯޓެއް އުލިގަމާ ދިމާ ބޭރުން ފެނިއްޖެ

ހާލުގައި ޖެހިފައިވާ ލަކުޑި، މަސްބޯޓެއް ރާއްޖޭގެ އިގްތިސާދީ ޚާއްސް ސަރަހައްދުން ފެނިއްޖެއެވެ. އެބޯޓު މިއަދު ފެނިފައިވަނީ ހއ. އުލިގަމާ 17 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓުގެ މައުލޫމާތު އެންމެ ފުރަތަމަ އެމްއެންޑީއަށް ލިބިފައިވަނީ މިއަދު 15:20 އެހައިކަންހާއިރުއެވެ. އެ މައުލޫމާތު ދީފައިވަނީ ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ށ.ކޮމަންޑޫ "ކުރުމަސް" ދޯނިންނެވެ.

އެމައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ހއ.އުލިގަމާ 17 މޭލު ބޭރުން ފެނިފައި ވަނީ ހާލުގައި ޖެހިފައިވާ އީރާނުގެ ބޯޓެކެވެ. ބޯޓު ހާލުގައި ޖެހިފައިވަނީ އޭގެ ހުންގާނު ހަލާކުވުމުގެ ސަބަބުންނެވެ. އެ ބޯޓު ފެނުނުއިރު އޭގައި އީރާނުގެ 6 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ އެންމެންގެވެސް ހާލު ރަނގަޅެވެ. އެ ބޯޓު ކައިރީގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބޯޓާ ބެހޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.