ސުޕަމާޓު ހިންގާ ދުނިޔޭގެ އެންމެ ބިޔަ ކުންފުނި، އެމެރިކާގެ ވޯލްމާޓުން އިންޑިޔާގެ އޮންލައިން ވިޔަފާރި، ފްލިޕްކާޓުގެ ހިއްސާގެ ބޮޑުބައެެއް ގަންނަން ނިންމައިފިއެވެ. މިކަމާ ގުޅުން ހުރި ބައެެއް މީހުންނާ ހަވާލާދީ އެރެބްނިއުސް އިން ޚަބަރުދޭ ގޮތުގައި އަންނަ ޖޫން މަސް ނިމުމުގެ ކުރިން ވިޔަފާރީގެ މިމުއާމަލާތް ނިމުން ވަރަށް ގާތެެވެ. ފްލިޕްކާޓު ވާނީ ވޯލްމާޓުން ގަންނަ އެންމެ ބޮޑު އޮންލައިން ވިޔަފާރިއަށެވެ.
ރޮއިޓާސް އިން ޚަބަރުދޭ ގޮތުގައި ވޯލްމާޓުން ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބަލައި ނިންމުމަށްފަހު، އެ ކުންފުނިން ނިންމާފައިވަނީ ފްލިޕކާޓުގެ ހިއްސާގެ %30 ގަތުމަށެވެ. އެކަމަށް 10 ބިލިއަން ޔޫއެސް ޑޮލަރާ 12 ބިލިއަން ޔޫއެސް ޑޮަަލަރާ ދެމެދުގެ އަގެއް ވޯލްމާޓުން އަދާކުރާނެއެވެ.
ފްލިޕްކާޓުގެ ހިއްސާ ގަތުމުން އިންޑިޔާގައި ފުޅާވަމުން އޮންނަ އޮންލައިން ވިޔަފާރީގައި އެމޭޒަނާ ވާދަކުރުމަށް ވޯލްމާޓަށް އިތުރު ބާރެއް ލިިބިގެން ދާނެއެވެ. ޚަބަރުލިބޭ ގޮތުގައި ފްލިޕްކާޓު ގަތުމަށް އެމޭޒަނުން ވެސް ވާދަވެރި ހުށަހެޅުމަކަށް ތައްޔާރުވަމުން އެބަދެއެވެ.
ވޯލްމާޓާ އެކު ފްލިޕްކާޓު އަދި މުޅިން އެއްބަސްވުމަށް ނާދެެއެވެ. މިހާރު ދަނީ އެންމެ ފަހުގެ ވާހަކަަތައް ދެކެވެމުންެނެވެ.
ވިޔަފާރީގެ ޚިދުމަތްތަކާ ބެހޭ ކުންފުނި މޯގަން ސްޓޭންލީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިންޑިޔާގެ އޮންލައިން ވިޔަފާރީގެ ބާޒާރު 200 ބިލިއަން ޑޮލަރަށް ފުޅާވެގެން ދާނެއެވެ.
އިންޑިޔާގެ ބަޒާރުގައި ފައި ހަރުކުރެވޭތޯ ވޯލްމާާޓުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ބޭރުގެ ކުންފުނިތަކަށް އިންޑިޔާގެ ރިޓޭލް ބާޒާރަށް ވަނުމަށް ހުރި ގާނޫނީ ހުރަސްތަކުގެ ސަބަބުން ވޯލްމާޓަށް މިހާތަނަށް ހަރަކާތްތެރި ވެވެނީ ހަމައެކަނި ހޯލްސޭލް ބާޒާރުގައެވެ. އެފަދަ 21 ފިހާރަ ވޯލްމާޓުން އިންޑިޔާގައި ހިންގައެވެ.
އަނެެއްކޮޅުން އެމޭޒަނުން ދަނީ އިންޑިޔާގެ އޮންލައިން ބާޒާރުގައި ފްލިޕްކާޓާ ވަރަށް ގާތުން ވާދަކުރަމުންނެވެ. ފްލިޕްކާޓުން ބާޒާރުގެ %40 ކޮންޓުރޯލު ކުރާއިރު އެމޭޒަންގެ ހިއްސާއަކީ %30 އެވެ. އެހެންކަމުން ފްލިޕްކާޓުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން އެންެމެެ ބޮޑުށް ކަންބޮޑުވަނީ، އެމޭޒަނުން ފްލިޕްކާޓު ގަނެފިއްޔާ އެކުންފުންޏަށް އިންޑިޔާގެ އޮންލައިން ބާޒާރުގެ %70 ލިބިދާނެތީއެވެ. އޭރުން އިންޑިޔާގެ ވިޔަފާރިއާ ބެހޭ ގަވާއިދުތަކުގެ ތެރޭގައި ކުންފުނި ތާށިވުން އެކަށީގެންވެއެވެ.
ފްލިޕްކާޓަކީ އެމޭޒަންގެ ކުރީގެ ދެ މުވައްޒަފުން ކަމުގައިވާ ސަޗިން ބަންސާލް އާއި ބިނީ ބަންސާލް (އާއިލީ ގޮތުން ގުޅުމެއް އޮތް ދެ މީހުންނެއް ނޫން) 2007 ވަނަ އަހަރު ބެންގަލޫރުުގައި އުފެއްދި ކުންފުންޏެވެ. އެމޭޒަންގެ ބާނީ ޖެފް ބެޒޯސް ފަދައިން އެ ދެމީހުންވެސް ފުރަތަމަ ފެށީ އޮންލައިންކޮށް ފޮތް ވިއްކާށެެވެ. ފަހުން އެހެން ދާއިރާތަކަށް ފުޅާކުރީއެވެ.