ރާއްޖޭގައި މިވަގުތު ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ސިޔާސީ ޕާޓީ ތަކުގެ އިތުރުން އެހެން ދެ ސިޔާސީ ޕާޓީއެއް އަލަށް އުފައްދަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ ދެ ޕާޓީއެއް އުފައްދަން ކޮމިޝަނަށް ހުށަހެޅި ދެފަރާތުންކުރެ އެއްފަރާތަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އަނެއް ޕާޓީ އުފައްދަން ހުށަހެޅި ފަރާތަށް ކޮމިޝަނުން އަދި ވަކިއެއްޗެއް ނާންގައެވެ.
ޝަރީފް ވިދާޅުވީ ޕާޓީއެއް އުފައްދަން ހުއްދަ ދެވެން ނެތް ކަމަށް އެންގި ފަރާތަށް އެކަން އެންގީ ސިޔާސީ ޕާޓީ އުފައްދަން އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނެތުމުންނެވެ. ނަމަވެސް ސިޔާސީ ދެޕާޓީ އުފައްދަން ކޮމިޝަނަށް ހުށަހެޅީ ކޮން ދެފަރާތަކުން ކަމެއް ޝަރީފް ހާމައެއް ނުކުރައްވައެވެ. ޝަރީފް ވިދާޅުވީ އެކަމުގެ މައުލޫމާތު އަންނަ ހަފްތާގައި ދެއްވާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުގެ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި މިވަގުތު ރަސްޖިޓްރީ ކޮށްފައި އޮތީ ހަ ޕާޓީއެކެވެ. އެއީ އެ ކޮމިޝަނުގައި ފުރަތަމަ ރަޖިސްޓްރީކުރި އެމްޑީޕީ އާއި ޑީއާރުޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަދި ޕީޕީއެމްއެވެ. މީގެކުރިން ޕާޓީތަކުގެ ދަފްތަރުގައި ގިނަ އަދަދެއްގެ ޕާޓީ ހުރިނަމަވެސް މީހުން ހަމަނުވުމުގެ ސަބަބުން އެޕާޓީތައް ވަނީ އުވާލާފައެވެ.