ޕްރިޔަންކާ ޗޯޕްރާ ބޮޑުވަޒީރު މޯދީ އާ ބައްދަލު ކޮށްފި

ގްލޯބަލް ތަރީގެ ނަމުން މަޝްހޫރު ވަމުން އަންނަ ކުޅަދާނަ ތަރި ޕްރިޔަންކާ ޗޯޕްރާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލު ކޮށްފިއެވެ. ޕްރިޔަންކާ މޯދީ އާ ބައްދަލު ކުރީ އިއްޔެއެވެ. އޭނާ އާ އެކު އިންޑިއާގެ ހެލްތް މިނިސްޓަރު ޝްރީ ޖޭ.ޕީ. ނައްދާ އާއި ޗިލީގެ ކުރީގެ ރައީސް މިޝެލް ބެޗްލެޓް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑަބްލިންގައި ކުއަންޓިކޯގެ ޝޫޓިން ނިންމުމަށް ފަހު އޭނާ ނިއު ދިއްލީ އަށް އައީ ޔުނިސެފްގެ ހަރަކާތް ތަކަކަށެވެ. ޕްރިޔަންކާ އަކީ ޔުނިސެފް ގެ ގްލޯބަލް ގުޑްވިލް އެންެބެސެޑަރެވެ. ޕްރިޔަންކާ އާއި އޭނާގެ ޓިމުން މޯދީ އާ ބައްދަލު ކުރީ އަންނަ ޑިސެންބަރު މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ޕާޓްނަރސް ފޯރަމް' ގެ ދައުވަތު ރަސްމީކޮށް އެރުވުމަށެވެ. ޕްރިޔަންކާގެ އިންސްޓެގްރާމްގައި އޭނާ ބުނެފައިވާ ގޮތުގައި މިއަހަރުގެ 'ޕާޓްނާރސް ފޯރަމް' ބޭއްވެނީ ވަރަށް މާތް މަގްސަދެއްގައެވެ. އެއީ ހުރިހައި އުމުރެއްގެ އަންހެނުންނާއި، އަންހެން ކުދީން އަދި ފުރާވަރު އުމުރުގެ އަންހެން ކުދީންނަށް، ފެންވަރު ރަނގަޅު ސިއްހީ ފަރުވާގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ ފޯރަމެކެވެ. މިއީ 2030ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޮޅެކެވެ.

މިއަހަރުގެ ޕާޓްނަރސް ފޯރަމް އިންޑިއާގައި ބާއްވާ އިރު 92 ގައުމަކުން 1200 ފަރާތަކުން ބައިވެރިވާނެއެވެ.

މޯދީ އާ ކުރެވުނު މަޝްވަރާ ތަކުގައި އެކި ގައުމުތަކުން 2030ގެ އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާއި ގައުމުތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.