ސީރިޔާ ސިފައިންގެ ބަރު ހަތިޔާރު ރަޝީޔާއިން ބޭނުންކުރާ އަސްކަރީ މަރުކަޒުތަކަށް

ސީރިޔާ ސިފައިން ހަތިޔާރު އެެއްތަނުން އަނެއް ތަނަށް ބަދަލުކުރުމުގައި

ދޫމާއަށް ފާއިތުވި ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގެ މައްސަަލައިގައި ސީރިޔާއަށް ވަރުގަދަ ހަަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން ދާއިރު ބައްޝާރުލް އަސަދުގެ ސިފައިން ދަނީ އެމީހުންގެ ހަތިޔާރު ސަލާމަތްކުރުމަށް މަސައްކަތްކުރަމުންނެވެ.
ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބައެެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި، ފާއިތުވި ދެދުވަހުވެސް ހަތިޔާރު ގެންދިއުމުގައި ސަރުުކާރު ސިފައިން އަވަދިނެދި ހަރަކާތްތެރިވާތަން ފެނިފައި ވެއެވެ. ސީރިޔާ ސިފައިން ބޭނުންކުރާ ވައިގެ ބަނދަރުތައް ކަމުގައިވާ ޙިމްްޞުގެ ތައިފޫރު ވައިގެ ބަނދަރާއި، ސީން ވައިގެ ބަނދަރުން ބަރު ހަތިޔާރާއި ހެލިކޮޕްޓަރާއި، ހަނގުރާމަމަތީ މަތިންދާބޯޓު، ރަޝިޔާ ސިފައިން ބޭނުންކުރާ ޞިޤާލް ވައިގެ ބަނދަރާއި، ޙަމީމް އަސްކަރީ ވައިގެ މަރުކަޒާއި، ދިމިޝްޤުގެ ބައިނަލް އަގްވާމީ ވައިގެ ބަނދަަރަށް ބަދަލުކުރަމުން ދާތަން ވަނީ ފެނިފައެވެ.
އަދި އަސްކަރީ ލޮރީ ތަކުގައި ސިފައިންގެ ހަތިޔާރު ހަމާއިން ސީރިޔާގެ އައްސޭރީގެ ހިސާބުތަކަށް އުފުލާތަންވެސް ވެނިފައި ވެއެެވެ. މިކަމުން ދޭހަވަނީ ކޮންމެ ވަގުތެއްގައިވެސް އެެމެރިކާއާއި ހުޅަނގުން ހަމާލާދީފާނެކަމަށް ސީރިޔާއާއި ރަޝިޔާއިން ގަބޫލުކުރާކަމެވެ.
އިދިކޮޅު ފަރާތްތަކުން ޚަބަރުދޭގޮތުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ތެރެއިން ބަދަލުކޮށްފައި ވަނީ ހަމައެކަނި ފަހުގެ ބޯޓުތަކެވެ.
"އެމެރިކާގެ މިސައިލްތައް ސީރިޔާއާއި ދިމާއަށް އެބަ އާދޭ" އޭ ވިދާޅުވެ ރައީސު ޓްރަމްޕް ޓްވީޓުކުރައްވާފައިވާއިރު، ރަޝިޔާއިން ވަނީ ސީރިޔާއާ ދިމާއަށް ފޮނުވާ އެމެރިކާގެ މިސައިލްތައްވައްޓާލާނެކަމާއި، މިސައިލްތައް ފޮނުވި ތާނކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.
އެމެރިކާގެ ހަމަލާތައް ކޮންމެ ވަގުތަކުވެސް އަތުވެދާނެ ކަމުގެ އިންތިޒާރުގައި ސީރިޔާގެ އާއްމު ރައްޔިތުން ތިބި އިރު، އެ ހަމަލާތަކުގެ ސަބަބުން ބައްޝާރު ބަލިކަށިވެދާނެ ކަމަކަށް އަދި ސީރިޔާގައި ހިނގާ ކަންކަމަށް މާ ބޮޑު ބަދަލުތަކެއް އަތުވެދާނެކަމަކަށް އެމީހުން ގަބޭލެއް ނުކުރެއެވެ. އެމީހުން ކަންބޮޑުވަނީ މިހަމަލާތަކުގެ ސަބަބުން ސީރިޔާގެ ވަތުއޮނިގަނޑު އިތުރަށް ހަލާކުވާނެތީއެވެ.
ދޫމާއަށް ހޮނިހިރި ދުވަހު ކެމިކަލް ހަމަލާއެއް ދީފައިވާ ކަމަށް ސީރިޔާ ސަރުކާރާއި، ރަޝިޔާއިން އިންކާރުކުރާއިރު، ޑަބްލިޔުއެޗްއޯ އިންވެސް ވަނީ އެސަރަހައްދުން ވިހަގޭހުގެ އަސަރު ފެނިފައިވާކަން ޔަގީންކޮށްދީފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.