(04 އޭޕްރީލް 2018 ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ) އެބައިމީހުންގެ ދީނީ ހަޔާތަށް ބަލާއިރު ބުުދުދީން އެތަނުގައި އޮތްކަމަށާއި، ބުދަށް އަޅުކަންކުރަމުން އައިކަމަށް އަހަރުމެން ވާނީ އިޝާރާތްކޮށްފައެވެ. އިބްނު ބަޠޫޠާ މިކަން ކަށަވަރުކޮށްދެއްވާފައި ވެއެވެ. އަލްފަޤީހު ޢީސާ އަލްޔަމަނީއާއި އަލްފަޤީހުލް މުޢައްލިމު އަލްޤާޟީ ޢަބްދުﷲގެ ފަރާތްޕުޅުން އޭނާ ގެންނަވާފައިވާ ވާހަކަތަކުގައެެވެ. އެއީ އެރަށްތަކުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނެވެ. އިބްނު ބަޠޫޠާ ސިފަކުރައްވާފައި ވަނީ އެއީ އިތުބާރުކުރެވޭ ބޭފުޅުން ކަމުގައެވެ. އެބޭފުޅުން ވިދާޅުވެފައި ވަނި އެރަށްތަކުގެ މީހުންނަކީ ކުރިން ކާފަރުން ކަމުގައެވެ. އެރަށްތަކުގައި މަޑުމަޑުން އިސްލާމްދީން ފެތުރެން ފެށީ ވިޔަފާރިވެރިންނާއި، އެރަށްތަކުގައި ވަޒަންވެރިވި އަރަބިންނާއި މުސްލިމުންގެ އެތައް ބައެއްގެ މަސައްކަތުންނެވެ. ވަކިން ޚާއްޞަކޮށް މަޣުރިބުކަރައިގެ އަބުލް ބަރަކާތު ޔޫސުފު އަލްބަރްބަރީގެ މަސައްކަތްޕުޅުންނެވެ. އޭނާ އައްދީބަޖާތަށް ޒިޔާރަތްކުރެއްވީ ހިޖުރައިން 548 (1153 މ.) ވަނަ އަހަރުގައެވެ. އެއަށް ފަހު، އޭނާ އެރަށްތަކުގައި އިސްލާމްދީން ފަތުރުއްވައި، އެރަށްތަކުގެ މީހުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ. ވަކިން ޚާއްޞަކޮށް އިމާމު މާލިކުގެ މަޒުހަބަށެވެ. "އެބައިމީހުން އަދާއި ހަމައަށް (އިބްނު ބަޠޫޠާ އެރަށްތަކަށް ޒިޔާރަތްކުރެއްވި ދުވަސްވަރު) ވެސް ތިބީ އެ މަޒުހަބުގައެވެ. އޭނާގެ ސަބަބުން އެބައިމީހުން މަޣުރިބުކަރައިގެ މީހުންނަށް މާތްކޮށް ހިތައެވެ. އޭނާގެ ނަމުގައި ބިނާކުރެވިފައިވާ މިސްކިތެއް ވެސް ހުރެއެވެ. ހުކުރު މިސްކިތުގެ މިހްރާބުގޭގައި ހުރި ލަކުޑިފިލައެެއްގައި މިފަދައިން ލިޔެވިފައި ވަނިކޮށް އަހުރެން (އިބްނު ބަޠޫޠާގެ ވާހަކަ) ކީމެވެ. 'އައްސުލްޠާނު އަޙްމަދު ޝަަނޫރާޒާ އިސްލާމްވެވަޑައިގަތީ އަބުލް ބަރަކާތު ޔޫސުފު އަލްބަރްބަރީ އަލްމަޣްރިބީގެ އަތްޕުޅު މައްޗަށެވެ.' ރަސްގެފާނު ވަނީ އެރަށްތަކަށް ލިބޭ ވާރުގެ ތިންބައިކުޅަ އެއްބައި ދަތުރުވެރިންގެ ގޮތުގައި އެރަށްތަކަށް ދާ މީހުންނަށް ޞަދަޤާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެރަށްތަކުގެ މީހުން އިސްލާމްވާން މެދުވެރިވީ އެބައިމީހުން ކަމުގައި ވާތީއެވެ. އަދާ ހަަމައަށް ވެސް (އިބްނު ބަޠޫޠާގެ ދުވަސްވަރު) އެކަން އޮތީ އެގޮތަށެވެ." ތާރީޚީ ދިރާސާތައް ކުރައްވާ ޢަބްދުލް ހާދީ އައްތާޒީ ދިވެހިރާއްޖޭގައި ހުރި އެ މިސްކިތަށް 1410 ހ. (1990 މ.) ގައި ޒިޔާރަތްކުރެއްވިއެވެ. އަދި ހަމަ އެ ލިއުން ދެކެވަޑައިގަތެވެ.
އަދި އިބްނު ބަޠޫޠާ ލިއުއްވާފައިވާ ގޮތުގައި \ "އެރަށްތަކުގެ ހުރިހާ އަހުލުވެރިންނަކީ ދީންވެރި، ހެޔޮލަފާ މުސްލިމުންނެވެ." އައްދީބަޖާތުގެ ކޮންމެ ރަށެއްގައި މިސްކިތެއް ހުންނަ ވާހަކައަށް އަހަރުމެން ވާނީ ކުރިން އިޝާރާތްކޮށްފައެވެ. މިކަމުން ދަލީލުކޮށް ދެނީ އެރަށްތަކުގައި އިސްލާމްދީން އަވަހަށް ފެތުރިގެން ދިޔަކަމަށާއި، އައްދީބަޖާތުގެ ގިނަ ބަޔަކު އިސްލާމްދީން ގަބޫލުކުރަމުން ދިޔަކަމަށެެވެ. އެދި އެރަށްތަކުގައި ޞޫފީން އުޅުނު ކަމުގެ ހެކިތައްވެސް ލިބިފައި ވެއެވެ. އަލްފަޤީހު ޢީސާ އަލްޔަމަނީ އާއެކު އިބްނު ބަޠޫޠާ ޞޫފީންގެ ޖަގަހައަކަށް ޒިޔާރަތްކުރައްވާފައި ވެއެވެ. އަދި ރަނިކަމަނާގެ ގަނޑުވަރުގައި ޞޫފީން ބޭއްވި ޙަފްލާއެެއްގެ ވާހަކަވެސް އިބްނު ބަޠޫޠާ ދައްކަވާފައި ވެއެވެ. "ކިޔަވާ މީހުން ރިވެތި އަޑުން ކިޔެވިއެވެ. ދެން އެބައިމީހުން ލަވައަޑުހައި ނެށިއެވެ. ދެން އަލިފާން ތައްޔާރުކުރެވުނެވެ. ފަޤީރުން ވަދެ އެ އަލިފާނުގެ މައްޗަށް އަރައި އުޅުނެވެ. ފޮނިކާއެއްޗެއް ކާ ފަދައިން ބައެެއް މީހުން އަލިފާން ކައިވެސް އުޅުނެވެ. އެ އަލިފާން ނިވެންދެނެވެ."
ވެރިކަމުގެ ނިޒާމާއި އިދާރީ ހިންގުން
އައްދީބަޖާތުގައި އޮތް ވެރިކަމުގެ ނިޒާމަކީ ރަސްކަމުގެ ނިޒާމެވެ. އަދި ވެރިކަމުގައި އަންހެނުންނަށް ބޮޑު ދައުރެއް ވެއެވެ. އެރަށްތަކުގެ ވެރިކަމަށް ގިނަ އަދަދެއްގެ ރަސްކަލުންނާއި ރަނިން އައިސްފައި ވެއެވެ. އައްދީބަޖާތުގައި ވެރިކަން ކުރާގޮތުގެ ތަފްސީލު ބަޔާންކުރައްވަމުން އަލްއިދްރީސީ ވިދާޅުވަނީ "އަދި އެރަށްތަކަށް ރައީސަކު ވެއެވެ. އޭނާ އެބައިމީހުން އެކަތިގަނޑަކަށް ހަދައި، އެބައިމީހުންނަށް އަންނަ ހަމަލާތައް ދިފާއުކޮށް، އެބައިމީހުން ހިމާޔަތްކޮށް، އޭނާގެ ކުޅަދާނަކަން ހުރި މިންވަރަކުން އެބައިމީހުންގެ ފަރާތުން އެހެން މީހުންނާ ސުލްހަވެއެވެ. މީސްތަކުންގެ މައްޗަށް ވެރިކަން ހިންގައި، އެބައިމީހުންނާ ވާހަކަ ދައްކަނީ އޭނާގެ އަނބިމީހާއެވެ. އޭނާ އެބައިމީހުންނަށް ފަރުދާ ނުވެއެވެ. އޭނާގެ ފިރިމީހާ އަދި ރައީސު ހާޒިވެ އިނަސް އަަނބިމީހާ ކުރާ އަމުރުތަކާމެދު އޭނާ އެެއްވެސް ވާހަކައެއް ނުދައްކައެވެ. އަންހެނުންނަށް ވެރިކަން ދިނުމަކީ ބަދަލުވުމެއް ނެތި އެބައިމީހުންގެ ތެރޭގައި ހިނގަމުން އަންނަ އާދައެކެވެ. ރަނިކަމަނާ ރަނުގެ ގަހަނާ އަޅައެވެ. އަދި ޔާގޫތާއި އަގުބޮޑު ޖަވާހިރުން ޖަރީކުރެވިފައިވާ ރަނުގެ ތާޖެއް ބޮލުގައި އަޅައެވެ. އަދި ފައިވާނަކަށް އަރައެވެ. އެރަށްތަކުގައި އެެއްވެސް މީހަކު ފައިވާނަށް އަރައިގެން ނުހިނގާނެއެވެ. ވަޒީރުންނާއި ރަނިކަމަނާގެ އަރިސް ބޭފުޅުން ފިޔަވައެވެ.
ރަނިކަމަނާއަށް ތަބަޢަވާ ގިނަ އިދާރީ ވަޒީފާތަކެއް ވެއެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ މަގާމަކީ ރަނިކަމަނާގެ ނާއިބެއްގެ ގޮތުގައި ހުންނަ ބޮޑުވަޒީރެވެ. ދެން ފަނޑިޔާރެވެ. އެބައިމީހުންގެ ހުރިހާ ކަމެއްގައިވެސް ހުކުމްކުރާ ފަރާތަކީ ފަނޑިޔާރެވެ. "އޭނާއަކީ އެބައިމީހުންގެ ގާތުގައި އެންމެހާ މީސްތަކުންނަށްވުރެ މަތިވެރި މީހެކެވެ. ރަނިކަމަނާގެ އަމުރާ އެެއް ފެންވަރަކަށް ނުވަތަ އެެއަށްވުރެވެސް ބޮޑަށް އެނާގެ އަމުރު ހިނގައެވެ. އޭނާއަށް ތިން ރަށް ދީފައި އޮވެއެެވެ. އެރަށްތަކުން ލިބޭ ހުރިހާ އެއްޗެއް ނަގަނީ އޭނާއެވެ. ދެން، އެއަށްފަހު ޚަޠީބުންނެވެ. އަދި ރަނިކަމަނާގެ ދީވާނުގެ ވެރިޔާއެވެ. އަދި މަސައްކަތްތަކާ ބެހޭ ވެރިޔާއެވެ. އަދި ކަނޑުގެ ވެރިޔާއެވެ. (ލަޝްކަރުގެ ވެރިޔާ) މިއިން ކޮންމެ މަގާމަކީ ވަޒީރެއްގެ މަގާމެވެ. ދެން، އެއަށްފަހު، އަތޮޅުތައް ހިންގަންތިބޭ ވެރިންނެވެ. އައްދީބަޖާތުގައި އޮންނަނީ 12 އަތޮޅެވެ. އެއީ އުތުރުން ދެކުނަށް: "ބަލްބޫރު"، "ކިންލޯސް"، "މަހަލް"، "ތަލާދީބު"، "ކަރައިދުވާ"، "އައްތީމު"، "ތަލްދުންމަތީ"، "ހަލްދުއްމަތީ"، "ބްރައިދްވާ"، "ކަންދްކުލް"، "މުލޫކް" އަދި އެންމެ ދެކުނުގައި އޮންނަ "ސުވޭދު" އެވެ. ހައިރާންވާން ޖެހޭ ކަމަކީ މީގެ ބައެއް އަތޮޅުތަކުގެ ނަންތައް އަހަރުމެންނަށް ލިބެން ނެތުމެވެ.
ނޯޓު: (މިއީ އިބްނު ބަޠޫޠާ ލިއުއްވާފައިވާ ނަންނަމެވެ. މިނަންތަކަކީ ދިިވެހި ނަންތައް އިބްނު ބަޠޫޠާއަށް އިވިވަޑައިގަތް ގޮތަށް އަރަބިން ލިއުއްވާފައިވާ ނަންތަކެވެ. ދިވެހިރާއްޖޭގައި ގުދުރަތީ 26 އަތޮޅު އޮތް އިރު، އެދުވަސްވަރު އޮންނާނީ އިދާރީ 12 އަތޮޅުކަމަކަށް ލަފާނުކުރެވެއެެވެ. މިއީ އިބްނުބަޠޫޠާއަށް އެެނގިވަަޑައިގަތް އަދަދު ކަމަށް ވެދާނެއެވެ. އަދި ލިއުއްވާފައި ހުރީ އުތުރުން ދެކުނަށް ތަރުތީބުން ކަމަށް ވިދާޅުވިއިރު، ނަންތައް ހުރީ އެތަރުތީބަކުން ނޫނެވެ. އޭނާ ލިއުުއްވާފައިވާ ނަންތަކުގެ ދިވެހި ނަންތައް އަޅުގަނޑަށް ލަފާކުރެވޭ ގޮތަށް ދަންނަވައިލާނަމެވެ.
1- ބަލްބޫރު: ފާދިއްޕޮޅު
2- ކޮންލޯސް: ކިނޮޅަސް (މާޅޮސް މަޑުލު)
3- މަހަލް: މާލެ (މާލެ އަތޮޅު)
4- ތަލާދީބް: ފެލިދޫ (ފެލިދެ އަތޮޅު)
5- ކަރައިދުވާ: ގުރައިދޫ (ކޮޅުމަޑުލު)
6- އައްތީމް: އުތީމު (ތިލަދުންމަތި)
7- ތަލްދުންމަތީ: ތިލަދުންމަތި
8- ހަލްދުންމަތީ: ހައްދުންމަތި
9- ބްރައިދްވާ : ؟
10- ކަންދްކުލް: ކެނދިކޮޅު (މިލަދުންމަޑުލު)
11- މުލޫކް: މުލައް (މުލަކަތޮޅު)
12- ސުވޭދް: ސުވާދީވް (ހުވަދު އަތޮޅު)
އިބްނު ބަޠޫޠާ ލިއުއްވާފައިވާ ބްރައިދްވާ އެއީ ކޮން ރަށެއް ނުވަތަ އަަތޮޅެއްކަން އަޅުގަނޑަށް ލަފާނުުކުރެވުނެވެ. =މުތަރުޖިމު=) (ނުނިމޭ)