ހުޅުމާލޭގެ ފްލެޓްތައް ހިމެނޭ އެކި ސަރަހައްދުގައި ހެދިކާ ވިއްކަން މީހުން ތިބޭތީ އެކަން ޚާއްސަ އުސޫލަކުން ވަކި ސަރަހައްދު ތަކެއްގައި ތިބެވޭ ގޮތަށް ނިންމައި އެކަން ކުރުމަށް އެޗްޑީސީން ދޫކުރާ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ހެދިކާ ވިއްކަން މިހާރު ފްލެޓް ތަކުގެ އެކި ސަރަހައްދުގައި ތިބޭ މީހުންނަށް ވަކިން ޚާއްސަ ތަނެއް ގާއިމްކޮށް އެކަމުގެ ހުއްދައަށް އެދޭ ފޯމު މިހާރު އެޗްޑީސީން ދޫކުރަމުން އަންނަ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ވަގުތު މާދަމާ މެންދުރު ފަހު ހަމަވާނެއެވެ.
އެޗްޑީސީން ހުއްދަ ދޫކުރަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށް ފަހު އަލުން ހުއްދަ އާކުރަން ޖެހެއެވެ. އަހަރަކު 150 ރުފިޔާގެ ފީއެއް ނަގަން ނިންމާފައިވާއިރު ހެދިކާ ވިއްކަން ތިބެވޭނެ ގަޑިއަކީ ހަވީރު 4 ން 6 އަށެވެ. މިހާރު ހެދިކާ ވިއްކަން ތިބޭ ތަންތަނަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ހާމައަށް ހުންނަ ތަންތަން ކަމަށްވާތީ އެކަން ރަނގަޅު ކުރުމަށް އެޗްޑީސީން ނިންމައި ވަކި ޚާއްސަ ހުއްދައަށް އެދޭ ފޯމު ގިނަބަޔަކު މިހާރުވެސް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ހުޅުމާލޭގައި ފްލެޓް ތަކުގެ ސަރަހައްދުގައި ހެދިކާ ވިއްކައިގެން ވަރަށް ރަނގަޅު އާންމުދަނީއެއް ލިބެމުންދާ ކަމަށް އެ މަސައްކަތުގައި އުޅޭ މީހުން ބުނެއެވެ. ހެދިކާ ވިއްކަން އާންމުކޮށް ތިބެނީ ގްރޫޕް ތަކަށް ބަހާލައިގެންނެވެ.