ރާއްޖެއަށް އޮތް އެންމެ ބޮޑެތި ގޮންޖެހުންތައް- ދީން ދޫކޮށްލުން، ދީނަށް މަލާތްމާތް ކުރުން، ދީނުގެ ނަމުގައި ހަނގުރާމަ ކުރުން

ރާއްޖެއަށް މިހާރު ކުރިމަތި ވެފައިވާ އެންމެ ބޮޑެތި ގޮންޖެހުން ތަކުގެ ތެރޭގައި އިސްލާމް ދީން ދޫކޮށްލުމާއި، ފާޅުގައި އިސްލާމްދީނަށް ތައުހީނުކޮށް ދީނާ ދެކޮޅަށް ވާހަކަދައްކައި ދީނާ ދެކޮޅު ގޮވާލުންތައް ގޮވާލުމާއި، ދީނުގެ ނަމުގައި ހަނގުރާމައަށް ދިޔުމާއި، ދީނުގެ ނަމުގައި މާރާމާރީއާއި، ހަނގުރާމަވެރި ޙަރަކާތްތައް ހިންގުމާއި، މިފަދަ ވިސްނުންތައް ގެންގުޅޭ މީހުންގެ ތެރެއިން، މީހެއްގެ ނުވަތަ އެ ބައެއްގެ ވިސްނުންތަކާއި ތަފާތު ވިސްނުން ގެންގުޅޭ ނުވަތަ ގެންގުޅޭކަން އެނގޭ ފަރާތްތަކަށް ފާޅުގައްޔާއި އަދި ސިއްރިއްޔާތުގައި ހަނގާކުރުމާއި، ބިރުދެއްކުމުގެ ޙަރަކާތްތައް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިން މިނިސްޓްރީން ނެރުނު "ދީނީ މިނިވަންކަމާއި، ދީނަށް މަލާމާތް ކުރުމާއި، ހަނގުރާމައަށް ދިޔުމާއި، ދީނުގެ ނަމުގައި ހިންގާ މާރާމާރީ އާއި، ހަނގުރާމަވެރި ހަރަކާތްތައް ހިންގުމާބެހޭ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާމެދު އަމަލު ކުރުމަށް އެކުލަވާލެވިފައިވާ އުސޫލު" ގައި ބުނެފައި ވަނީ އެފަދަ ކަންކަން އިތުރުވަމުންގޮސް މިފަދަ ކަންކަމުގައި ތެރެއިން، މިއަދު ޖިސްމާނީ އަނިޔާއާއި، މަރުގެ ހާދިސާތައްވެސް ކުރިމަތިވަމުންދާކަމީ ގަބޫލުކުރަން ޖެހިފައިވާ ހިތާމަވެރި ޙަޤީޤަތެކެވެ.

މިފަދަ ޢަމަލު ތަކުގެ ސަބަބުން ފަރުދީ ފެންވަރުގައި ދިމާވާ މައްސަލަތަކުގެ އިތުރުން، މިފަދަ ޢަމަލުތަކަކީ، އެކަންކަމުގެ ސަބަބުން، އިތުރު އިޖްތިމާޢީ މައްސަލަތައް އުފެދެމުން އަންނަ ކަންކަން ކަމަށާއި އަދި މިއީ އަޤީދާ އާއި، ފިކުރީ ގަބޫލުކުރުން ތަކުގެ ތެރެއިން އުފެދޭ އަދި ހިނގާ ކަންކަމުގައި ވުމުން، މިކަންކަމުގެ ސަބަބުން މުޖުތަމަޢުގައި ބައިބައިވުމުގެ ފިކުރުތައް އަށަގަނެ، ފިޔަވަޅު ނޭޅިއްޖެނަމަ އެކަންކަން އަތުނުޖެހޭ ހިސާބަށް ދިޔުމުގެ ފުރުޞަތު އޮތްކަމީވެސް ގަބޫލު ކުރަންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހަމައެއާއެކު، މިކަންކަމުގެ ސަބަބުން މިފަދަ ޢާއިލާތަކުގައި ހިމެނޭ އަންހެނުންނާއި، ކުޑަކުދިންނަށް އަދި ދޮށީ ޢުމުރުފުރާތަކުގެ މީހުންނަށް ދިމާވާ އިޖްތިމާޢީ މައްސަލަތަކަކީވެސް، މުހިންމު ކަމެއްދީގެން ޙައްލުކުރަންޖެހޭ ކަންކަންކަމުގައި ވެފައިވެސް ބުނެފައިވެއެވެ.

މިފަދަ ކަންކަމީ ދިވެހިރާއްޖޭގެ އެތެރޭގެ ދާޚިލީ މައްސަލަތަކެއް ކަމުގައިވީ ނަމަވެސް، މިފަދަ ކަންކަމަކީ ބައިނަލް އަޤްވާމީ ފެންވަރުގައި އުފެދޭ އަދި އުފެދިފައިވާ ޚިޔާލާތުގެ އަދި ފިކުރުގެ ހަނގުރާމަ ތަކެއްގެ ތެރޭގައި މޫލާފައި ހުރި މައްސަލަތަކެއް ކަމާއި، މިފަދަ ފިކުރުތައް އުފައްދައި، އެ ފިކުރުތަކުގެ ބާރުތައް ދުނިޔޭގައި ވަރުގަދަ ކުރުމުގެ މައްސަކަތްތަކަކީ، ދުނިޔޭގެ ހުރިހާ ބައްރެއްގައި، ގުނާ އަދަދު ނުކުރެވޭ މިންވަރަށް ފައިސާ ޚަރަދު ކުރެވިގެން، ހިންގޭ ރޭވުންތެރި މަސައްކަތްތަކެއް ކަމުގައިވާއިރު، މިފަދަ ކަންކަން ރާއްޖޭގެ ނިސްބަތުގައި ފެންނަ މިންވަރު މަދުކަމުގައި އިޙްސާސްކުރެވުނު ނަމަވެސް، މިއީ އެއްވެސް ޙާލަތެއްގައި ރާއްޖޭގެ ސަރަޙައްދަށް ހަނިކުރެވިފައިވާ އަދި ހަނިކުރެވޭނޭ މައްސަލަތަކެއް ނޫންކަމުގައިވެސް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އުސޫލުގައި ބުނެފައިވެއެވެ.  އަދި މިފަދަ މައްސަލަތައް ޙައްލުކުރުމަށް ރާއްޖެއިން އެކުލަވައިލެވޭ ސިޔާސަތުތަކާއި، ކުރެވޭ މައްސައްކަތްތަކަކީވެސް، ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ކުރެވޭ ކަންކަންކަމުގައި ވާންޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިފަދަ މައްސަލަތަކުގެ ޙައްލު ހޯދައި އެތެރެއިން ކުރިމަތިވާނޭ ގޮންޖެހުންތަކުގެ އިތުރުން، ބޭރުން ކުރިމަތިކުރުވާނޭ މައްސަލަތައްވެސް މަދުނުވާނެކަން ދަންނަން ޖެހޭނެ ކަމަށާއި، މިނިސްޓްރީން ނެރުނު އުސޫލުގައި ބުނެފައި ވަނީ ބައެއް ފަރާތްތަކުގެ އަމާޒަކަށް ވަނީ، ރާއްޖޭގައި މިފަދަ ކަންކަމާއި ގުޅިފައިވާ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަހޯ ދައި ދިނުން ކަމަށެވެ. އެފަދަ ފުރުޞަތު ތަކަށް ރާއްޖެއިން ޖާގަ ހޯދާ މީހުންގެ އަމާޒަކަށް ވެފައި އޮންނަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމާއި، ހަރުކަށި ވިސްނުމާއި، މިފަދަ ކަންކަމާއި ގުޅިފައިވާ ޢަމަލު ތަކަށާއި، އަދި އާދަތަކަށް ދިވެހިންގެ ތެރެއިން ޖާގަ ހޯދައިދީ، ރާއްޖެއަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންނަށް ފުރުޞަތު ހޯދައިދޭ ގައުމެއްގެ ގޮތުގައި ދިރިއުޅޭ އަދި މިފަދަ ޢަމަލު ތަކަށް ދައުލަތުގެ ފެންވަރުގައި ޖާގަހޯދައިދޭ ގައުމެއްގެ ގޮތުގައި ނަން ކުރުން ކަމުގައިވެސް މިނިސްޓްރީން ނެރުނު އުސޫލުގައި ބުނެފައިވެއެވެ.

"އެހެން ނަމަވެސް، ރާއްޖޭގައި ތަރައްޤީ އާއި ހަމަޖެހުމާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ދިވެހި ދައުލަތުގެ ދުސްތޫރީ އަދި ސިޔާދަތާއި ބާރުވެރި ކަމަކީ ދިވެހި ދައުލަތުގެ ފުރިހަމަ އިޚްތިޔާރުގައި އޮންނަންޖެހޭ އަދި އެމައްޗަށް ދައުލަތުގެ ވެރިން ހަމަ  ކޮންމެ ވަގުތެއްގައިވެސް ފާރަވެރިވާންޖެހޭ، އަދި ވަގުތުގައި ޢަމަލު ކުރުމުގެ ޒިންމާ އަބަދުވެސް އޮންނަ ކަންކަން ކަމުގައި ވުމުން، މިފަދަ ސިޔާސަތެއް މި ހިނދަށް ކަނޑައަޅައި، މި ސިޔާސަތުގެ މައްޗަށް ދައުލަތުގެ ކަންކަން ތަރުތީބު ކުރުމަކީ، ދިވެހި ޤައުމުގެ ކުރިމަގަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ، މި ސިޔާސަތު ކަނޑައަޅައި، އޭގެ މައްޗަށް ޢަމަލު ކުރުމަށް ވަނީ ނިންމިފައެވެ." މިނިސްޓްރީން ނެރުނު އުސޫލުގައި ބުނެފައިވެއެވެ.

"ދީނީ މިނިވަންކަމާއި، ދީނަށް މަލާމާތް ކުރުމާއި، ހަނގުރާމައަށް ދިޔުމާއި، ދީނުގެ ނަމުގައި ހިންގާ މާރާމާރީ އާއި، ހަނގުރާމަވެރި ހަރަކާތްތައް ހިންގުމާބެހޭ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާމެދު އަމަލު ކުރުމަށް އެކުލަވާލެވިފައިވާ އުސޫލު" ރައީސް އޮފީހުން ވަނީ ގެޒެޓްގައި ޝާއިއުވެސް ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.