ކެމިކަލް ހަމަލާއަށް ފަހު ސީރިޔާގައި އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު ސަލާމަތީ މަޖިލިސް 'މަރުތަޅު' އެޅުވިފައި

އިއްޔެ ބޭއްވުނު ސަލާމަތީ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ސީރިޔާގެ ދޫމާގައި ފާއިތުވި ހޮނިހިރު ދުވަހު ދެވުނު ކެމިކަލް ހަމަލާ ތަހުގީގުކުރުމަށް ތަޖުރިބާކާރުންގެ މިނިވަން ކޮމިޓީއެއް އުފެއްދުމަށް ވާދަވެރި ފަރާތްތަކުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ތިން ގަރާރުވެސް ފާސްނުވެ، އެކަމުގައި މަޖިލިސް ހުއްޓުމަކަށް އަތުވެއްޖެއެވެ.
އަންގާރަ ދުވަހު ހުށަހެޅުނު މި ގަރާރުތައް ފާސްނުވެ ދިޔައީ، ސީރިޔާ ސިފައިން ދޫަމާއަށް ދިންކަމަށް ޝައްކުކުރެވޭ ވިހަގޭހުގެ ހަމަލާއާމެދު އެމެރިކާއާއި ރަޝިޔާއާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެ، ސީރިޔާއަށް އަދަބު ދިނުމުގެ ގޮތުން އަސްކަރީ ހަމަލާދޭނެ ކަމުގެ އިންޒާރު ހުޅަނގުން ދެމުންދާ ދަނޑިވަޅެއްގައެވެެ.
އިއްޔެ ފުުރަތަމަ ވީޓޯގެ ބާރު ބޭނުންކުރީ ރަޝިޔާއިންނެވެ. އެއީ، ސީރިޔާާގައި ދެވޭ ކެމިކަލް ހަމަލާތަކުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް ކަނޑައަޅާނެ ވަކި މިނިވަން އިދާރާއެއް ގާއިމުުރުމާ ބެހޭ ގޮތުން އެމެެރިކާއިން ހުށަހެޅި ގަރާރެެއް ވީޓޯ ކުރުމަށެވެ. މަޖިލީހުގެ 12 މެންބަރަކު މިގަރާރާ އެއްކޮޅަށް ވޯޓުދިންއިރު، އިދިކޮޅަށް ވޯޓުދިނީ ރަޝިޔާއާއި ބޮލީވިއާއެވެ. ޗައިނާ ވަކި އަތަކަށް ނުޖެހެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ އުސޫލުތައް ބުނާ ގޮތުން އެތަނުން ގަރާރެއް ފާސްވާނީ ނުވަ މެންބަރު އެއްކަޮޅަށް ވޯޓު ދިނުމާއެކު، ދާއިމީ ފަސް މެންބަރުންކުރެ މެންބަރަކު އެ ގަރާރަކާ ދެކޮޅަށް ވޯޓުނުދޭނަމައެވެ. އެބަހީ ވީޓޯނުކުރާ ނަމައެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނަކީ އެމެރިކާއާއި، ރަޝިޔާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޗައިނާއެވެ.
އިއްޔެގެ ވީޓޯއަކީ ސީރިޔާގެ މައްސަލައިގައި ރަޝިޔާއިން ބޭނުންކުރި 12 ވަނަ ވީޓޯއެވެ. އަދި ކެމިކަލް ހަމަލާތަކުގެ މައްސަލައިގައި ބޭނުންކުރި 6 ވަނަ ވީޓޯއެވެ.
ފަހުން، ކެމިކަލް ހަމަލާގެ މައްސަލަ ތަހުގީގުކުރާނެ ގޮތަކާމެދު ރަޝިޔާއިން ހުށަހެޅި ގަރާރު ފާސްނުވީ އެއަށް އެންމެ 6 މެންބަރުން ތާއީދުކުރުމުންނެވެ. ދެކޮަޅަށް ހަތް މެންބަރުން ވޯޓު ދިންއިރު، ދެ މެންބަރުން ވަކި އަތަކަށް ނުޖެހެއެވެ.
އިއްޔެ ފާސްނުވި ތިންވަނަ ގަރާރަކީ ކެމިކަލް ހަތިޔާރު މަނާކުރުމާބެހޭ ބައިނަލްއަގުވާމީ ޖަމާއަތުގެ ތަހުގީގު ޓީމެއް ސީރިޔާއަށް ފޮނުވުމަށް ގޮވާލައި ރަޝިޔާއިން ހުށަހެޅި ގަރާރެެކެވެ. ފާސްވާންޖެހޭ ވަރަށް ތާއީދު ނުލިބުމުގެ ސަބަބުން މިގަރާރުވެސް ފާސް ނުވިއެވެ.
ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްނުވި ނަަމަވެސް، ކެމިކަލް ހަތިޔާރު މަނާކުރުމާބެހޭ ޖަމާއަތް، އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ވަނީ، އެޖަމާއަތުގެ ވަފުދެއް ސީރިޔާގެ ދޫމާއަށް ފޮނުވާނެކަމަށް ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.