ފާއިތުވި ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ސިފައިންގެ ދެމީހެއްގެ މޫނުމަތީގައި ޖަހައިގެން އިސްރާއީލު ސިފައިން ޢަހްދު އައްތަމީމީ ހައްޔަރުކުރި އިރު އޭނާއަށް އަދި 16 އަަހަރު ނުފުރެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ސިއްރު ފުުލުހުންގެ އިދާރާ 'ޝާބާކް' ގެ އޮފިސަރުންގެ ކުރިމަތީގައި އޭނާ ދައްކާ ހިތްވަރާއި ސާބިތުކަން މިއަދު ވަނީ ފަލަސްޠީނު މީހުން މިިނިވަންވުމަށް ކުރާ މަސައްކަތުގައި މިސާލަކަށް ވެފައެވެ.
ޢަހްދުގެ ވަކީލު ގާބީ ލާންސްކީ އަށް ލިބުނު ތަހުގީގުގެ ވީޑިއޯއަކުން ވަނީ މިކަން ހާމަވެފައެވެ. ލަންޑަނުގައި ނުކުންނަ އަރަބި ނޫހެއް ކަމުގައިވާ އަލްހަޔާތާއި ވާހަކަ ދައްކަމުން ވަކީލު ލާންސްކީ ބުނީ ތަހްގީގު ވީޑިއޯ 'މިނެޓަކުން މިނެޓަކުން' އޭނާއަށް ލިބިފައިވާ ކަމުގައެވެ. ޢަހުދަކީ ކުޑަކުއްޖަކަށް ވާތީ (މިހާރު އުމުރުން 17 ވަނަ އަހަރު) ތަހުގީގުގެ ތަފްސީލު ވަކީލަށް ދިނުން އިސްރާއިލުގެ ގާނޫނު ލާޒިމްކުރާތީއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، ޢަހުދު ގޮވައިގެން ސިފައިންގެ ތިން މީހަކު ތަހުގީގުކުރާ ކޮޓަރިއަށް ވަދެއެވެ. ދެމީހަކު އައިސް އިށީނދެއެވެ. ތިންވަނަ މީހާ ދޮރުމަތީގައި މަޑުކޮށްލައެވެ. ތަހުގީގުކުރާމީހާ ނުފަރިތަކޮށް އަރަބިބަހުން ސުވާލުކުރެއެވެ. "އެއްޗެއް ބޯން ބޭނުންތަ؟" ޖަވާބުގައި ޢަހްދު ބުނެއެވެ. "ނޫން" އޭނާ ސުވާލުކުރެއެވެ. "އެއްޗެއް ކައިފިންތަ؟" އަޙްދު ބުނެއެވެ. "ނޫން" އޭނާ އަނެއްކާވެސް ސުވާލުކުރެއެވެ. "އެއްޗެއް ކާން ބޭނުންތަ؟" މިފަހަރުވެސް ޖަވާބަކީ "ނޫން".
އަރަބި ބަހުން ލިޔެފައިވާ ލިިއުމެއް ޢަހްދަށް ދައްކާފައި، އޭނާއަށް ލިބިގެންވާ ހައްގުތައް ތަހުގީގުކުރާ މީހާ އޭނާއަށް ބުނެދެއެވެ. އޭނާއަކީ ކުޑަކުއްުޖަކަށް ވާތީ، ފުރަތަމަ ހައްގަކަށް އޮތީ ހަނުހުރުމުގެ ހައްގެވެ.
އަނެއްކާވެސް ސުވާލުތައް ފެށުނެވެ. ސުވާލު: "ކަލޭ ގާ އުކިންތަ؟" ޖަވާބު: "އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން"، ސުވާލު: "ސިފައިންގެ ގައިގާ ޖެހިންތަ؟" ޖަވާބު: "އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން"، ސުވާލު: "ތަހުގީގު ފެށުމުގެ ކުރިން އެެއްޗެއް ބުނަން ބޭނުންތަ؟" ޖަވާބު: "އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން"، ތަހުގީގުކުރާ މީހާ ކުރިއަށް ގެންދެއެވެ. "އަހަރެން ކަލެއަށް ދެވަނަ ފުރުސަތެއް ދެން. އެއްޗެކޭ ބުނަން ބޭނުންތަ؟" ޢަހްދު ޖަވާބުދެއެވެ. "އަަހަރެން އެެއްވެސް އެެއްޗެއް ބުނާކަށް ބޭނުމެއް ނޫން"
ތަހުގީގުކުރާ ސިފައިންގެ މީހާ ޢަހްދުގެ ފަރާތުން މައުލޫމާތެއް ހޯދޭތޯ މަސައްކަތްކުރެއެވެ. "ކަލޭގެ ނަމަކީ ކޮބާ؟" ޢަހުދު ޖަވާބުގައި ބުނަނީ "އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން". ސުވާލު: ކަލޭ ދިރިއުޅެނީ ހުޅަނގު އައްސޭރީގަތަ، ނުވަތަ އިސްރާއީލުގަތަ؟". ޖަވާބު:"އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން".
މިހާާ ހިސާބުން ތަހްގީގުކުރާ މީހާ ރުޅިގަަދަ ވެއެވެ. "ބަލަ ނަމާ އެޑްރެހަކީ ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއް ނޫން" ޢަހްދުގެ ޖަވާބަކީ ހަމަ "އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން". ސުވާލު: ފުލުހުން ތަހުގީގުކުރަން އައިތަ؟" ޖަވާބު: "އަހަރެން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިން". ތަހުގީގުކުރާ އެކަކު ރުޅި ކޮންޓްރޯލު ނުކުރެވި ހަޅޭއްލަވައިގަނެއެވެ. "ހުރިހާ ހިނގާލުމެއްގައިވެސް ކަލޭ މަސައްކަތްކުރާ ގޮތުން ހީވަނީ މުޅި ދުނިޔެއަކީ ކަލޭގެ މަސްްއޫލިއްޔަތެއްހެން. އެކަމަކު މިތަނުގައި އެެއްވެސް ވާހަކައެއް ނެތް!" ޢަހްދު އެއްވެސް ޖަވާބެއް ނުދިނެވެ.
ތަހުގީގުކުރާ މީހުން ހެޔޮއެދޭ ކަމަށް އެދިގެން ޢަހްދު ހައްލަން މަސައްކަތްކުރިއެވެ. މަންމައާއި ބައްޕައާއި އެއްބަނޑު ކޮއްކޮއިން ހައްޔަރުކުރާނެ ކަމުގެ ބިރު ދެއްކިއެވެ. ޢަހްދުގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
އިސްރާއީލު ސިފައިންގެ ދެމީހެއްގެ ގައިގައި ޖަަހައި އެމީހުންގެ ގަދަރު ކުޑަކުރުމުގެ ކުށުގައި ޢަހްދު މިހާރު ވަނީ އަށް މަސްދުވަހަށް ޖަލަށް ލައިފައެވެ. އޭނާގެ ހިތްވަރަށް ހުރިހާ ފަރާތަކުން ދަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.
"އަހަރެންގެ ދަރިފުޅަކީ ބަޠަލާ އެެއް. އޭނާއާމެދު އަހަރެން ފަޚުރުވެރިވަން. އޭނާ ވަރަށް އަވަހަށް އެނބުރި އަންނާނެ. އަހަރުމެން އަނެއްކާވެސް މިނިވަންކަމަށްޓަކާ ކުރާ މަސައްކަތް ފަށާނަން." ޢަހްދުގެ ބައްޕަ ފަޚުރުވެރިކަމާއެކު ބުންޏެވެ.