އަވަށްޓެރި އިންޑިއާގެ ލިޔުންތެރިންނަކީ މަހާތަމާ ގާނދީގެ ޒަމާނުން ފެށިގެން އަބަދުވެސް އެގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އިސްކަން ދެއްވާ ބައެއް ކަމަށާއި ހަމަ އެފަދައިން ރާއްޖޭގެ ލިޔުންތެރިންވެސް ގައުމަށް އިސްކަން ދެންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަދާމް ޝަރީފް އުމަރު މިހެން ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޑިޖިޓަލް ރެޕޮޒިޓަރީ [ސަރުނަ] އިފްތިތާޙް ކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ..
މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ލިޔުންތެރިންނަކީ އަމިއްލަ ވަންތަކަމާއި އިންޑިއާގެ މިނިވަންކަމާއި އެމީހުންގެ ގައުމިއްޔަތު ދިރުވުމަށްޓަކައި އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ކަމަށެވެ. އެއީ ނަމޫނާއެއް ކަމަށް ބަލައިގެން ދިވެހި ލިޔުންތެރިންވެސް ރާއްޖެއާ މެދު އެގޮތަށް ލިޔުއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އިންޑިއާއަކީ އެތައް ދިނަކާއި އެތައް ސަގާފަތަކާއި އެތައް ބަހަކުން ވާހަކަ ދައްކާ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ އެތެރޭގެ ހަނުޖެހުމެއް އޮތްކަމެއް ވާނަމަ އެކަމެއް ބޭރަށް ނެރެގެން އެވާހަކަ ދައްކައި ނުހަދާ ކަމަށެވެ.
މިދުވަސްވަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ހެލްކޮޕްޓަރެއްގެ ވާހަކަ މީޑިއާގައި ދެކެވެމުން އަންނަ ދުވަސްވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމާ ބެހޭ ގޮތުން އިންޑިއާ ސަރުކާރުންނާއި ދިވެހި ސަރުކާރުން އެއްޗެއް ވިދާޅު ނުވިޔަސް އިންޑިއާގެ ލިޔުންތެރިން އެގެންދަނީ އެމީހުންގެ ހިތުގައި އެކަމާ ބެހޭގޮތުންހުރި ޖަޒުބާތުތައް ބޭރު ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ހެލިކޮޕްޓަރުގެ ވާހަކަ މީޑިއާ ތަކުގައި ވަރަށް ރަނގަޅަށް ތިލަވަމުން އެބަދޭ. އެކަމާ ބެހޭގޮތުން އިންޑިއަ ސަރުކާރުން، އެއްޗެއް ވިދާޅުނުވި ކަމަށްވިޔަސް އަދި އެކަމާ ބެހޭގޮތުން ދިވެހި ސަރުކާރުން އެއްޗެއް ވިދާޅު ނުވިކަމުގައި ވިޔަސް އިންޑިއާގެ ލިޔުންތެރިންގެ ހިތްތަކުގައި އުތުރިއަރަމުންދާ ޖަޒުބާތު ވަރަށް ރަނގަޅަށް އެދަނީ މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން،" މިނިސްޓަރ ވިދާޅުވިއެވެ.
އެހުރިހާ ލިޔުންތަކެއް ވިދާޅުނުވެވުނަސް ބައެއް ލިޔުންތައް ދިރާސާ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ ލިޔުންތެރިން ވަރަށް ރަނގަޅަށް އެލިޔުންތައް ތަރުޖަމާކޮށްގެން ގެނެސް ދެއްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.